ކެރެލާއާ ކައިރިން ކަނޑުގެ ސަރަހައްދުން ތެޔޮ ނަގަނީ

އިންޑިއާގެ ކެރެލާގެ އައްސޭރިފަށާ 20 މޭލު ދުރުން އިންޑިއާއިން ތެޔޮ ނެގުމަށް ކޮންނަން ފަށައިފިއެވެ. މި މަސައްކަތް ކުރަނީ އޮއިލް އިންޑިއާ ލިމިޓެޑް އިންނެވެ. އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި 6 ހާސް މީޓަރު ފުނަށް ކޮންނާނެއެވެ. އަދި މިއީ އިންޑިއާއިން އަމިއްލަ ހަކަތައަށް ބަރޯސާ ވުމަށް އެޅޭ ފިޔަވަޅއެއް ކަމަށްވެސް ބުނެފައި ވެއެވެ.

މި މަސައްކަތުގެ ދަށުން ކޮންނަ ފުރަތަމަ ވަޅަކީ 6,000 މީޓަރަށް ފުނަށް ކޮންނާނެ ވަޅެކެވެ. މިއީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި މިހާތަނަށް ކޮންނަ އެންމެ ފުން ތެޔޮ ވަޅުތަކުގެ ތެރޭގައި ހިމެނޭނެ ވަޅެކެވެ.

އިންޑިއާގެ ސަރުކާރުގެ ތެލާ ބެހޭ ކުންފުނިން މިހާރުވެސް ވަނީ ތެޔޮ ނެގުމަށް މަސައްކަތް ކުރާ 1,028 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދުގައި އަޑީގެ ސާވޭތައް ހަދާފައެވެ.

އިންޑިއާއަކީ އެގައުމަށް ބޭނުންވާ ތެލުގެ 80 އިންސައްތަ އާއި ގުދުރަތީ ގޭހުގެ 50 އިންސައްތަ ބޭރުން އިމްޕޯޓްކުރާ ގައުމެކެވެ. އެހެންވެ އިންޑިއާއަށް ގައުމީ ހަކަތަ އުފެއްދުން އިތުރުކުރުމަކީ ވަރަށް މުހިބންމު ކަމެއ ްކަމަށް އިންޑިއާއިން ބުނެއެވެ.

ފުނަށް ކޮންނަން ޖެހޭތީއާއި ސަރަހައްދުގެ އުދަގޫ ކަމާ ހެދި އޮއިލް އިންޑިއާ އިން ވަނީ މި މަހުގެ ކުރީކޮޅު މި ކަމުގެ ތަޖުރިބާ ބަދަލު ކުރުމަށް ޓޯޓަލްއެނާޖީސް އާއެކު ޓެކްނޮލޮޖީ އާ ބެހޭ އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.

ހިއްސާ ކުރައްވާ!