އިންޑިއާގައި މުސްލިމުންގެ ދުސްތޫރީ ހައްގުތައް ހިމާޔަތް ނުކުރެވުމަކީ، ދެކޮޅުވެރިކަމަށް ދެވޭ ދައުވަތެއް ކަމަށް ވިދާޅުވެ، އިންޑިއާގެ މުސްލިމުންގެ ހައްގު ހިމާޔަތް ކުރުމަށް ޖަމުއިއްޔަތޭ އުލަމާއޭ ހިންދުން ގޮވާލައިފިއެވެ. ބޯޕާލްގައި، ޖަމުއިއްޔަތޭ އުލަމާއޭ ހިންދުގެ ހިންގާ ކޮމިޓީގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމުއިއްޔާގެ ރައީސް މައުލާނާ މަހުމޫދު އަސްއަދު މަދަނީ ވިދާޅުވީ، "އަނިޔާވެރިކަން ދެމިއޮތް ނަމަ ޖިހާދު ވެސް ދެމި އޮންނާނެ،" ކަމަށެވެ.
މަހުމޫދު މަދަނީއަކީ2006 އިން 2012 އަށް އިންޑިއާގެ ޕާލަމެންޓްގެ މަތިގޭގެ މެމްބަރުކަން ކުރެއްވި މުސްލިމު ލީޑަރެކެވެ.
އޭނާ ވަނީ އިންޑިއާގެ މީޑިއާއާއި ސަރުކާރުން ޖިހާދުގެ މަފްހޫމު އޮޅުވާލައި އަގު ވައްޓާލުމަށް މަސައްކަތް ކުރާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖިހާދުގެ މަފްހޫމު "އަބަދުވެސް މާތްވެގެންވާ މަސައްކަތެއްގެ ގޮތުގައި ދެމިއޮންނާނެ" ކަމަށާއި، އެ މަފްހޫމަކީ، އަނެކާގެ ހެވާއި ލާބަޔަށްޓަކައި ބިންވަޅު ނެގިފައިވާ މަފްހޫމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ޑިމޮކްރެޓިކް ނިޒާމުގައި މުސްލިމުންނަށް ގާނޫނުއަސާސީއަށް ވަފާތެރިކަން ދައްކަން ލާޒިމުވެފައިވީ ނަމަވެސް ދައުލަތުގެ މައްޗަށް ވެސް ސާފުވެގެންވާ ޒިންމާތަކެއް އޮތް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި، ސަރުކާރުން އެކަން ނުކޮށްފިނަމަ ސަރުކާރު ޒިންމާވާން ޖެހޭނެ ކަމަށެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރާއި މީޑިއާއިން ވަނީ މުޤައްދަސް ލަފުޒެއް ސިޔާސީ ޝިއާރަކަށް ބަދަލުކޮށްފަ އެވެ. އޭނާ އިޝާރާތް ކުރެއްވީ އިންޑިއާގައި މުސްލިމުން ރުޅިއަރުވާލުމަށް ބޭނުންކުރާ "ލޯބީގެ ޖިހާދު"، "ކުޅުޖެހުމުގެ ޖިހާދު"، އަދި "ބިން ހިފުމުގެ ޖިހާދު" ފަދަ ލޭބަލްތަކަށެވެ. އަދި އެއީ ގަސްތުގައި އޮޅުވާލުން ކަމަށް ވިދާޅުވެ އެވެ.
އިންޑިއާގައި މުސްލިމުންނާ ދޭތެރޭ ދެކޭ ގޮތާމެދުވެސް އޭނާ އަލިއަޅުވާލެއްވިއެވެ. މަދަނީ ވިދާޅުވީ، ދިހަ ޕަސެންޓް މީހުން މުސްލިމުންނަށް ތާއީދުކުރާ ކަމަށާއި، 30 ޕަސެންޓް މީހުން ދެކޮޅު ކަމަށާއި، 60 ޕަސެންޓް މީހުން ހިމޭނުން ތިބޭ ކަމަށެވެ. އަދި ހިމޭނުން ތިބޭ މީހުންނަށް އޮޅުންފިލުވައި ދިނުމަށް މަސައްކަތް ކުރުމަށް އޭނާ މުސްލިމުންނަށް ގޮވާލެއްވިއެވެ.
މަދަނީ ވިދާޅުވީ ސުޕްރީމް ކޯޓުވެސް މާތްވާނީ، ގާނޫނުއަސާސީ ހިމާޔަތް ކުރާހައި ހިނދަކުއެވެ. އަދިއެކަން ނުކޮށްފިނަމަ، އިހުތިރާމް ލިބުމުގެ ހައްގެއް ނެތް ކަމަށެވެ.
މަދަނީ އަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި މުހިންމު އާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ.
އޭނާގެ ކާފަ ހުސެއިން އަހުމަދު މަދަނީ އަކީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގައި އިސް ދައުރެއް އަދާކުރެއްވި ދާރުލްއުލޫމް ދެއޮބަންދުގެ ދަންނަބޭކަލެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިސްތިޢުމާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމުން އިނގިރޭސިން މޯލްޓާގައި އޭނާ ޖަލަށް ލިއެވެ. އޭނާގެ ބައްޕަ މައުލާނާ އަސްޢަދު މަދަނީ ވަނީ 17 އަހަރު ވަންދެން ޕާލަމެންޓްގެ މަތިގޭގެ މެމްބަރުކަން ކުރައްވާފައެވެ.
މަހުމޫދު މަދަނީގެ ވާހަކައަށް ބީޖޭޕީން ވަނީ ހަރުކަށި ރައްދެއް ދީފައެވެ. މަދްޔަ ޕްރަދޭޝްގެ ބީޖޭޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރަމޭޝްވާ ޝަރުމާ ވަނީ މަދަނީ ގެންދަވަނީ ހަރުކަށި ފިކުރު ފަތުރައި، މުސްލިމުން ރުޅިއަރުވާލައި، ގައުމީ މުއައްސަސާތަކަށް ފުރައްސާރަ ކުރައްވަމުން ކަމަށް ބުނެ ފާޑުކިޔާފައެވެ.
"އިންޑިޔާގައި އެގައުމުގެ މުސްލިމުން ރުޅިއަރުވަން މަސައްކަތްކުރާ އާ ޖިނާހުންތަކެއް އުފެދެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ. އޭނާ އިޝާރާތް ކުރެއްވީ ޕާކިސްތާންގެ ބާނީ މުހައްމަދު އަލީ ޖިނާހަށެވެ.
"ޓެރަރިޒަމް ފަތުރައި، އިންޑިޔާގައި ކުށެއްނެތް މީހުން މެރުމުން، ސުޕްރީމް ކޯޓުން އިނާމު ދޭނެ ކަމަށް އުންމީދު ކުރަނީތަ؟ ސުޕްރީމް ކޯޓުން އެފަދަ މީހުން ދަންޖައްސާނެ." އޭނާ ބުންޏެވެ.
ޝަރުމާ ވަނީ މަދަނީ، ހަރުކަށި ފިކުރަށް ހިތްވަރު ދެއްވާ ކަމަށް ބުނެފައެވެ. "މަދަނީ ފަދަ މީހުން ޓެރަރިސްޓުންނާއި، ޖިހާދީންނާއި، ރޭޕްކުރާ މީހުން އުފައްދައި، ‘ލޯބީގެ ޖިހާދާއި، ބިން ހިފާ ޖިހާދާއި، ކުޅު ޖަހާ ޖިހާދު’ ފަދަ ހަރަކާތްތަކަށް ތާއީދުކުރޭ. ދެން އުންމީދު ކުރަނީ ސުޕްރީމް ކޯޓުން އެމީހުންނަށް ބިރިޔާނީ ކާން ދޭނެ ކަމަށް." ބީޖޭޕީ މީހާ އޭނާގެ ވާހަކަ ނިންމާލަމުން ބުނީ "ތިމާ މެންގެ އިންތަކުގައި ތިބޭ. އިންޑިއާއާ ދެކޮޅު ކަންކަމަށް އިންޑިއާއިން ފުރުސަތެއް ނުދޭނެ." ކަމަށެވެ.
ރޭޕްގެ މައްސަލަތަކުގައި ކުށް ސާބިތުވެފައިވާ މީހުންނަކީ މުސްލިމުންނެއް ނޫނެވެ!
މަދަނީގެ ވާހަކަތައް ބިނާ ކުރެއްވީ މުސްލިމުންގެ ހައްގުތަކަށެވެ. ޝަރުމާ ވަނީ ޒާތީ ވެފައެވެ.
މަދަނީގެ އާއިލާއިން އިންޑިއާގެ މިނިވަންކަމަށް ކުރި މަސައްކަތާ ޚިލާފަށް ޝަރްމާގެ އާއިލާއަކީ އެއްވެސް ކަމެއްގައި ފާހަގަ ކުރެވޭ ބައެއް ނޫނެވެ. އޭނާއަކީ، 1970 ވަނަ އަހަރު މަދްޔަ ޕްރަދޭޝްގެ ދަނޑުވެރި އާއިލާއަކަށް އުފަން މީހެކެވެ. ސިޔާސީ ދާއިރާއަށް ނުކުތީ 1990 ގެ އަހަރުތަކުގައި އާރުއެސްއެސް އާއި ބީޖޭޕީ ތެރޭންނެވެ.
Madani Defends Jihad’s Meaning, Urges Engagement with India’s Silent Majority






