އިންޑިއާގެ ތުރީޕޫރާގައި ހިނގި އަނިޔާވެރި ހާދިސާއެއްގައި 3 ބަންގްލަދޭޝް މީހުން މަރުވެ، އިންޑިއާ އާއި ބަންގްލަދޭޝްގެ ދެމެދުގައި ހަމަނުޖެހުން އުފެދިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބިދްޔާބިލް އަވަށުގައި އިންޑިއާގެ ސަރަހައްދުގެ ތެރޭގައެވެ.
އިންޑިއާއިން ބުނާ ގޮތުގައި ބަނގްލަދޭޝް މީހުން ވަނީ ވަގަށް ބޯޑަރު ހުރަސްކޮށް ވަދެ، ގެރި ވަގަށް ނަގާފައެވެ. ބިދްޔާބިލް އަވަށު މީހުން ބަނގްލަދޭޝް މީހުންނާ ކުރިމަތިލުމުން، އެމީހުން ވަނީ ދަގަނޑު ބުރިންނާއި ވަޅިން ހަމަލާދީ، ރަށުގެ މީހަކު މަރާލާފައެވެ. އަދި ދެފަރާތް ދެމެދު ބަދަލު ކުރެވުނު ހަމަލާގައި ބަންގްލަދޭޝްގެ 2 މީހުން ވަގުތުން މަރުވިއެވެ. އަދި އަނެއް މީހާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީއެވެ.
ބަންގްލަދޭޝްއިން ވަނީ އިންޑިއާގެ ސަރަހައްދުގައި އެގައުމުގެ 3 މީހުން މަރުވި ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ އިންސާނީ ހައްގުތަކާ ޚިލާފު ޢަމަލެއް ކަމަށް ބުނެ މިކަން ތަހުގީގުކުރުމަށް އެދިފައިވެއެވެ. ނަމަވެސް އިންޑިއާއިން ބުނެފައިވަނީ މިއީ އަމިއްލައަށް ދިފާއު ވުމުގެ އަމަލެއް ކަމަށާއި މަރުވި މީހުންގެ ހަށިތައް ބަންގްލަދޭޝްއާ ހަވާލު ކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބޯޑަރު ސެކިއުރިޓީ ވަރުގަ ކޮށްފައި ވެއެވެ.





