ޓްރަމްޕް އިރާގަށް ކަނޑައަޅާ މަންދޫބަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ސާދާގަރެއް

އެމެރިކާ ރައީސްގެ ފަރާތުން އިރާގަށް ކަނޑައަޅާ މަންދޫބަކަށް މަސްތުވާތަކެތި އުފައްދައި އޭގެ ވިޔަފާރީގައި އުޅޭ ވިޔަފާރިވެރިއަކު ހަމަޖައްސައިފިއެވެ.

ޓްރަމްޕް ގެ އިރާގުގައި ހުންނަ ޚާއްސަ މަންދޫބަކަށް ހަމަޖެއްސީ އޭނާގެ ކެމްޕޭނަށް ބޯކޮށް ފައިސާ ހޭދަކޮށްފައިވާ މިޝިގަންގައި އުޅޭ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގެ ދަނޑުވެރިކަމުގައި އުޅޭ މާކް ސަވާޔާ އެވެ.

އޭނާ ކެނަބިސްގެ ދަނޑުވެރިކަން ކުރަނީ ހުއްދައާއެކުގައެވެ.

ޓްރަމްޕްގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ޕޯސްޓެއްގައި ބުނެފައި ވަނީ "އިރާގާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމާއި، އެ ސަރަހައްދާ އޮންނަ ގުޅުމުގެ ފުން ވިސްނުމަކީ އެމެރިކާގެ ރައްޔިތުންގެ މަސްލަހަތަށް ފައިދާހުރި ކަމެއް" ކަމަށެވެ.

އެކްސް ޕްލެޓްފޯމްގައި ސަވާޔާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ރައީސް ޓްރަމްޕްގެ ލީޑަޝިޕާއި އިރުޝާދުގެ ދަށުން އެމެރިކާ އާއި އިރާގުގެ ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް ވައުދުވަމު" ކަމަށެވެ.

ސަވާޔާ ގެ އިންޑޯ ކެނަބިސް ކަލްޓިވޭޝަން ކުންފުންޏަކީ އެހިސާބުގައި އެންމެ ގިނައިން ކެނަބިސް އުފައްދައި އޭގެ ވިޔަފާރީގައި އުޅޭ ކުންފުންޏެވެ.

ޓްރަމްޕް ބުނެފައި ވަނީ މަސްތުވާތަކެތީގެ މި ވިޔަފާރިވެރިޔާއަކީ އަރަބިންނާއި އަދި މުސްލިމް ނަސްލުގެ ވޯޓަރުންގެ މެދުގައި އޭނާއަށް ގިނަކޮށް ވޯޓު ހޯދައި ދިނުމަށް މަސައްކަތް ކުރި މީހެއް ކަމަށެވެ. ސަވާޔާއަކި ކްރިސްޓިއަނެކެވެ.

އިރާގުގައި ކެނަބިސް އިންދުމާއި އޭގެ ބޭނުންކުރުމާއި ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.

ހިއްސާ ކުރައްވާ!