އެމެރިކާގެ ނިއު ޖާޒީ ސްޓޭޓްގެ ހަތް ކައުންޓީއެއްގައި ހުންނަ ވޯޓުލާ މަރުކަޒުތަކަށް ބޮމުގެ އިންޒާރު ދީފައިވާ ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ރިޕޯޓްކޮށްފިއެވެ. މި އިންޒާރުތައް ދީފައިވަނީ ސްޓޭޓްގެ ގަވަރުނަރުކަމުގެ އިންތިޚާބު ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ޒަހްރާން މަމްދާނީއާ، މިފަދަ ބިރުދެއްކުންތަކުގެ ސަބަބުން ނިއުޔޯކްގެ މޭޔަރުކަމުގެ ރޭހަށް އަސަރު ކުރާނެތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވީ މިއީ ”އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ދެވޭ ހަމަލާތަކެއްގެ މިސާލެއް“ ކަމަށެވެ.
ކުއީންސްގެ އެސްޓޯރިއާގައި ހުންނަ ވޯޓުލާ މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަމްދާނީ ވިދާޅުވީ، ”ބައެއް ފަހަރު މި ބޮމުގެ އިންޒާރުތަކުން ދައްކުވައިދޭ ގޮތަށް، މި ހަމަލާތައް ވަރަށް ސާފުކޮށް އަދި ހާމަކޮށްވެސް ދީފައި" ހުންނަ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމެރިކާ ސަރުކާރުގެ ވެރިންގެ ހަރުކަށި ބަސްމަގަށެވެ.
މިފަދަ އަމަލުތަކަކީ ވޯޓުލާ މީހުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލުތަކެއް ކަމަށް މަމްދާނީ ފާހަގަކުރެއްވިއެވެ. ސިޔާސީ މާހައުލުގައި ހަމަނުޖެހުންތައް ބޮޑުވެފައިވާ މި ދުވަސްވަރު، ވޯޓުލާ މަރުކަޒުތަކަށް އަމާޒުކޮށް މިފަދަ އިންޒާރުތައް ދިނުމަކީ، އެމެރިކާގެ އިންތިޚާބީ ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފައްދާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.





