ޒުހްރާން މަމްދާނީއަށް މަރުގެ އިންޒާރު ދިން

އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ޒުހްރާން މަމްދާނީ އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރުތައް ލިބިވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި އިންޒާރުތައް ލިބިފައިވަނީ އެމެރިކާގެ ސިޔާސީ ދާއިރާގައި ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަމައި އިސްލާމޯފޯބިއާއަށް ރަސްމީ ކޮށ ްހިތްވަރު ދިނުން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޓެކްސަސްގެ މީހަކު މަމްދާނީއަށް 'ޓެރަރިސްޓް' ހަމަލައެއް ދޭން ބުނެ އިންޒާރު ދިން ކަމުގެ ކުށް ސާބިތުވެ ދައުވާ އުފުލާފައި ވެއެވެ.

ނިއުޔޯކް ސިޓީގެ ފުލުހުން ވަނީ 44 އަހަރުގެ މީހާގެ މައްޗަށް ދައުވާ އުފުލާފައެވެ. އެމީހާ ވަނީ ނަފްރަތުގެ ވާހަތައް ހިމެނޭ ވޮއިސްމެއިލްތަކާއި ލިޔުމުން މެސެޖްތަކެއް މެދުވެރިކޮށް ކެންޑިޑޭޓަށް އިންޒާރު ދީފައެވެ. ކުއީންސް ޑިސްޓްރިކްޓް އެޓާނީ މެލިންޑާ ކެޓްޒް ވިދާޅުވި ގޮތުގައި، "ބަޔަކު ބޮލަށް ބަޑި ޖަހާލުމުގެ ކުރިން ޔުގަންޑާއަށް ދާންވީ" އޭ ބުނެ އިންޒާރު ދިން ކަމަށެވެ. އޭގެ އިތުރުން އޭނާގެ އާއިލާއަށް ވެސް އިންޒާރުތައް ދީފައިވާ ކަމަށެވެ.

މިދިޔަ މަހު ޕިއު ރިސާޗް ސެންޓަރުން ނެރުނު 3,445 ބޮޑެތި މީހުންނާއެކު ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ސިޔާސީ ދާއިރާގެ ފަރާތްތަކުގެ 85 އިންސައްތަ މީހުން ގަބޫލުކުރަނީ ސިޔާސީ ގޮތުން ހިންގާ ހަމަނުޖެހުންތައް މި ފަހަކަށް އައިސް އެމެރިކާގައި އިތުރު ވަމުންދާ ކަމަށެވެ. ނަމަވެސް، ވޯޓުލާ މީހުން މިކަން އަޅުވަނީ ވާދަވެރިންގެ ބޮލުގައެވެ. ރިޕަބްލިކަން ޕާޓީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވާތު ފިޔާގެ ހަރުކަށި މީހުން މައްސަލައެއްގެ ގޮތުގައި ދެކޭއިރު، ޑިމޮކްރެޓިކް ޕާޓީގެ ގާތްގަނޑަކަށް އެ ވަރުގެ މީހުން ކަނާތު ފިޔާގެ ދޮން ނަސާރާއިންގެ ހަރުކަށި މީހުން މައްސަލައެއްގެ ގޮތުގައި ދެކެއެވެ.

އެމެރިކާގެ ވެރިންގެ ފެންވަރުގައިވެސް މަމްދާނީގެ އަގު ވައްޓާލުމާއި ކުދައި މީސް ބަސްތައް ބުނުމާއި އިސްލާމޯފޯބިކް ޝިއާރުތައް ފާޅުކޮށް އެމޭރުމުން ވާހަކަ ދައްކަމުން ދެއެވެ. މި ކަންކަމުގެ އަސްލަކީ ޒަޔަނިސްޓު ފިކުރާއި އެމެރިކާގެ ސިޔާސަތުގައި އެކަމަށް މޫލާފައި އެފައިސާއިން މީހުން ކޮންޓްރޯލު ކުރުމެވެ.

ސެޕްޓެމްބަރު މަހު ކޮންޒަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކް މަރާލާފައި ވެއެވެ. ޖޫން މަހު މިނެސޯޓާގައި ޑިމޮކްރެޓިކް ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މެލިސާ ހޯޓްމަން އާއި އޭނާގެ ފިރިމީހާއަށް ބަޑިޖަހައި މަރާލާފައި ވެއެވެ. ޓްރަމްޕާ ދެކޮޅަށް ހުކުމް ކޮށްގެން ފަނޑިޔާރެއްގެ ގެއެއްގައި ހުޅު ޖަހާފައި ވެއެވެ. އެމެރިކާގެ އިމިގްރޭޝަން އެޖެންޓުން މީހުންގެ ގެގޭގެ ދޮރު ވައްޓާލައި ވަދެ މީހުން ހައްޔަރު ކުރަމުން ދެއެވެ. އެމެރިކާގެ ރައީސަކީ ޓްރަމ،ްޕެވެ. އޭނާ ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި މަމްދާނީއަށް އިހާނެތި ބަސްތައް ރައްދުކޮށްފައެވެ.

ހިއްސާ ކުރައްވާ!