ޗައިނާގެ ސިނާއީ ދާއިރާ އިތުރަށް ހީނަރުކަމެއް ވެރިވެ، އެ ޤައުމުގެ އިޤްތިޞާދަށް ނުރައްކަލަކާ ކުރިމަތިވެފައިވާ ކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ. މިދިޔަ 10 މަސް ދުވަހުގެ ތެރެއިން 8 މަހު ޕަރޗޭސިންގ މެނޭޖާސް އިންޑެކްސް (ޕީ.އެމް.އައި) ވަނީ 50 ޕޮއިންޓަށް ވުރެ ދަށަށް ގޮސްފައެވެ. މި ނިމުނު އޮކްޓޯބަރު މަހު މި އަދަދު ހުރީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ފެނިގެން ދިޔަ އެންމެ ދަށް މިންވަރުގައެވެ.
މިކަމުގެ ސަބަބުން، އެ ޤައުމުގެ ޖީ.ޑީ.ޕީ. އާއި ވަޒީފާގެ ފުރުޞަތުތަކަށް ނުތަނަވަސްކަމެއް ކުރިމަތި ވެފައި ވެއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރީގެ ހަމަޖެހުން ނިގުޅައި ގަންނާނެ ކަމަށް އިޤްތިޞާދީ މުހައްލިލުން ދަނީ ބުނަމުންނެވެ.
ޗައިނާގެ އޮކްޓޯބަރު މަހުގެ ޕީ.އެމް.އައި. އަދަދުތަކުން ދައްކާ ގޮތުގައި، ވަޒީފާގެ އިންޑެކްސް 48.3 އިންސައްތަ އަށް ދަށްވެފައި ވެއެވެ. މިއީ 0.2 ޕޮއިންޓުގެ ދަށްވުމެކެވެ. މިއިން ދައްްކަނީ ކާރުޚާނާތަކުގައި ވަޒީފާ ގެ ފުރުސަތުތައް ހަނިވެފައިވާ ކަމެވެ.
އޭގެ އިތުރުން ޗައިނާގެ އިޤްތިޞާދަށް ބޭރުގެ ފިއްތުންތައްވެސް ކުރިމަތިވެފައި ވެއެވެ. ޚާއްސަކޮށް އެމެރިކާއިން ޗައިނާގެ މުދަލަށް ނަގާ ބޮޑެތި ޓެރިފްތަކުގެ ސަބަބުން، އެކްސްޕޯޓްގެ ވާދަވެރިކަން ދަށްވެފައި ވެއެވެ. އަދި އޯޑަރުތައް މަދުވެ، އުފެއްދުންތެރިކަމުގެ ޚަރަދުތައް މަތިވެފައި ވެއެވެ.
އިޤްތިޞާދީ މި ހީނަރުކަމަށް ކުރިމަތިވާ އެތެރޭގެ ސަބަބުތަކުގެ ތެރޭގައި، އޮކްޓޯބަރު މަހު ރިޓެއިލް ސޭލްސް ދަށްވުން، އަދި ހައުސިންގ މާކެޓަށް ދިމާވެފައިވާ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން މާލީ ދަތިތަކަކީ ވެސް މި ދަށްވުމަށް ބާރުއެޅުމަށް މެދުވެރިވާ ކަންކަމެވެ.
އިޤްތިޞާދީ މާހިރުން އަންނަނީ ޗައިނާގެ މިހާރުގެ އެކްސްޕޯޓް ބިނާކޮށްފައިވާ ތަރައްޤީގެ މޮޑެލް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އިންޒާރު ދެމުންނެވެ. ޚާއްސަކޮށް އެތެރޭގެ ބާޒާރު ވަރުގަދަ ނުކުރެވޭނަމަ މި މޮޑެލް ކާމިޔާބު ނުވާނެ ކަމަށް އެމީހުން ބުނެއެވެ.
ކައިޝިން އިންސައިޓް ގްރޫޕްގެ ވާން ޒެ ވިދާޅުވީ، "ބޭރުގެ ވިޔަފާރީގެ މާހައުލުގައި ހުރި ނޭނގޭ ކަންކަން މިހާރު ވަނީ އިތުރުވެފައެވެ. މިއީ އެތެރޭގެ އިޤްތިޞާދަށް އިތުރު ބުރައެއް ކުރިމަތިވާ ކަމެއް" ކަމަށް އޭނާ ވިދާޅުވެއެވެ.
ބޭރުގެ ކުންފުނިތަކުން "ޗައިނާ+1″ ސްޓްރެޓެޖީގެ ދަށުން އެމީހުންގެ އިންވެސްޓްމަންޓްތައް ބަދަލުކުރަމުން ދިއުމަކީ ވެސް ޗައިނާގެ މެދުފަންތީގެ ތަރައްޤީއަށް ހުރަސް އަޅާ ކަމެކެވެ. މިކަމުގެ ސަބަބުން އިންޑިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ފަދަ ޤައުމުތަކާ އަޅާ ބަލާއިރު، ޗައިނާގެ ތަރައްޤީގެ ކުރިމަގު ހަނިވެގެންދެއެވެ.
ޗައިނާގެ ޖީ.ޑީ.ޕީ.ގެ 26 އިންސައްތަ ހިއްސާކުރަނީ ސިނައީ ދާއިރާއިންނެވެ. މި ދާއިރާއަކީ އެ ޤައުމުގެ އިޤްތިޞާދީ ރޭވުންތަކުގެ މައިގަނޑު ތަނބެވެ. މުހައްލިލުން ބުނާ ގޮތުގައި، މި އަހަރު ޗައިނާގެ އިޤްތިޞާދީ ކުރިއެރުން ހުންނާނީ އެންމެ 3.5 އިންސައްތައި ގައެވެ. މިކަމުން ދައްކައިދެނީ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ފިއްތުމެވެ.






