ބަންގްލަދޭޝްގައި ގާނޫނުގެ ބާރެއް ނުހިނގާ ކަމަށާއި އިންސާނީ ހައްގަށް އަރައިގަންނަ ކަމަށް ކުރީގެ މިނިސްޓަރު އަދި އަވާމީ ލީގުގެ ލީޑަރު މުޙައްމަދު ޢަލީ އަރަފާތު، ވިދާޅުވެއެވެ. އޭނާ ވަނީ ޑރ. މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
އެކްސް ގައި ޔޫނުސްގެ ސަރުކާރު ބޭޒާރު ކުރަމުން އަރަފާތު ވިދާޅުވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 15 އިން ފެށިގެން، ޔޫނުސްއަށް ސަޕޯޓު ކުރާ ދަރިވަރުންގެ ހަނގުރާމަވެރި ގްރޫޕަކުން ވަނީ ބަންގްލަދޭޝްގެ ފުލުހުންނާއި އަވާމީ ލީގުގެ ލީޑަރުންނާއި އެކްޓިވިސްޓުންގެ އިތުރުން ބައިމަދު ނަސްލުގެ މީހުންނާއި ނޫސްވެރިންނާއި ވަކީލުންގެ އެތައް ބަޔަކު މަރާލާފައި ކަމަށެވެ.
އޭނާ އިތުރަށް ބުނީ މި ހަމަލާތައް ދިން ފަރާތްތަކަށް ވަނީ ސަރުކާރުގެ ނުފޫޒުން ހިމާޔަތް ހޯދާފައެވެ. އަދި މީހުންގެ މުދަލަށް އަރައިގަތް "ޤާތިލުންނާ ދެކޮޅަށް" ޤާނޫނީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އަރަފާތު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ސަޕޯޓަރުން ހަމަލަދެނީ ބަޑިއާއި ވަޅިއާއި، ކަތިވަޅި،އަދި ކޯރާޑީ ބޭނުންކޮށްގެން ރޯމާ ދުވާލު ކަމަށެވެ. އަދި މިހާލަތުގައި ބަންގްލަދޭޝްގައި ޤާނޫނުގެ ވެރިކަމެއް ނެތް ކަމަށާއި، ހިނގަމުން ދަނީ ހަމައެކަނި ހައްދުފަހަނަޅާފައިވާ މީހުންގެ ބާރު ކަމަށް އޭނާ ވިދާޅުވިއެވެ.
އަވާމީ ލީގުގެ ލީޑަރު އިތުރަށް ވިދާޅުވީ މީހުންގެ ފުރާނައާއި ޢާންމު މުދާ އަލިފާނުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންގެ މީހުންނާ ދެކޮޅަށް ސަރުކާރުން ޝަރީޢަތްކުރަން އުޅޭ ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، އެމީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ "ބާރުގެ ބޭނުންކޮށްގެން މީހުން ގެއްލުވާލުމާއި މަރާލުމުގެ" ދޮގު ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ކަމަށެވެ.
މިދިޔަ ބުދަ ދުވަހު، ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ވަނީ އަވާމީ ލީގު ސަރުކާރުގެ ވެރިކަމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ، މީހުން ގެއްލުވާލުމުގެ ތިން މައްސަލައެއްގައި ސިފައިންގެ 15 އޮފިސަރުން ޖަލަށް ލުމަށް އަމުރުކޮށްފަ އެވެ.




