ޣައްޒާ ޖެނޮސައިޑްގައި ޗައިނާ އޮތީ ހިމޭނުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގައި، އިސްރާއީލުގެ ޖެނޮސައިޑާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރެވުނެވެ. ސްޕެއިން އަދި ތުރުކީން ފާޅުގައި ފަލަސްޠީނަށް ތާއީދުކޮށް، އިސްރާއީލާ ދެކޮޅަށް ސިޔާސީ ފިޔަވަޅުތައް އަޅާފައިވެއެވެ. ނަމަވެސް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ ޗައިނާއިން މިކަމުގައި އެއްވެސް މުހިންމު ދައުރެއް އަދާކޮށްފައެއް ނުވާކަން މުހައްލިލުން ފާހަގަ ކުރެއެވެ. 

މިއަދުގެ ދުނިޔޭގެ އެންމެ ބާރުވެރި ދެ ޤައުމަކީ އެމެރިކާ އާއި ޗައިނާއެވެ. ކުރީގެ ފިނި ހަނގުރާމައިގެ ދުވަސްވަރާ ޚިލާފަށް، މިހާރު އދ އާއި އައިސީޖޭ ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ނުފޫޒު ވަނީ ކުޑަވެފައެވެ. އަދި އެމެރިކާއަކީ ދުނިޔޭގެ ހަމައެކަނި ބާރުވެރި ފަރާތްކަމުގައި ވެފައިވެއެވެ.

ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން، އެމެރިކާގެ ބައިޑެން އަދި ޓްރަމްޕް ސަރުކާރުން އިސްރާއީލަށް އެހީތެރިވެދީ، ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި ޖެނޮސައިޑް ހަނގުރާމަ ހިންގުމުގައި ކުރިއަށް ދިޔައިރު ޗައިނާ ފެނިފައި ވަނީ ހިމޭނުން އޮތް ތަނެވެ. އެމެރިކާއިން ވަނީ ރަޝިޔާއާ ދެކޮޅަށް ޔުކްރެއިން އަށާއި އިސްރާއީލަށް ހަތިޔާރާއި ހަނގުރާމަވެރި އާލާތްތައް ފޯރުކޮށްދީފައެވެ.

ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި ހާމަވި ބަލިކަށިކަމާއި، ރަޝިޔާއަށް ހުޅަނގުގެ ޤައުމުތަކުން ކުރިމަތި ކުރުވި ފާޑުކިޔުންތަކާ ޚިލާފަށް، ޣައްޒާގެ މައްސަލާގައި ރަޝިޔާ ވެސް ވަނީ ހިމޭންކަން އިޚުތިޔާރުކޮށްފައެވެ. އަދި ޗައިނާއިން ވެސް ވަނީ މިފަދައިން މި މައްސަލައިގައި ހިމޭންކަން އިޚުތިޔާރުކޮށްފައެވެ.

ޣައްޒާގެ ހަނގުރާމައިން ދައްކުވައި ދީފައިވަނީ ޗައިނާއަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާނެ، އަދި އިންސާނިއްޔަތަށް ޓަކައި ކުރިއަށް ނުކުންނާނެ ބާރެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ޗައިނާ ވެގެންދާނީ އެމެރިކާގެ އިމްޕީރިއަލިޒަމްގެ ނުބައި ނަކަލެއްގެ ގޮތުގައި ކަމަށް މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!