އެމެރިކާގެ ހާލަތު ތިންވަނަ ދުނިޔޭގެ ފެންވަރަށް ވެއްޓިއްޖެ

އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދެވި ތަޅުވާފައި ވުމާ ގުޅިގެން އެ ގައުމުގެ އެއަރޕޯޓްތަކުގައި ފްލައިޓްތައް ލަސްވުމާއި ފްލައިޓް ކެންސަލްކުރުންތައް މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފިއެވެ. އެފްއޭއޭއިން ބުނެފައިވާ ގޮތުގައި، ސަރުކާރު ބަންދުވުމުގެ ސަބަބުން އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ހާޒިރުނުވުމުގެ ސަބަބުން މިހާލަތާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެފްއޭއޭއިން އިތުރަށް ބުނީ، މުވައްޒަފުން ތިބީ "އިންތިހާއަށް ހާސްބޮޑުވެ އަދި ވަރުބަލިވެފައި" ކަމަށެވެ.

ފްލައިޓްތައް ޓްރެކްކުރާ އެމެރިކާގެ ވެބްސައިޓެއް ކަމަށްވާ ފްލައިޓްއެވެއާ އިން ހާމަކުރި ގޮތުގައި، ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް އެކަނިވެސް 16,700 އަށް ވުރެ ގިނަ އެމެރިކާ ފްލައިޓް ލަސްވެފައިވެއެވެ. އަދި، 2,282 ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ. މިއީ ސަރުކާރު ބަންދުވުމުގެ ސީދާ އަސަރެކެވެ.

މި ލަސްވުންތައް ހޯމަ ދުވަހުގެ ރޭވެސް ކުރިމަތިވަމުން ދިޔައިރު، ފްލައިޓްއެވެއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗިކާގޯ އެއާޕޯޓާއި ޑަލަސްގެ ފޯޓް ވޯތު، ޑެންވަރ އަދި ނިއުއާކް ފަދަ ބޮޑެތި އެއަރޕޯޓްތަކުގައި 4,000 އަށް ވުރެ ގިނަ ފްލައިޓް ލަސްވެ، 600 ފްލައިޓް ކެންސަލް ކޮށްފައި ވެއެވެ.

އެފްއޭއޭއިން އެކްސްގައި ބުނަނީ، އެމެރިކާގެ މައިގަނޑު އެއަރޕޯޓްތަކުގެ 30 ތަނެއްގައި މުވައްޒަފުން މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. ޚާއްސަކޮށް ނިއުޔޯކް ސަރަހައްދުގެ އެއަރޕޯޓްތަކުގައި މުވައްޒަފުން ވަޒީފާއަށް ނުނިކުންނަ ނިސްބަތް 80 އިންސައްތައަށް އަރާފައިވާ ކަމަށް އެފްއޭއޭއިން ބުނެއެވެ. މި ހާލަތު ދިގުލައިގެން ދާނަމަ ދަތުރުފަތުރަށް އިތުރު ބުރޫއެރުން އެކަށީގެންވެއެވެ.

 

ހިއްސާ ކުރައްވާ!