ހަސީނާއަށް މަރުގެ ނިޔާ އިއްވުމަށް ދައުލަތުން އެދެފި

ބަނގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް-1 ގައި ހިނގި ފަސް ދުވަހުގެ އަޑުއެހުމެއްގެ އެންމެ ފަހު ދުވަހު،  ބަނގްލަދޭޝްގެ ޕްރޮސެކިއުޓަރ މުޙައްމަދު ތާޖުލް އިސްލާމް ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް މަރުގެ އަދަބު ދިނުމަށް އެދިވަޑަިއގެންފައެވެ. މިއީ 2024 ވަނަ އަހަރު ހިނގި މުޒާހަރާތަކުގައި 1،400 މީހުން މަރުވި މައްސަލައާ ގުޅިގެން ކުރިއަށް ގެންގސްފައިޥާ އަޑުއެހުމެކެވެ.

ސަރުކާރު ހިންގާ އަވާމީ ލީގާއި އެޕާޓީއާ ގުޅުން ހުރި ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަން ދިނުމުން ފެށުނު މުޒާހަރާތައް ގައުމީ ފެންވަރުގެ އިހުތިޖާޖަކަށް ބަދަލުވެގެން ދިޔައެވެ. ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާކުރާ މީހުންނަށް ބަޑި ޖަހައި ފައެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަނިޔާވެރިކަން އިތުރުވެ، ހަމަނުޖެހުން ފެތުރިގެން ދިޔައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ހަމަނުޖެހުމުގައި 1،400 މީހުން މަރުވެފައިވާއިރު، މިނިވަން ފަރާތްތަކުން ބުނަނީ މި އަދަދު މިއަށްވުރެ މަތިވެދާނެ ކަމަށެވެ.

ކުރީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޗައުދުރީ އަބްދުﷲ އަލްމައުމޫން ވަނީ މުޒާހަރާގައި މީހުން މަރާފައިވާ ކަމަށް އެއްބަސްވެ ހަސީނާ އަދި ކުރީގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާން ކަމާލް މިކަމުގައި ބައިވެރިވި ކަމަށް ހެކިބަސް ދީފައިވެއެވެ. ހަސީނާ މިހާރު އިންޑިއާގައި ދިރިއުޅެމުންދާއިރު، މި މައްސަލައިގެ ޙުކުމް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!