އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އޭނާގެ ރަހުމަތްތެރިޔާ ރަޝިޔާގެ ރައީސް ވްލެޑިމިއަރ ޕޫޓިން، އަށް މަރުހަބާ ދަންނަވައިފިއެވެ. ޕޫޓީންގެ މި ދަތުރުފުޅަކީ 23 ވަނަ އިންޑިއާ–ރަޝިޔާ އަހަރީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ޕޫޓިންގެ އަމާޒަކީ އިންޑިއާއާއެކު ކުރާ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އިތުރު ކުރައްވާށެވެ.
ޕޫޓީން ދިއްލީއަށް ފައިބައި ވަޑައިގަތުމާއެކު މޮދީ ވަނީ އޭނާ ދިރިއުޅުއްވާ 7 ކަލްޔާން މަރގްއަށް ޕޫޓިން ގެންދަވާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރުފުޅުގައި ޕޫޓިން ހުންނެވުމަށް ޚާއްސަކޮށްފައި ވަނީ ދިއްލީގެ މަޝްހޫރު އައި.ޓީ.ސީ. މޯރިޔާ ހޮޓަލެވެ. އަދި އެ ހޮޓަލުގެ އެންމެ ޚާއްސަ ކޮޓަރިކޮޅު ކަމަށްވާ ޗާނަކިޔާ ސުއިޓްގައެވެ. މި ސުއިޓަކީ ރެއަކަށް 12 ހާސް އެމެރިކާ ޑޮލަރެވެ.

އައި.ޓީ.ސީ. މޯރިޔާ ހޮޓަލަކީ ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ބައިނަލްއަގްވާމީ މަތީ ފެންވަރުގެ އިވެންޓްތައް ބާއްވާ ތަނެކެވެ. ޗާނަކިޔާ ސުއިޓަކީ 4،600 އަކަފޫޓަށްވުރެ ބޮޑު ޖާގައިގެ ތަނަވަސް ތަނެކެވެ. އެތަން ފަރުމާކޮށްފައިވަނީ އިންޑިއާގެ އާދަޔާ ޚިލާފު ރީތިކަމާއި، އެންމެ ފަހުގެ ޒަމާނީ ފެންވަރު އެއްކޮށްލައިގެންނެވެ.
ދުނިޔޭގެ ލީޑަރުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މި ހޮޓަލަކީ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ ފެންވަރުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ތަނެކެވެ. އަދި މަޝްހޫރު ރެސްޓޯރެންޓްތައް ކަމަށްވާ ބުޚާރާ އާއި ދަމް ޕުޚްތު ފަދަ ތަންތަނަކީ ކެއުން އެންމެ މީރު ތަންތަނެވެ.








