ޗައިނައިން އުފެއްދި މަތިންދާބޯޓު ވިއެޓްނާމުން ދޫކޮށްލައިފި

ވިއެޓްނާމްގެ ބަޖެޓް އެއާލައިން ވިއެޓްޖެޓުން ޗައިނާގައި އުފައްދާފައިވާ ކޮމާކް ސީ919 މަތިންދާބޯޓު ގެ ދެ ބޯޓު ތައާރަފްކުރިތާ ހަ މަސް ފަހުން ގްރައުންޑްކޮށް ބޭއްވުމަށްފަހު އަނބުރާ ގެނެސްފި އެވެ. މި ޑީލް ނިންމާފައި ވަނީ އޭޕްރީލް މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހަނޯއީއަށް ކުރެއްވި ހައި ޕްރޮފައިލް ދަތުރުފުޅާ ގުޅިގެންނެވެ.

ޗައިނާ ސަރުކާރުގެ ކުންފުނި ކޮމާކް އިން އުފެއްދި ސީ919 ޕްރޮމޯޓް ކުރީ އެއާބަސް-ބޮއިންގް ގެ ދެ ކުންފުނީގެ މޮނޮޕޮލީއަށް ޗައިނާއިން ދޭ ޖަވާބެއްގެ ގޮތުގަ އެވެ. ނަމަވެސް ވިއެޓްޖެޓުން މި ބޯޓުތައް ގްރައުންޑް ކޮށް އަނބުރައި ފޮނުވާލީ، މަތިންދާބޯޓާއި އޭގެ ފަޅުވެރިންނާއި އިންޝުއަރެންސް ހިމެނޭ ވެޓް ލީސް އެގްރީމަންޓް ނިމުމަކަށް ގެނަސްފައެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ ފިއުލް އެފިޝަންސީ ދަށްވުމާއި، މެއިންޓެނަންސް ހަރަދު ބޮޑުވުމާއި، ޕާޓްސް ލިބުމުގައި ލަސްތަކެއް ހުރުމެވެ.

ސީ919 އަށް ބައިނަލްއަގްވާމީ ސެޓްފިކެޓް ލިބިފައެއް ނުވެއެވެ. އެމެރިކާގެ އެފްއޭއޭ އާއި ޔޫރަޕްގެ އީއޭއެސްއޭ އިން ސެޓްފިކެޓް ދީ ފާސްކޮށްފައިވާ އެއާބަސް އަދި ބޮއިންގް ޖެޓްތަކާ ޚިލާފަށް ޗައިނާގެ މި އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ވިޔަފާރި ލިބުމާއި ދެމިއޮތުމުގެ ފުރުސަތު އިތުރަށް ހަނިވެގެން ގޮސްފައި ވެއެވެ.

ވިއެޓްޖެޓުން މިހާރުވެސް 90 އަށް ވުރެ ގިނަ އެއާބަސް މަތިންދާބޯޓު އޮޕަރޭޓްކުރެއެވެ. އެކުންފުނިން ވަނީ ބޮއިންގް 737 މެކްސް ޖެޓް ގެ 150 ބޯޓަށް އޯޑަރުކޮށްފައެވެ. އަދި ޖޫން މަހު 150 އެއާބަސް އޭ320ނިއޯ ބޯޓު ހޯދުމަށްވެސް ސޮއިކޮށްފައި ވެއެވެ.

ވިއެޓްނާމަކީ ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ ކަންކަމަށް ރައްދު ދޭ ގައުމެކެވެ. ވިއެޓްނާމުން ވަނީ 2024 ވަނަ އަހަރު ވެސް ޗައިނާގެ އުޅަނދުތަކުން ވިއެޓްނާމްގެ މަސްވެރިންނަށް ހަމަލާދިނުމުން އެކަމަށް ފިޔަވަޅު އަޅާފައެވެ. އަދި އެކަންކަމަށް ރައްދުދެމުން ވިއެޓްނާމުން ވަނީ އެމެރިކާ، ޖަޕާން، އިންޑިއާ، އަދި އޮސްޓްރޭލިއާއާ އައި އިންޑިއާއާއެކު ދިފާއީ ގުޅުން ބަދަހިކޮށްފަ އެވެ.

ބެއިޖިންއަށް މިއީ ބޮޑު ފިލާވަޅެކެވެ. ޗައިނާގެ އީޖާދީ ހުނަރު ދައްކާލުމަށް ގަސްތުކޮށްފައިވާ އޭވިއޭޝަން ޑިޕްލޮމެސީގެ ލިމިޓެޝަންތައް ޗައިނާއަށް މިހާރު ވަނީ ހާމަވެފައެވެ.

ހިއްސާ ކުރައްވާ!