ފާރިސީ ކަނޑުއޮޅީގައިވާ އަރަބި ގައުމުތަކުގެ ބަނދަރުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އީރާނުން ބުނެފި

ފާރިސީ ކަނޑުއޮޅީގެ އައްސޭރީގައިވާ އަރަބި ގައުމުތަކުގެ ހުރިހާ ބަނދަރުތަކެއްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އީރާނުން މިއަދު އިޢުލާންކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އީރާނުގެ މެރިން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މަސްއޫދު ޕަލްމޭއެވެ. އޭނާ މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެ ސަރަހައްދުގެ އަރަބި ގައުމުތަކުގެ ބަނދަރުތަކުން ތެޔޮ ބޭރުކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް މިހާރު މުޅިން ހުއްޓިފައިވާ ކަމަށެވެ.

މި ދާއިރާގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މަސްއޫދު ޕަލްމޭ ވިދާޅުވީ، މީގެކުރިން ކޮންމެ ދުވަހަކު ސިނާޢީ ތެލާއި، ގޭސް އަދި ތެލުގެ އެކި އުފެއްދުންތައް ބަރުކޮށްގެން 110 އުޅަނދު ފާރިސީ ކަނޑުއޮޅިން ނުކުމެ، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު ސުމަކަށް ތިރިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލާއެކު ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. މިހާރުގެސް ތެލުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ހިއްސާ ކުރައްވާ!