ޗައިނާގެ ކަނޑުގެ ސްޓްރެޓެޖީން އިންޑޯ-ޕެސިފިކްގެ ސަރަހައްދީ ރޮނގުތައް ބަދަލުކޮށްލަނީ

ޗައިނާއިން ވަނީ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފުޅާކުރުމުގެ މަސައްކަތް، ހަނގުރާމައިގެ ދަރަޖައަށް ނުދާ މިންވަރަކަށް މައްޗަށް ޖައްސާލާފައެވެ. މިއަށް ހުޅަނގުގެ މީޑިއާއިން ކިޔާފައި ވަނީ "ގްރޭ-ޒޯން" ޓެކްޓިކްސްގެ ސިލްސިލާ އެއް ކަމަށެވެ.

މިކަމުގެ ސަބަބުން އިރުމަތީ އޭޝިއާގެ ސްޓްރެޓެޖިކް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ފާހަގަ ކުރެވެއެވެ. އަދި ސަރަހައްދީ ބާރުތަކުގެ ސާބިތުކަން ވަނީ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައެވެ.

މި  އުކުޅުތައް ބޭނުންކޮށްގެން ޗައިނާއިން ދަނީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި ސަރަހައްދީ އިއްތިހާދުގެ  ހިމާޔަތް ލިބިފައިވާ ސަރަހައްދުތަކުގައި ޗައިނާގެ ބާރު ހިންގޭ މިންވަރު ވަޒަން ކުރަމުންނެވެ.

ޗައިނާގެ ބޯޓުފަހަރު ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) ގެ ތެރެއަށް ވަދެފައެވެ. އަދި، އޮގަސްޓް މަހު ސްކާބޮރޯ ޝޯލްގައި ޗައިނާގެ ކޯސްޓް ގާޑް، ނޭވީ އަދި މެރިޓައިމް މިލިޝިއާގެ ބޯޓުފަހަރު ވަނީ ފިލިޕީންސްގެ ސިފައިންނަށް ބިރުދެއްކުމަށްޓަކައި ކުރިން ނުފެންނަ މިންވަރަކަށް ގިނަ އިން ހަރަކާތްތެރި ވެފައެވެ.

ސެންކާކު ޖަޒީރާތަކުގެ ކައިރީގައި ޖަޕާނުގެ ޕެޓްރޯލް ބޯޓުތަކަށް ޗައިނާގެ ބޯޓުފަހަރުގެ ހަރުކަށި ހަރަކާތްތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ސްކާބޮރޯ އަދި ސެކަންޑް ތޯމަސް ޝޯލްސްގައި ޗައިނާގެ ބޯޓުފަހަރުން ވަނީ ބިރުދެއްކުމުގެ އުކުޅުތައް ބޭނުންކޮށް ފިލިޕީންސްގެ ބޯޓުފަހަރުތަކަށް ގެއްލުންދިނުމަށް ފެނަބައްޑާ ބޭނުންކޮށް ހަމަލަތައް ދީފައެވެ.

ތައިވާނުގެ ކިންމެން ރަށްތަކަށް ޗައިނާގެ ފޯރި މަރާ އުޅަނދުތައް ދުވާލަކު ވަންނަމުންދާ ކަމަށް ވެއެވެ.

އަދި މި ބޯޓުތަކުން ބައެއް ފަހަރު ބޭރު ގައުމުތަކުގެ ދިދަ ނަގައިގެން ހަރަކާތްތެރި ވެއެވެ. އަދި ބައެއް ފަހަރު ޓްރެކިންގ ސިސްޓަމްތައް ނިއްވާލައެވެ.

ޗައިނާއިން މިކަންކަމުގައި ބޭނުންކުރަނީ ތިނެސްކަން ސްޓްރެޓެޖީއެއް ކަން ފާހަގަ ކުރެވެއެވެ. އެއީ، ނަފްސާނީ، މީޑިއާ އަދި ގާނޫނީ  އުކުޅުތައް އެކުލެވޭ ސްޓްރެޓެޖީއެކެވެ.

ޗައިނާއިން އެގައުމުން މިސަރަހައްދުގައި ދައްކާ ހަރުކަށިކަން ސިފަކުރަނީ ގާނޫނީ ދިފާއެއްގެ ގޮތުގައެވެ. އަދި ބަޑި ބޯޓުތައް ދުއްވުން ސިފަކުރަނީ އާދައިގެ ތަމްރީނުތަކެއްގެ ގޮތުގައެވެ.

އަދި ސްކާބޮރޯ ޝޯލް ސިފަކުރަނީ ހިމާޔަތް ކޮށްފައިވާ ގުދުރަތީ ސަރަހައްދެއްގެ ގޮތުގައެވެ. އެ ސަރަހައްދުގައި އަސްކަރީ ގޮތުން ހަރަކާތްތެރިވުން ހުއްޓުވައި ތިމާވެށި ހިމާޔަތް ކުރަނީ ކަމަށް ޗައިނާއިން ބުނެއެވެ.

ޖަޕާނުން މިފިޔަވަޅުތަކާ ދެކޮޅަށް ހާލަތު ގޯސްވިޔަ ނުދިނުމށް ހިމޭންކަން އިޚުތިޔާރު ކުރެއެވެ.

ފިލިޕީންސުން އެ ގައުމުގެ ސަރަހައްދީ މިނިވަންކަމާއި އިގްތިސާދީ ގުޅުންތަކާ ދެމެދު ހަމަޖެހުމެއް ހޯދުމަށް މަސައްކަތްކުރެއެވެ.

ރަސްމީ ސަލާމަތީ ޔަގީންކަމެއް ނެތް ނަމަވެސް ތައިވާނަށް މިފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހިފައިވަނީ އެހެން ފަރާތެއްގެ އެހީތެރިކަން ނެތް ގޮތަކަށެވެ.

އެމެރިކާ، ޖަޕާނު އަދި ފިލިޕީންސްގެ 3 ގައުމުގެ ވިލަރެސް ކުރުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، އެއީ އަދި ހަމައެކަނި ފަންނީ ފެންވަރެއްގައި ކުރެވޭ ކަމެކެވެ.

ޗައިނާގެ މިފަދަ ހަރަކާތްތަކަށް ގޮންޖެހުމެއް ނެތި ދޫކޮށްލުމަކީ، އެކަންކަން އާދަކާދައަކަށް ވުމުގެ ނުރައްކާ އެކުލެވިގެންވާ ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.

ޗައިނާއިން ވެސް ވަނީ ގަސްތުގައި ހަނގުރާމައަށް ނުދާ މިންވަރެއްގައި ހަރަކާތްތެރިވުމަށް ވިސްނާފައެވެ. އެކަމުގެ ސަބަބުން، އެމެރިކާ-ޖަޕާނު ސެކިއުރިޓީ ޓްރީޓީ ފަދަ ދިފާއީ އޮނިގަނޑުތަކުގެ އަސަރު ކުދަ ވެގެން ދެއެވެ.

ހިއްސާ ކުރައްވާ!