އީރާނަށް ރަޝިޔާގެ މުދާ އުފުލާ ރޭލުގެ ފުރަތަމަ ދަތުރު ނިންމައިފި

ރަޝިޔާގެ މޮސްކޯއިން ފުރައިގެން 62 ކޮންޓެއިނަރު ހިފައިގެން ދަތުރުކުރި ރަޝިޔާއާއި އީރާނާ ދެމެދު މުދާ އުފުލާ ފުރަތަމަ ރޭލު އޭގެ މަންޒިލަށް ފޯރައިފިއެވެ.، ކަޒަކިސްތާނާއި ތުރުކުމަނިސްތާން ތެރޭން ލައިގެން މި ރޭލް ވަނީ 9,000 ކިލޯމީޓަރުގެ ދިގު ރާސްތާއެއް 12 ދުވަސް ތެރޭ ކަޑައްތުކޮށްފައެވެ.

މިއީ އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓް ކޮރިޑޯގެ ފެށުން ކަމަށް ރަޝިޔާއިން ވަނީ އިއުލާން ކޮށްފައެވެ. 

މިއީ ރަޝިޔާއިން ފާރިސީ ކަނޑު އޮޅިއަށް މުދާ އުފުލުމަށް ހުޅުވޭ ޚާއްސަ އެއްގަމު މަގެކެވެ. ކުރިން ސުއޭޒް ކެނަލް މަގުން ކުރާ ދަތުރަށް 40-45 ދުވަސް ނަގައެވެ. ނަމަވެސް މިހާރު އަގު ހެޔޮވެފައި އެ ދަތުރު 12 ދުވަހަށް ކުރުކޮށްލެވުނީއެވެ.

އީރާނަށް ކޮންޓެއިނާތައް ފޯރުމަށްފަހު އެތަނުން އިންޑިއާއާއި މެދުއިރުމަތި އަދި އިރުމަތީ އެފްރިކާގެ ބާޒާރުތަކަށް ފޯރުކޮށްދިނުމަށް ބަނދަރުގެ ވަސީލަތްތައް ބޭނުންކުރާނެ އެވެ.

އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓް ކޮރިޑޯ އަކީ 7,200 ކިލޯމީޓަރުގެ ދިގު، ކަނޑު މަގާއި ރޭލު މަގާއި އެހެނިހެން މަގުތައް ގުޅުވައިލާފައިވާ ވިއުގައެއްގެ ވިޔަފާރި މަގެކެވެ. މި މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތާ 20 އަހަރު ވެއްޖެއެވެ.

މިމަގުން ލައިގެން އަހަރަކު 15 މިލިއަން ޓަނުގެ މުދާ އުފުލޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގުން މުމްބާއީއާ ގުޅުވައިލާ އުތުރާއި ދެކުނުގެ ޚާއްސަ ވިޔަފާރި މަގެކެވެ. މިމަގުގެ މަގްސަދަކީ މޮސްކޯއާއި މުމްބާއީއާ ދެމެދު މުދާ އުފުލުމަށް ނަގާ ވަގުތު 10 ދުވަހަށް ކުރުކުރުމެވެ.

މި ކޮރިޑޯ ހުޅުވުމާއެކު، ޝިޕިންގ އަދި ލޮޖިސްޓިކްސް ކުންފުނިތައް ދަނީ ކުރިއަށް އޮތް ދަތުރުތަކަށް ޖާގަ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަންނަ މަހުން ފެށިގެން ހަފްތާއަކު އެއް ފަހަރު މި މަގުން މުދާ އުފުލަން ފަށާނެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.

ހިއްސާ ކުރައްވާ!