އިންޑިއާ އާއި ރަޝިޔާ އިން ތައްޔާރުވަމުން ދަނީ ޑިސެމްބަރު މަހު ރަޝިޔާގެ ރައީސާއި އިންޑިއާގެ ބޮޑުވަޒީރުގެ މަތީ ފެންވަރުގެ ސަމިޓު ބައްދަލު ވުމަށެވެ. އިންޑިއާއިން ބުނާ ގޮތުގައި އެ ސަމިޓަކީ ދިފާއީ އެއްބާރުލުން ބަދަހި ކުރުމަށް މަޝްވާރާ ކުރާނެ ބައްދަލު ވުމެއް ކަމުގައި ވާނެއެވެ.
އޮޕަރޭޝަން ސިންދޫރުގެ ތެރޭގައި ޕާކިސްތާނުން ފޮނުވާލި ޑްރޯންތައް ނިއުޓްރަލައިޒްކޮށްގެން ދިފާއީ ބާރަކަށް ވެފައިވާ ރަޝިޔާގައި އުފައްދާފައިވާ އެސް-400 މިސައިލް ޑިފެންސް ސިސްޓަމްގެ އިތުރު ފަސް ނިޒާމު ހޯދުމަށް އިންޑިއާއިން މި މަޝްވަރާތަކުގައި ބާރު އަޅާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާއިން އެސް-400 ފުރަތަމަ ގަނެފައި ވަނީ 2018 ވަނަ އަހަރު އެވެ. އެއިރު އެ ވައްތަރުގެ 5 ނިޒާމު ގަތުމަށް، 5.43 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހެއްޖެވެ. އޭގެ ތެރޭން 3 ނިޒާމު މިހާރު ވަނީ އިންޑިއާއާ ހަވާލު ކޮށްފައެވެ.
ރަޝިޔާއިން ދަނީ މިސައިލް ޑިފެންސް މަޝްވަރާތަކާ އެކު ރަޝިޔާގެ ސުޚޯއީ-57 ޕްރޮގްރާމްގައި ބައިވެރިވުމާ މެދު ވިސްނުމަށް ނިއުދިއްލީއަށް ހިތްވަރު ދެމުންނެވެ.
އެސްޔޫ-57 އަކީ ރަޝިޔާގެ ފަސްވަނަ ޖީލުގެ ސްޓެލްތު ފައިޓާ ޖެތްތަކެވެ. އަދި މިއީ އެމެރިކާގެ އެފް-35 އަށް ވުރެން ކުޅަދާނަ ޖެޓްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.
ރަޝިޔާ އިން ބޭނުން ވަނީ އިންޑިއާއަކީ ހަމައެކަނި ގަންނަ ފަރާތަކަށް ވުމަށް ވުރެ ބޮޑަށް ސުކޯއި މަތިންދާބޯޓު ތަރައްގީ ކުރުމުގެ ބައިވެރިއަކަށް ވާށެވެ. ނަމަވެސް ނިއުދިއްލީން މި ކަމާ މެދު އަދި ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
އެސް-400 ގެ ނިޒާމުތައް އިތުރު ކުރުމާ ބެހޭ ގޮތުން މިއަހަރުގެ ކުރީކޮޅު އިންޑިއާގެ އެއާ ޗީފް މާޝަލް އޭ.ޕީ ސިންގް އާއި ސުވާލު ކުރުމުން އެ ނިޒާމުގެ ނަތީޖާ ރަނގަޅު ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި އިންޑިއާ އިން ވެސް އެފަދަ އަމިއްލަ ޕްލެޓްފޯމްތައް ތަރައްގީ ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަރެންދުރަ މޯދީ އާއި ރައީސް ވްލަޑިމިއާ ޕޫޓިން ބައްދަލުކުރާ ސަމިޓްގައި ދިފާއީ ދާއިރާގެ އިތުރުން އިންޑިއާގެ ދިގު މުއްދަތުގެ ހަކަތައިގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ހަކަތައާ ބެހޭ އެއްބާރުލުމާ ބެހޭ މަޝްވަރާތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީމީ ދާއިރާގެ އާ އެއްބަސްވުންތަކެއްގައި ސޮއިކުރުންވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ. ދެ ފަރާތުން ވެސް ދެކެނީ މި ބައްދަލުވުމަކީ ސްޓްރެޓެޖިކް ގުޅުންތައް ބަދަހިކޮށް، އަވަސް ސަލާމަތީ ބޭނުންތަކާއި ފުޅާ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ އެއްބާރުލުން ހަމަހަމަ ކުރުމުގެ ފުރުސަތެއް ކަމަށެވެ.







