ގުޖުރާތު އެންޓި-ޓެރަރިޒަމް ސްކޮޑް އިން ވަނީ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ޓެރަރިސްޓު ހަމަލާތަކެއް ދިނުމަށް ރާވަމުންދިޔަ އައިސިސްއާ ގުޅުން ހުރި ތިން މީހަކު އަޙްމަދާބާދުން ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަން ނިންމާލާފައިވަނީ ހުކުރު ދުވަހުގެ ރޭ އެވެ.
ހައްޔަރުކުރި މީހުންނަކީ ހައިދަރުއާބާދަށް ނިސްބަތްވާ އަޙްމަދު މުޙިއްޔުއްދީން ސައްޔިދު، އަދި އުއްތަރަ ޕްރަދޭޝަށް ނިސްބަތްވާ މުޙައްމަދު ސުހައިލް އަދި އާޒާދު ސުލައިމާން ޝައިޚްއެވެ. މި ތިން މީހުންނަކީ އަފްޣާނިސްތާންގައި އޮޕަރޭޓް ކުރާ އައިސިސް ޚުރާސާން ޕްރޮވިންސް (އައިއެސްކޭޕީ) ގެ އިރުޝާދުގެ ދަށުން ހަތިޔާރު ބަދަލުކޮށް، ޓެރަރިސްޓު ހަރަކާތްތައް ހިންގުމަށް ރާވަމުންދިޔަ ބައެއް ކަމަށް އޭޓީއެސްއިން ބުނެއެވެ.
އޭޓީއެސް އޮފިޝަލުން ވިދާޅުވި ގޮތުގައި، މި ރޭވުމުގެ ތެރެއިން ހަތިޔާރުތައް ވަނީ ރާޖަސްތާނުން ގުޖުރާތުގެ ގާންދީނަގަރަށް ގެންގޮސްފައެވެ. އޭޓީއެސްއިން ވަނީ ހަތިޔާރުތަކާއެކު ހައިދަރުއާބާދަށް އެނބުރި ދިއުމުގެ ކުރިން މުޙިއްޔުއްދީން އަޙްމަދާބާދުން ހައްޔަރުކޮށް، ރޭވުން ނާކާމިޔާބު ކޮށްލާފައެވެ.
މި އޮޕަރޭޝަނުގައި، ބޭރުން އުފައްދާފައިވާ ހަތަރު ޕިސްތޯލް، 30 ވަޒަން އަދި 40 ލީޓަރުގެ ކެސްޓަރ އޮއިލް ވަނީ އަތުލާފައެވެ. މީގެ އިތުރުން ސައިނައިޑް ބޭނުންކޮށްގެން ވިހަ ތަކެތި އުފެއްދުމުގެ މައްސަލައެއް ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މުޙިއްޔުއްދީން އަކީ ޗައިނާއިން އެމްބީބީއެސް ނިންމާފައިވާ މީހެކެވެ. އޭނާ ވަނީ އިންޑިއާ ދެކޮޅު އޮޕަރޭޝަންތަކަށް ފައިސާ ހޯދުމާއި މީހުން ރެކްރޫޓުކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އޭނާ އަކީ އައިސިސް ޚުރާސާންގެ 'އަބޫ ޚާދިމް' އާ ގުޅުން ބަދަހިކޮށްފައިވާ މީހެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި މީހުން ހައްޔަރުކުރުމަކީ އިންޑިއާގައި ޓެރަރިޒަމްގެ ނުރައްކާ ފެތުރުމަށް އައިސިސްއިން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު މުހިންމު ހުރަހެއް ކަމަށް ސަލާމަތީ ފަރާތްތަކުން ދެކެއެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ގުޖުރާތު އޭޓީއެސްއިން ދަނީ ކުރަމުންނެވެ.






