ކޮންގޯގެ ކުރީގެ ރައީސް ޖޯސެފް ކަބީލާއަށް މަރުގެ އަދަބު ކަނޑައަޅައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އަސްކަރީ ކޯޓުން އެ ގައުމުގެ ކުރީގެ ރައީސް ޖޯސެފް ކަބީލާއަށް މަރުގެ އަދަބު ކަނޑައަޅައިފިއެވެ. އޭނާއަށް ޙުކުމް ކޮށްފައި ވަނީ ޤައުމަށް ޣައްދާރުވުމާއި ޓެރަރިޒަމާއި ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ހަނގުރާމައިގެ ކުށްތަކުގެ ދަޢުވާތަކާ ގުޅިގެންނެވެ. ކަބީލާއަށް ޙުކުމް ކޮށްފައި ވަނީ އޭނާގެ ޣެއިރު ހާޒިރުގައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ކަބީލާ ވަނީ ރުވާންޑާގެ ސަރުކާރާއި އާއި ބާޣީ "އެމް 23″ ޖަމާއަތާ ގުޅިގެން މަސައްކަތް ކޮށްފައެވެ. އެމް23 އަކީ، މިއަހަރުގެ ޖަނަވަރީ މަހު ކޮންގޯގެ އިރުމަތީ ސަރަހައްދުގެ މައި ސިޓީތަކެއް ހިފައިފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. އަދިވެސް އެ ސަރަހައްދުތައް ވަނީ ބާޣީންގެ ބާރުގެ ދަށުގައެވެ. 

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކަބީލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ދަޢުވާތަކެއް ދޮގުކޮށްފައެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޭނާއާ ދެކޮޅަށް ޝަރިއަތް ނުކުރެވޭ ގޮތަށް ހިމާޔަތް ދީފައިވީ ނަމަވެސް ސަރުކާރުން ވަނީ މިއަހަރު އެކަބން ނިގުޅައިގެންފައެވެ.

ޖޯސެފް ކަބީލާ ވެރިކަމަށް އައީ 29 އަހަރުގައެވެ. އޭނާއަށް ވެރިކަން ލިބުނީ އޭނާގެ ބައްޕަ ކުރީގެ ރައީސް ލޯރަން ކަބީލާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ލޯރަން ކަބީލާ ވެރިކަމަށް އައީ، ކުރީގެ ޑިކްޓޭޓަރު މޮބޫތޫ ސިސިސީކޯގެ ސަރުކާރު ވައްޓާލާފައެވެ.

2017ގައި ވެރިކަމުގެ ދައުރު ހަމަވުމުން ގައުމުން ބޭރުގައި ސިޔާސީ ހިމާޔަތުގައި ހުރުމަށްފަހު ޖޯސެފް ކަބީލާ އެނބުރި ގޯމާ ސިޓީއަށް އައީ 2023ގައެވެ. އެސިޓީ ކޮންޓްރޯލު ކުރަނީ އޭނާއަށް ތާއީދު ކުރާ ބާޣީންނެވެ.

ހިއްސާ ކުރައްވާ!