ޗައިނާގެ ބިރުވެރިކަން އިތުރުވަމުންދާތީ، ތައިވާނުން ރައްޔިތުންނަށް ދިފާއީ ކަންކަމާއި ސަލާމަތާ ބެހޭ އަތްމަތީ ފޮތް ބަހަން ފަށައިފިއެވެ. ޗައިނާއިން ތައިވާނަށް ދަތި ކުރުމަށް މަސައްކަތް ފަށާފައި ވުމުން ޖަޕާނުން ވަނީ ތައިވާންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.އ ަދި އެ މައްސަލައާ ގުޅިގެން ދެ ގައުމު ދެމެދު ބަހުގެ ހޫނު ހަމަލަތައް ބަދަލުކޮށްފައި ވެއެވެ. އަދި މިކަމާ ގުޅިގެން ޗައިނާ ފަތުރުވެރިން ޖަޕާނަށް ނުދިއުމަށްވެސް ބެއިޖިންގ އިން އިރުޝާދު ދީފައި ވެއެވެ.
ޗައިނާގެ ސިޔާސީ އަދި ސަލާމަތީ ފިއްއތުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ތައިވާނުގެ ރައްޔިތުންނަށް ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށްޓަކައި، ސަރުކާރުން ދަނީ ރައްޔިތުން ތައްޔާރު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ޗާޕް ކޮށްފައިވާ ގައުމީ ދިފާޢީ އަތްމަތީ ފޮތް ވަނީ ގޭބިސީތަކަށް ބަހަން ފަށައިފައެވެ.
މިއީ ގުދުރަތީ ކާރިސާތަކަށާއި، ޗައިނާއިން ދީފާނެ ހަމަލާއަކަށް ރައްޔިތުން ތައްޔާރު ކުރުމަށްޓަކައި ތައިވާނުން ގައުމީ ފެންވަރުގައި ކުރާ ފުރަތަމަ މަސައްކަތެވެ.
މފަހުން މިފަދަ ފޮތެއް ތައްޔާރުކޮށް ބަހާފައިވަނީ ރަޝިޔާ ޔުކްރެއިންގެ ހަމަލަތަކާ ހެދި ފިންލެންޑްގައެވެ.
ތައިވާނުން މި އަތްމަތީ ފޮތް ތައްޔާރު ކުރުމުގެ ކުރިން ރައްޔިތުންނަށް ތަމްރީން ޕްރޮގްރާމުތައްވެސް ބާއްވާފައި ވެއެވެ. މި އަތް މަތީ ފޮތަކީ، މިދިޔަ ސެޕްޓެމްބަރު މަހު ތައާރަފުކުރި ފޮތެކެވެ.
މި ފޮތުގައި، ބޮމުން ރައްކާތެރިވުމަށް ބިންގަރާސް ހުރި ތަންތަން ހޯދާނެ ގޮތާއި، ކުއްލި ހާލަތަށް ތައްޔާރުކުރާ ސާމާނު ބޮކްސާ ތައްޔާރު ކޮށްބަލަހައްޓާނެ ގޮތާއި ދުޝްމަން ސިފައިންނާ ދިމާވެއްޖެނަމަ، އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ހމަނަފައި ވެއެވެ.
ސަރުކާރުން ދަނީ ތައިވާނުގެ 9.8 މިލިއަނަށް ވުރެ ގިނަ ގޭބިސީތަކަށް މިފޮތް ބަހަމުންނެވެ.
ސަރުކާރުގެ އޮފިޝަލުން ވަނީ ތައިވާން ބަލިވެއްޖެ ކަމަށް ބުނާ އެއްވެސް ޕްރޮޕެގެންޑާ ވާހަކައެއް ތައިވާންގެ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރުމަށްވެސް ގޮވާލައި ރައްޔިތުންނަށް އިރުޝާދު ދީފައެވެ. އަދި ބާރުގެ ބޭނުންކޮށްގެން ތައިވާނާ ދެކޮޅަށް ކުރާ ކަންކަމާ ދެކޮޅަށް ތައިވާނުން ސާބިތުވެ ދިފާއުގައި ތިބޭނެ ކަމަށް ބުނެފައެވެ.
ގައުމީ ސަލާމަތީ މަޖިލީހުގެ ނައިބު ލިން ފެއި-ފަން ވިދާޅުވީ، މި އަތްމަތީ ފޮތްތައް ބަހަނީ ތައިވާން ދިފާޢުވުމަށް އަޒުމް ކަނޑައަޅާފައިވާކަމުގެ ސިގްނަލެއް ރައްޔިތުންނަށްދީ ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުންނެވެ. އަދި ހަމަލާއެއް ދީފިނަމަ އެފަރާތަކުން ބޮޑު އަގެއް ދައްކަން ޖެހިދާނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
ތައިވާނަކީ ޗައިނާއިން ދެކެ ގޮތުގައި އެގައުމުގެ ބައެކެއެވެ،. އަދި ޗައިނާއިން ސިފަ ކުރަނީ ތައިވާނަކީ ބާޣީ ސަރަހައްދެއް ކަމަށެވެ.






