ޓްރަމްޕް އިންޑިއާއާ ދެކޮޅަށް އަޅާފައިވާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ހެދުން އުފައްދާ ފަރާތްތަކާ ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ. ނަމަވެސް ރިޒާވް ބެންކު އޮފް އިންޑިއާއިން ބުނަނީ އިންޑިއާއިން މިކަމުން އަރައި ގަންނާނެ ކަމަށެވެ.
ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާއި، އެމެރިކާ-ޗައިނާ ވިޔަފާރީގެ ގުޅުމަށް އަންނަމުންދާ ލޮޅުންތަކުގެ ތެރޭގައިވެސް، އިންޑިއާގެ އިގްތިސާދު އެއް ވާނެއްގައި ކުރިއަރަމުން ދާކަމަށް ރިޒާވް ބެންކު އޮފް އިންޑިއާއިން ބުނެއެވެ. ރިޒާވް ބޭންކް އޮފް އިންޑިއާގެ އޮކްޓޯބަރު ބުލެޓިންގައި ފާހަގަކޮށްފައި ވަނީ ސިޓީތަކާއި އަދި ރަށްފުށުގެ ޑިމާންޑް މުދަލާއި ޚިދުމަތަށް އިތުރު ވަމުން ދިއުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އުފެއްދުންތެރިކަމާއި ޚިދުމަތްތަކުގެ ދާއިރާވެސް ފުޅާވަމުންދާ ކަމަށް ދައްކާ ކަމަށެވެ. އިންޑިއާގެ މުދަލުގެ އަގުތައް ވަނީ 2017 ގެ ޖޫން މަހުން ފެށިގެން މިހާތަނަށް ފެނުނު އެންމެ ދަށް މިންގަނޑުގައި ކަމަށް ބުނެ އިންފްލޭޝަން ކޮންޓްރޯލު ކުރެވިފައިވާ ކަމުގެ ޔަގީންކަންވެސް ރިޒާވް ބެންކުން ދެއެވެ. މިކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ލަފާ ކުރާ ކަމަށްވެސް އޮކްޓޫބަރު ބުލެޓިންގައި ބުނެފައި ވެއެވެ.
ބައިނަލްއަގްވާމީ މާލީ އިދާރާތައް ކަަމށްވާ އައި.އެމް.އެފް އަދި އޯ.އީ.ސީ.ޑީ އިން ވަނީ 2025 ވަނަ އަހަރަށް އިންޑިއާގެ ޖީ.ޑީ.ޕީ ގެ ކުރިއެރުން ދުޅަ ހެޔޮކަމަށް ބުނެފައެވެ. މިގޮތުން އައި.އެމް.އެފް އިން ބުނަނީ އިންޑިއާގެ އިގްތިސާދު 6.6 އިންސައްތައިގައި ކުރިއަރާނެ ކަމަށެވެ. ނަމަވެސް އޯ.އީ.ސީ.ޑީ އިން 6.7 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާ ކުރެއެވެ.
ރިޒާވްބެންކުގެ ގަވަރުނަރު ސަންޖޭ މަލްހޯޓްރާ ވިދާޅުވި ގޮތުގައި 2047 ވަނަ އަހަރާ ހަމައަށް އިންޑިއާ އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެފައިޥާގައުމުގެ ގިންތިއަށް ވަނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް، މާލީ އަދި ޤަވާއިދުތަކުގެ ގޮތުން ވިލަރެސްކުރެވިފައިވާ މަސައްކަތްތަކެއް ކުރުން މުހިންމެވެ. އަދި ޖީ.އެސް.ޓީ އަށް ގެނެވުނު ބަދަލުތަކަކީ އިގްތިސާދީ ހަރުދަނާކަން އިތުރުކުރުމަށް އެޅުނު ފިޔަވަޅެއްކަމުގައި ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.






