މަސްޖިދުިލްހަރާމްގައި ސަލްމާން ރަސްގެފާނުގެ ނަމުން އައު ގޭޓެއް ބަހައްޓަނީ

ސަޢޫދީ ޢަރަބިއްޔާއިން ވަނީ މައްކާގެ މަސްޖިދުލް ޙަރާމް ސަރަޙައްދުގައި "ކިންގް ސަލްމާން ގޭޓް" ގެ ނަމުގައި ގިނަ ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ ތަރައްޤީގެ މަޝްރޫޢެއް ފަށާނެކަން އިޢުލާނުކޮށްފައެވެ. މި މަޝްރޫޢަކީ ސަޢޫދީ އިންވެސްޓްމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މަސްޖިދުލް ޙަރާމްގެ ވަށައިގެންވާ ސަރަޙައްދުގެ ޚިދުމަތްތަކާއި ވަދެނިކުމެ އުޅުމުގެ ކަންކަން ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޖުމްލަ ސަރަހައްދުގެ ބޮޑުމިނަކީ 12 މިލިއަން އަކަމީޓަރެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މައްކާގެ މައި ސަރަޙައްދު އަލުން އައު ގޮތަކަށް ފަރުމާކުރެވި، ޒަމާނީ ސިޓީއެއްގެ ޕްލޭނިންގގެ ނަމޫނާއަކަށް ވެގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްޖިދުލް ޙަރާމަށް ވަދެނިކުތުން ފަސޭހަވެ، ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ސަޢޫދީ ވިޝަން 2030 ގެ ދަށުން ކުރިއަށް ގެންދާ ޙައްޖުވެރިންގެ ތަޖުރިބާ ޕްރޮގްރާމާ އެއްގޮތަށް ޙައްޖުވެރިންނާއި މައްކާއަށް ޒިޔާރަތް ކުރާ މީހުންގެ މުޅި ތަޖުރިބާ އިތުރަށް ފުރިހަމަކަމެއް ގެނަސްދޭނެ އެވެ.

ހިއްސާ ކުރައްވާ!