މިއަދަކީ ބާލިންގެ ފާރު ވައްޓާލި ތާރީޚީ ދުވަސް

ނޮވެމްބަރު 9 ވީ މިއަދަކީ ދުނިޔޭގެ ތާރީޚުގައި ވަރަށް މުހިންމު އަދި ބޮޑު ބަދަލެއް ގެނެސްދިން ދުވަހެކެވެ. 1989 ވަނަ އަހަރުގެ މި ދުވަހު، ފިނި ހަނގުރާމައިގެ އެންމެ ބޮޑު ނިޝާން ކަމަށްވާ ބާލިން ފާރު ވައްޓާލިއެވެ. މި ތާރީޚީ ހާދިސާއަކީ އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ޑިމޮކްރެޓިކް ބަދަލުތަކެއް ގެނެސްދީ، ޖަރުމަނު އަލުން އެއްކޮށްލުމަށް މަގުފަހިކޮށްދިން ކަމެކެވެ.

ބާލިން ފާރު ވައްޓާލުމުގެ ކުރިން ލިޕްޒިގް އާއި ބާލިންގައި އިރުމަތީ ޖަރުމަނުގެ ރައްޔިތުން ވަނީ މުޒާހަރާތައް ކޮށްފައެވެ. މި މުޒާހަރާތަކުގެ ސަބަބުން ކޮމިއުނިސްޓް ވެރިކަމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވިއެވެ. ފާރު ވައްޓާލުމުގެ ހާދިސާ ފެށިގެން އައީ އިރުމަތީ ޖަރުމަނުގެ ސިޔާސީ ލީޑަރު ގުންޓަރ ޝަބޮވްސްކީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްތަޅުތަކުން މިނިވަބން ކުރައްވާނެ ކަމަށް ހީވާގޮތަށް ވާހަކަފުޅެއް ދެއްކެވުމުންނެވެ. މިކަމާ ގުޅިގެން އެތައް ހާސް ބަޔަކު ވަގުތުން ބޯޑަރު ކައިރިއަށް ޖަމާވިއެވެ.

ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ ބާރު ބޮޑުވުމުގެ ސަބަބުން، ހާރަލްޑް ޔޭގަރ ކިޔާ ބޯޑަރު އޮފިޝަލަކު، ބްރެންޑެންބާގް ގޭޓް އާއި ޕޮޓްސްޑާމަރ ޕްލަޓްޒް ފަދަ މުހިންމު ސަރަހައްދުތަކުގައި ހުރި ޗެކްޕޮއިންޓްތައް ހުޅުވާލަން ނިންމެވިއެވެ. މިކަމުގެ ސަބަބުން އިރުމަތީ ޖަރުމަނުގެ ރައްޔިތުންނަށް ހުޅަނގު ޖަރުމަނަށް ވަދެވޭނެ މަގު ފަހިވިއެވެ. އަދި ފާރުގެ ބައިތައް ރައްޔިތުން އަތުން ވައްޓާލަން ފެށިއެވެ. މިއީ ފިނި ހަނގުރާމައިގެ ނިމުމުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވޭ ހާދިސާއެކެވެ.

ބާލިން ފާރު ވައްޓާލުމުގެ އަސަރަކީ ހަމައެކަނި ޖަރުމަނަށް ނިސްބަތްވާ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ޗެކޮސްލޮވޭކިއާ، ބަލްގޭރިއާ އަދި ރޮމޭނިއާ ފަދަ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ކޮމިއުނިސްޓް ވެރިކަންތައް ވެއްޓި، ބަލްޓިކް ގައުމުތަކުގައި މިނިވަންކަމުގެ ހަރަކާތްތައް އަވަސްވެގެން ދިޔައެވެ. ޖަރުމަނު ރަސްމީކޮށް އެއްކޮށްލެވުނީ 1990 ވަނަ އަހަރުގެ އޮކްޓޯބަރު 3 ގައެވެ. މީގެ އިތުރުން، 1991 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޯވިއެޓް ޔޫނިއަން (ޔޫއެސްއެސްއާރު) އުވިގެން ދިޔުމަށް ވެސް މި ހާދިސާ މަގުފަހިކޮށްދިނެވެ.

މިއަދު ބާލިން ފާރުގެ ބައިތަކެއް ހުރީ ތާރީޚީ ބިނާތަކެއްގެ ގޮތުގައި ރައްކާކުރެވިފައެވެ. މި ބައިތަކަކީ ފިނި ހަނގުރާމައިގެ ބައިބައިވެފައިވާ ދުވަސްތަކުގެ ހަނދާނާއި، މިނިވަންކަމަށް ލިބުނު ކާމިޔާބީގެ ނިޝާނެއްގެ ގޮތުގައި ފަތުރުވެރިންނަށް ދައްކާލުމަށް ބޭނުންކުރާ ތަންތަނެވެ.

ހިއްސާ ކުރައްވާ!