ޣައްޒާގެ ޖެނޮސައިޑް ހުއްޓާލާ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ޔޫރަޕްގެ ޖަމާއަތުން ހުރިހައި ޕާޓީތަކަށް ގޮވާލައިފިއެވެ. ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ޓެރެސާ ރިބެރާ ވަނީ އިސްރާއީލުން އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކުރުން ކުށްވެރި ކުރައްވާފައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސުލްހައަށް ފުރުސަތެއް ދިނުމަށް، އިތުރު ވައިގެ ހަމަލާތަކެއް ދިނުމަށް ބަހަނާއެއް ނޫން،" ރިބެރާ އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"ހަނގުރާމަ ހުއްޓާލުމަށް އިހުތިރާމް ކުރަމުން ގެންދިއުމަށް އެންމެންނަށް، ހުރިހާ ފަރާތްތަކަށް ވެސް ތަކުރާރުކޮށް ގޮވާލަން،" އީޔޫގެ ޑިޕްލޮމެޓިކް ދާއިރާގެ ތަރުޖަމާނު އަންވަރު އަލޫނީ ވިދާޅުވި އެވެ. "މި ހަމަނުޖެހުމަށް އަސްކަރީ ހައްލެއް ނެތް، އަދި އަނިޔާވެރިކަމާއި މީހުން މެރުމާއި ފަނާކުރަނިވި އަމަލުތަކުގެ މި ނުބައި ދައުރު ނިންމާލަންވީ ވަގުތު މިހާރު ޖެހިއްޖެ." ކަމަށް ވިދާޅުވިއެވެ.
މެދުއިރުމަތީގެ މައްސަލަތަކުގައި އީޔޫގެ 27 މެމްބަރު ގައުމުން ވަނީ ފުންކޮށް ބައިބައިވެފައެވެ.






