އެމެރިކާއަށް އެތެރެވާ ހުރިހައި ބިދޭސިންގެ ފޮޓޯ ނެގުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ނިންމައިފިއެވެ. ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ވަނީ އެމެރިކާގެ ގްރީން ކާޑް ގެންގުޅޭ ބިދޭސިންނާއި އެނޫން އެހެންވެސް ބިދޭސި އެންމެންގެ ފޮޓޯ ނެގުން ލާޒިމުކޮށް އާ ދަތުރުފަތުރުގެ ގަވާއިދެއް އިއުލާންކޮށްފައެވެ.
މި އައު ގަވާއިދަށް އަމަލުކުރަން ފަށާނީ ޑިސެމްބަރު 26، ގައެވެ. އައު ގަވާއިދުގެ ދަށުން ބިމާއި، ކަނޑާއި، ވައިގެ ސަރަހައްދުތަކުގައި ބަޔޯމެޓްރިކްސް ޑޭޓާ ނެގުން ފުޅާ ވެގެން ދާނެއެވެ. އަދި މީގެ މައިގަނޑު މަޤްޞަދަކީ ގައުމީ ސަލާމަތަށް ދޭ ސަމާލުކަން އިތުރުކުރުމާއި، ވީޒާގެ މުއްދަތު ހަމަވުމަށްފަހު އެމެރިކާގައި މަޑުކުރާ މީހުން ހުއްޓުވުމެވެ.
މީގެ ކުރިން ފޮޓޯ ނެގުމުން އިސްތިސްނާކޮށްފައިވާ 14 އަހަރުން ދަށުގެ ކުދިންނާއި 79 އަހަރުން މަތީގެ މީހުންނަށް ވެސް ދެނެއް އިސްތިސްނާއެއް ނުލިބޭނެއެވެ.






