އދގައި ވާހަކަ ދައްކަމުން އިންޑިއާއިން ބުނަނީ ޕާކިސްތާނުގެ އެހީގައި ހިންގާފައިވާ ޕަހަލްގަމްގެ ހަަމަލާ ދުނިޔޭގެ ހަނދާނުން ފޮހެވިގެންނުދާ ކަމަށެވެ. އަދި ޕާކިސްތާނަށް ތުހުމަތު ކޮށްފައި ވަނީ ޓެރަރިޒަމަށް ތާއީދު ކުރާ ގައުމެއްގެ ގޮތުގައެވެ.
އދގައި އިންނަވާ އިންޑއާގެ މިޝަންގެ ފަސްޓް ސެކްރެޓަރީ، ރަގޫ ޕޫރީ ވިދާޅުވީ، ބޯޑަރު ހުރަސްކޮށް އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ޓެރަރިޒަމަށް އެހީތެރިވަމުންދާކަން ބައިނަލްއަޤްވާމީ މުޖުތަމު ހެކިވާ ކަމަށާއި އަދި އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ސިޔާސަތެއްގެ ގޮތުގައި ޓެރަރިޒަމް ގެ އަމަލުތައް ބޭނުންކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ޓެރަރިޒަމަކީ އިންސާނިއްޔަތަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކާ ކަމަށް ވާތީ، ޕާކިސްތާން ފަދަ ކަންކަމަށް އެހީތެރިވެ، ބާރުދެނީ އިންސާނީ ހައްޤުތަކަށް އެންމެ ބޮޑަށް އަރައިގަންނަ ފަރާތަކަށް ކަމަށެވެ.
ޕޫރީ ވާހަކަ ދައްކަވަމުން ގެންދެވީ އދގެ އާންމު މަޖިލީހުގައި ހިއުމެނިޓޭރިއަން އެފެއާޒްގެ ތިންވަނަ ކޮމިޓީގައެވެ. އޭނާ ވިދާޅުވީ، ޖައްމޫ ކަޝްމީރުގެ ޕަހަލްގަމްގައި 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޕާކިސްތާނުން ތަމްރީނުދިން ޓެރަރިސްޓުން ހިންގި ޙަމަލާގައި 26 ނިކަމެތި ރައްޔިތުން މަރުވި ކަމަށެވެ. އަދި އޭނާ ރައްދު ދެއްވާފައި ވަނީ އޭނާ ވިދާޅުވިގޮތުގައި އެޖެންޑާގައި ހިމެނޭ އެއްވެސް މައުޟޫއަކާ ނުގުޅުވައި ޕާކިސްތާނުން ޖަލްސާގައި ކަޝްމީރުގެ ވާހަކަ ތަކުރާރުކޮށް ދެއްކުމުންނެވެ.
އިންޑިއާއިން ހިންގި އޮޕަރޭޝަން ސިންދޫރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއީ ޓެރަރިޒަމުން ރައްޔިތުން ރައްކާތެރިކުރުމަށާއި، އަދި ޓެރަރިޒަމް ހިންގާ ފަރާތްތަކާ އެކަން އިންތިޒާމުކުރާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްޓަކައި، އިންޑިއާއަށް ދިފާޢުވުމަށް ލިބިފައިވާ ޙައްޤުގެ ދަށުން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
ޕޫރީ ވަނީ ޕާކިސްތާނުން އެފްޣާނިސްތާނަށް ދިން ވައިގެ ހަަމަލާތަކަށް ވެސް އަލިއަޅުވައިލާފައެވެ. އޭނާ ވިދާޅުވީ ޕާކިސްތާންގެ މި ހަމަލަތަކަކީ އދގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ 1971 ވަނަ އަހަރުގެ ބަންގްލަދޭޝްގެ މިނިވަންވުމުގެ ހަނގުރާމައިގައި ޕާކިސްތާނުން ހިންގި ޤަތުލުއާންމުގެ ކަންކަން ވެސް ހަނދާންކޮށް ދެއްވާފައެވެ.
އިންޑިއާއިން އިސްލާމޯފޯބިއާގެ އަމަލުތައް ހިންގާކަމަށް ޕާކިސްތާނުން ބުނި ވާހަކަ ރައްދު ދެމުން އިންޑިއާގެ މަންދޫބު ވިދާޅުވީ ޕާކިސްތާނުން އިސްލާމޯފޯބިއާގެ ނިވަލުގައި އަމިއްލަ އަނިޔާވެރި އަމަލުތައް ފޮރުވަން މަސައްކަތް ކުރަނީ ކަމަށެވެ.





