ޓްރަމްޕް ސަމިޓް ކެންސަލް ކުރައްވައިފި

ރަޝިޔާގެ ރައީސް ވްލެޑިމިއަރ ޕޫޓިންއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެންސަލްކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ބައްދަލުވުމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމަށް އިހުސާސް ކުރެވޭތީ މި ބައްދަލުވުން ކެންސަލް ކުރަން ނިންމެވީ ކަމަށެވެ. މިކަން ޓްރަމްޕް އިއުލާން ކުރެއްވީ ވައިޓް ހައުސްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓްއާ އެކު އޮތް ބައްދަލުވުމުގައެވެ. ސަމިޓް ކެންސަލްކުރުމާއެކު ޓްރަމްޕް ވަނީ ރަޝިޔާގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅުއްވާފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ، "ވްލެޑިމިއަރއާއާއެކު ކޮންމެ ފަހަރަކު ވާހަކަ ދައްކާއިރު، ރަނގަޅު ވާހަކަތަކެއް ދެކެވޭ، އެކަމަކު ދެން އެ ވާހަކަތަކަށް އަމަލީ ސިފައެއް ނާދޭ،" ކަމަށެވެ. ސަމިޓް ކެންސަލް ކުރެއްވިއަސް މުސްތަޤްބަލުގައި މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން ސުލްހައިގެ މަޝްވަރާތަކަށް "ސީރިއަސް ކަމެއް ނުދޭ" ކަމަށް ބުނުމާއެކު އެމެރިކާ ސަރުކާރުން ވަނީ ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުނި ކަމަށްވާ ރޮސްނެފްޓް އާއި ލޫކްއޮއިލް އަށް އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ބޮޑު ފިޔަވަޅުތަކެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވިއިރު، އެ ފިޔަވަޅުތައް ގިނަ ދުވަހަށް އަޅަން ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޓްރަމްޕް ވަނީ ޔޫކްރެއިނަށް ޓޮމަހޯކް ކްރޫޒް މިސައިލް ފޯރުކޮށްދިނުން ހުއްޓުވާލާފައެވެ. ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބެއްކަމަށް ވިދާޅުވީ، އެސައިލް ބޭނުންކުރުމަށްޓަކައި އެއް އަހަރު ދުވަހުގެ ތަމްރީނު ބޭނުންވާ ކަމަށާއި، މި ތަމްރީނު ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ނޫން ކަމަށެވެ. މި ނިންމުމުގެ ސަބަބުން ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރެއިން ސިފައިންނަށް ދުރު ރާސްތާއަށް ހަމަލާ ދިނުމުގެ ބާރު ކުޑަވާނެއެވެ.

ހިއްސާ ކުރައްވާ!