އިންޑިއާގެ އިންޑަސްޓްރިއަލް ކޮރިޑޯ ސްޓްރެޓެޖީގެ ދަށުން ރާވާފައިވާ 12 ސްމާޓް އިންޑަސްޓްރިއަލް ސިޓީގެ ތެރެއިން 11 ސިޓީގެ މަސައްކަތް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފެށުމަށް ނިންމައިފިއެވެ. މިއީ އިންޑިއާގެ އިންޑަސްޓްރިއަލް ސެކްޓަރަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
މި މަޝްރޫޢަކީ ޖުމްލަ 10 ސްޓޭޓެއްގައި ކުރިއަށް ގެންދާ 26,000 އޭކަރުގެ ބިމުގައި ހިންގާނެ މަޝްރޫއު ތަކެވެ. މިކަންކަމަށް ޖުމްލަ 3.5 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި 12 ސްމާޓް ސިޓީގެ ސަބަބުން ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެއެވެ. އަދި، 1 މިލިއަން ވަޒީފާ ސީދާކޮށް އުފެދި އަދި 3 މިލިއަން ވަޒީފާ ނުސީދާ ކޮށް އުފެދޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މަސައްކަތް ކުރިއަށް ގެންދާނެ ތާވަލަށް ބަލާއިރު، މިހާރުވެސް ހަތަރު ޕާކެއްގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކުރެވިފައެވެ. އަދި އަށް ޕާކެއްގެ މަސައްކަތް 2025 ނޮވެމްބަރު 30 ގެ ނިޔަލަށް ފެށޭނެއެވެ. ބާކީ އޮތް 3 ޕާކުގެ މަސައްކަތް 2025 ޑިސެމްބަރު 31 ގެ ނިޔަލަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސިޓީތައް ހިންގާނީ މިކަމަށް ޚާއްސަ ބޭނުމުގައި އުފައްދާފައިވާ ކުންފުނިތައް މެދުވެރިކޮށެވެ. ކޮންމެ ސިޓީއަކަށް ވަކި މެނޭޖިން ޑިރެކްޓަރަކު ހުންނާނެއެވެ، މިކަމުގެ ސަބަބުން ނިންމުން ނިންމުމުގެ ބާރު ލާމަރުކަޒީ ކުރެވޭނެއެވެ.
މި ސްމާޓް ސިޓީތައް ރާވާފައިވަނީ ވަކިވަކި ސެކްޓަރތަކަށް ޚާއްސަކޮށް ގެންނެވެ. މިސާލަކަށް، ކަރުނާޓަކާގެ ތުމްކޫރުގައި 300 އޭކަރު ވަނީ ހައި-ޓެކް ގެ ސާމާނުތައް އުފެއްދުމަށް ޖަޕާނު ކުންފުނިތަކަށް ޚާއްސަކުރެވިފައެވެ. މި ސިޓީތައް ބިނާކުރެވިފައިވަނީ އިންޑިއާގެ މައިގަނޑު އިންޑަސްޓްރިއަލް ކޮރިޑޯތައް ކަމަށްވާ އަމްރިޓްސަރ-ކޮލްކަތާ، އަދި ދިއްލީ-މުމްބާއީ، އަދި ވައިޒާގް-ޗެންނާއީއާއި ހައިދަރުއާބާދު-ބެންގަލޫރު، އަދި ހައިދަރުއާބާދު-ނާގްޕޫރު، އަދި ޗެންނާއީ-ބެންގަލޫރުގެ ކައިރީގައެވެ. މިއީ ބަނދަރުތަކާއި، ހައިވޭތަކާއި، ގްލޯބަލް ސަޕްލައި ޗެއިންތަކާ ގުޅުން ބަދަހިކުރުމަށް ރޭވިފައިވާ ގޮތެކެވެ.
މި އައު ހަބްތަކާއެކު، ހިންގާ ސްމާޓް ސިޓީތައް ކަމަށްވާ ދޯލޭރާ (ގުޖުރާތު)، ޝެންދުރާ-ބިޑްކިން (މަހާރާޝްތުރާ)، ގްރޭޓަރ ނޮއިޑާ (އުއްތަރަ ޕްރަދޭޝް)، އަދި ވިކްރަމް އުދިޔޯގްޕޫރީ (މަދްޔަ ޕްރަދޭޝް) އާއި ގުޅިގެން އިންޑިއާގެ ސްމާޓް އިންޑަސްޓްރިއަލް ޒޯންތަކުގެ ޢަދަދު 20 އަށް އިތުރުކުރާނެއެވެ. މި މަޝްރޫޢުގެ ސަބަބުން އިންޑިއާގެ މަޤްސަދަކީ ދުނިޔޭގެ މެނުފެކްޗަރިން ހަބަކަށް ވުމެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންތަކުގައި އިންޑިއާގެ ދައުރު ވަރުގަދަވެ، ދިމާވާ ކުންފުނިތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތައް ލިބި، ސަރަހައްދީ އިޤްތިޞާދުތައް ކުރިއަރާނެއެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި މަޝްރޫޢުތައް އަވަހަށް ނިންމައި، އަވަހަށް އޮޕަރޭޝަނަލް ކުރުމުގެ މޮޑެލްއަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ގްލޯބަލް މެނުފެކްޗަރަރުންނަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިންޑިއާ ބަދަލުކުރުމަށް ކުރާ މަސައްކަތެކެވެ.







