އެމެރިކާގެ އިސްލާމޯފޯބިއާއަށް ހިތްވަރުދޭ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުނަނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޒަހްރާން މަމްދާނީއަކީ ކޮމިއުނިސްޓް ކެންޑިޑޭޓެއް ކަމަށެވެ. އަދި، އޭނާ އިންތިޚާބު ކާމިޔާބުކޮށްފިނަމަ ނިއުޔޯކަށް މަރުކަޒީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދޭނެ ކަމަށެވެ. ޓްރަމްޕް މި ވާހަކަ ބުނީ ފާޅުގައި އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތު ސޯޝަލްގައި ޕޯސްޓެއްގައެވެ.
ޓްރަމްޕް ބުނަނީ މަމްދާނީ ކަހަލަ ކޮމިއުނިސްޓަކު ނިއުޔޯކް ސިޓީގެ ވެރިކަމަށް އަތުވެއްޖެނަމަ، އެއްދުވަސްވަރެއްގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އެ ސިޓީއަށް ދެމި އޮތުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އޭނާގެ ލޯބިވާ ފުރަތަމަ ގޯތި ކަމަށްވާ ނިއުޔޯކަށް، ޤާނޫނުން މަޖުބޫރުކުރާ އެންމެ ކުޑަ މިންވަރަށް ފައިސާ ދިނުން ފިޔަވައި، މަރުކަޒީ ސަރުކާރުން އިތުރު ފައިސާއެއް ނުދޭނެ ކަމަށެވެ. ޓްރަމްޕްގެ ޕޯސްޓުގައި އިތުރަށް ބުނަނީ މަމްދާނީ އިންތިޚާބު ކާމިޔާބުކޮށްފިނަމަ ނިއުޔޯކް ސިޓީއަކީ މުޅިން އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑު ހަލާކަކަށް ވެގެންދާނެ ކަމަށެވެ.
ޓްރަމްޕަކީ މުސްލިމުންނަށް ނަފްރަތު ކުރުން ކަށީގައި ހިފާފައިވާ މީހެކެވެ، އޭނާގެ ހަމައެކަނި މައްސަލައަކީ މަމްދާނީ މުސްލިމަކަށް ވުމެވެ.
އެމެރިކާގެ މުހައްލިލުންނާއި މީޑިއާއިން މަމްދާނީއަކީ ކޮމިއުނިސްޓެއްތޯ ސުވާލު ކޮާށް ތަހުލީލުތައް ކޮށްފައި ވެއެވެ.
އެފަރާތްތަކުން ބުނެފައި ވަނީ ޓްރަމްޕާއި އޭނާގެ އައުވާނުން މި ދައްކާ ވާހަކައަކީ ހޮޅި ވާހަކަތަކެއް ކަމަށެވެ. އަދި ޓްރަމްޕާއި އެހެނިހެން ރިޕަބްލިކަން ފަރާތްތަކުން މަމްދާނީއަށް ތަކުރާރުކޮށް ޖެއްސުންކޮށް ލޭ ހުއްދަ ވާ މިންވަރަށް އަގު ވައްޓާލައި ކޮމިއުނިސްޓެކޭ ކިޔައިގެން ވަނަން ކިޔަސް، މަމްދާނީ އަމިއްލައަށް އޭނާ ސިފަކުރައްވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައެވެ.
ޔޫގަންޑާ އަށް އުފަން މުސްލިމް އެމެރިކާގެ ރައްޔިތެއް ކަމަށްވާ މަމްދާނީ ވަނީ އެންބީސީގެ 'މީޓް ދަ ޕްރެސް' ޕްރޮގްރާމެއްގައި އޭނާއަކީ ކޮމިއުނިސްޓެއް ނޫންކަމަށް ތަކުރާރުކޮށް ބުނެފައެވެ.
އެމެރިކާގެ ވެރިންގެ އަގު ވައްޓާލުމާއި އިހާނެތި ކުރުމާއެކު މަމްދާނީގެ ފުރާނައަށް ނުރައްކާ ވެފައި ވެއެވެ.
މަމްދާނީގެ ކެމްޕެއިންގައި މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ އިޖުތިމާއީ ރައްކާތެރި ކަންކަމަށެވެ. އެއީ ކުލި ބޮޑު ވިޔަ ނުދިނުމަށާއި ހިލޭ އެންމެނަށް ކުޑަކުދިންނަށް ބޭނުންވާ ފަރތުވާ ލިއްބައި ދިނުމާއި އަދި އާންމު ދަތުރުފަތުރުގެ ހަރަދު ކުޑަކުރުން ފަދަ ކަންކަމެވެ.
އޭނާގެ އަމާޒަކީ ނިއުޔޯކްގެ ރައްޔިތުންނަށް ދިރިއުޅުން އަގުހެޔޮކޮށް ދިނުމަށެވެ. މިކަންކަމުގެ ސަބަބުން ގިނަ ބަޔަކު އޭނާ ސިފަކުރަނީ ސޯޝަލިސްޓެއްގެ ގޮތުގައެވެ.
ޖޫން މަހު ޕޮލިޓިފެކްޓުން ވަނީ މަމްދާނީއަކީ ކޮމިއުނިސްޓެއް ކަމަށް ޓްރަމްޕާއި އައުވާނުން ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
ސްޓެންފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ އެނާ ގްރިޒްމާލާ-ބުއްސޭ ޕޮލިޓިފެކްޓަށް ވިދާޅުވެފައިވަނީ، ކޮމިއުނިޒަމްގައި މާކެޓް ފޯސްތައް ނެތިކޮށްލައި މަރުކަޒީ ނިޒާމެއްގައި އިޤްތިޞާދު ބަނދެލަން ރާވާފައި ހުންނަ ކަމަށާއި، މަމްދާނީގެ ސިޔަސަތުތަކުގައި އެފަދަ އެއްވެސް ކަމަކަށް ގޮވާލާފައި ނުވާ ކަމަށެވެ.






