އުތުރު ކޮރެއާއިން ކުރު ރާސްތާއަށް ދަތުރުކުރާ ބެލިސްޓިކް މިސައިލްތަކެއް ދޫކޮށްލައިފިކަމަށް ދެކުނު ކޮރެއާގެ މިލިޓަރީން ބުނެފިއެވެ. މި މިސައިލްތައް ދޫކޮށްފައި ވަނީ އެ ސަރަހައްދަށް އެމެރިކާގެ ރައީސް ވަޑައިގަތުމުގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ދެކުނު ކޮރެއާގައި ބާއްވާ އޭޕެކްގެ ސަމިޓަށް ޓްރަމްޕް ވަޑައިގަންނަވާނެއެވެ. މި މިސައިލްތައް ޕިޔޯންގްޔޭންގް ސަރަހައްދުން ފޮނުވާފައި ވަނީ އުތުރު އިރުމަތީ ސަރަހައްދަށެވެ. އަދި މިސައިލްތައް ގާތްގަނޑަކަށް 350 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކޮށްފައިވާ ކަމަށް ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔަންގް، އޭޕެކް ފޯރަމްގައި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާވެސް ބައްދަލުކުރައްވާނެއެވެ. ޓްރަމްޕްގެ ދަތުރުގައި އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުންއާ ބައްދަލުކުރުމުގެ ވާހަކަތަކެއް ވައިޓްހައުސްއިން ދައްކާފައިވީ ނަމަވެސް، އެކަން އަދި ކަށަވަރެއް ނުވެއެވެ.
އުތުރު ކޮރެއާއިން މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރަމުން ދަނީ އެގައުމުގެ ސިފާއީ ބާރު ދެއްކުމަށެވެ. އެހެންވެ، އުތުރު ކޮރެއާއަށް ހަމަލަ ދޭން އެމެރިކާއިން ފަސްޖެހެއެވެ. އެންމެ ފަހުން ޕިޔޮންގޔަންގ އިން މިސައިލް ދޫކޮށް ފައިވަނީ މެއި މަހު އެވެ. އަދި މީގެ ދުވަސްކޮޅެއްގެ ކުރިން ޗައިނާގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަތް ޕެރޭޑެއްގައި އެމެރިކާއަށް ފޯރާވަރުގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ވެސް ދައްކާލާފައިވެއެވެ.




