ޗައިނާއިން ޖަޕާނުގައި އުފައްދާ ކަނޑުގެ ކާނާގެ ބާވަތްތައް ކަމަށްވާ ސީފުޑް އެތެރެކުރުން މަނާކުރުމާ ގުޅިގެން، އިންޑިއާގެ ސީފުޑް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ލިބެން ފަށައިފިއެވެ. ޓައިވާނާ ގުޅޭގޮތުން ޗައިނާއާއި ޖަޕާނާ ދެޤައުމު ދެމެދު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. މިކަމުގެ ސަބަބުން ޖަޕާނުން ބޭރުކުރާ ސީފުޑްގެ 25 އިންސައްތަ އެތެރެކުރަމުން އައި އެންމެ ބޮޑު މާކެޓު ޗައިނާއިން ޖަޕާނުގެ އުފެއްދުން އެތެރެ ކުރުން ހުއްޓާލައިފިއެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ކުންފުނިތަކުގެ ހިއްސާ ވަނީ ކުއްލިއަކަށް އިތުރު ވެފައެވެ. ސީފުޑް އެކސްޕޯޓު ކުރާ "އަވަންތީ ފުޑްސް" ގެ އެކްސްޕޯޓް ހއްސާ ގާތްގަނޑަކަށް 10 އިންސައްތަ މަތިވެފައިވާ އިރު، "ކޯސްޓަލް ކޯޕަރޭޝަން" ގެ ހިއްސާ 5 އިންސައްތަ އިތުރުވެފައިވެއެވެ. މިކަމުން ދައްކުވައިދެނީ އިންޑިއާގެ ސީފުޑް ދާއިރާއަށް ލިބިގެން ދިޔަ ފުރުސަތުގެ ބޮޑުކަމެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން އެމެރިކާއިން އިންޑިއާގެ މުދަލަށް 50 އިންސައްތައާ ހަމައަށް ޓެރިފްތައް ނަގަން ފެށުމުން އިންޑިއާއިން ދިޔައީ ޗައިނާ، ވިއެޓްނާމް އަދި ތައިލެންޑް ފަދަ އޭޝިއާގެ މާކެޓުތަކަށް ސީފުޑް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފުޅާކުރަމުންނެވެ. މިދިޔަ މާލީ އަހަރު އިންޑިއާއިން 7.4 ބިލިއަން ޑޮލަރުގެ ސީފުޑް ބޭރުކޮށްފައި ވެއެވެ.
މިދިޔަ ހަފްތާގައި އިންޑިއާ ސަރުކާރުން ވަނީ ދުނިޔޭގެ ވިޔަފާރިއަރަމުންދާ ލޮޅުންތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި، އެކްސްޕޯޓް ކުރުމުގެ ދާއިރާތަކަށް 450.6 ބިލިއަން ރުޕީސްގެ އެހީގެ ޕެކޭޖެއް ފާސްކޮށްފައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ޗައިނާއިން ޖަޕާނުގެ ސީފުޑް މަނާކުރުމަކީ އިންޑިއާއަށް އޭޝިއާގައި ސީފުޑްގެ ދާއިރާ ފުޅާކުރުމަށް ލިބުނު ސްޓްރެޓެޖިކް ފުރުސަތެކެވެ. އަދި އެމެރިކާގެ ޓެރިފްތަކުގެ އަސަރު މިހާރުވެސް އެކްސްޕޯޓްތަކަށް ކުރަމުްނ ދިޔަ ނަމަވެސް މި ފުރުސަތުގެ ސަބަބުން އިންޑިއާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.







