ޝެއިޚް މުހައްމަދު ނާސިރުއްދީން އަލްބާނީއަށް ތާއިދު ކުރާ ފަރާތްތަކުން ޖޯޑަންގައި އުފައްދާފައިޥާ އިމާމް އަލްބާނީ މަރުކަޒު ބަންދު ކުރަން އަންގައިފައިވާ ކަމަށް ޖޯޑަންގެ އަވްޤާފް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އިމާމް އަލްބާނީ ސެންޓަރ ފޯ ސްޓަޑީޒް އެންޑް ރިސާޗް ގެ ނަމުން ދީނުގެ ޚިދުމަތުގައި މަސައްކަތް ކުރަމުން އައިސްފައިވާ މުއައްސަސާއަކީ ޒަމާނުގެ މުޙައްދިޘް ޢައްލާމާ ނާޞިރުއްދީން އަލްބާނީއަށް ނިސްބަތްވާ މުއައްސަސާއެކެވެ.
ޝެއިޚް އަލް އަލްބާނީ އަކީ ސަލަފީ ވިސްނުމުގެ ބޭފުޅެކެވެ. އަދި އޭނާއަކީ ސޫރިޔާއަށް ހިޖުރަ ކުރެއްވުމަށްފަހު ޒުވާން ދުވަސްވަރު ޙަލަބްއާއި ދިމިޝްޤްގައި އުޅުއްވި ބޭފުޅެކެވެ. އަލަވީ ޚާންދާންގެ ވެރިކަމުގައި އޭނާ ޖަލަށް ލުމަށްފަހު، މިނވަންވެވަޑައިގެން އޭނާ ވަނީ ޖޯޑަންއަށް ހިޖުރަ ކުރައްވާފައެވެ،.
1999 ވަނަ އަހަރު އަވަހާރަވި ނާސިރުއްދީން އަލްބާނީއަކީ، ޒަމާނުގެ ހަދީޘް ޢިލްމުގެ އެންމެ ފުންނާބު އުސް ދަންނަބޭކަލުންގެ ތެރޭގައި ހިމެނިވަޑަިއގަންނަވާ ބޭފުޅެކެވެ.
މީސްމީޑިއާގައި ޖޯޑަންގެ އަވްޤާފް މިނިސްޓަރުގެ ނިންމުމަށް ފާޑު ކިޔަމުން މީހުން ވަނީ ބަނގުރާ ވިއްކާތަންތަނަށް ހުއްދަ ދޭއިރު އެކަމާ މެދު މިނިސްޓަރު އިއުތިރާޒް ނުކުރައްވަނީ ކީއްވެތޯ ބުނެ ސުއާލު އުފައްދާފައެވެ. ޖޯޑަންގެ އަވްޤާފް މިނިސްޓަރު ވިދާޅު ވަނީ އަލްބާނީ މަރުކަޒުން ޖޯޑަންގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލާ ކަމަށެވެ.






