ހީތުރޯ އެއާޕޯޓުން މެދުއިރުމައްޗަށް ދަތުރުކުރާ މީހުންގެ އަދަދު 50 އިންސައްތަ ދަށަށް ހިނގައްޖެ

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ލަންޑަންގެ ހީތުރޯ އެއާޕޯޓުން މެދުއިރުމައްޗަށް ދަތުރުކުރާ މީހުންގެ އަދަދު 50 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް އެ އެއާޕޯޓުން ހާމަކޮށްފިއެވެ.

މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އޭޕްރީލް މަހު އެ އެއާޕޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ ޖުމްލަ 6.7 މިލިއަން ފަސިންޖަރުންނެވެ.

މި ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ހީތުރޯ އެއާޕޯޓުން ފާހަގަކުރަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުންނާއި، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ވައިގެ ދަތުރުފަތުރަށް އެރި ބުރޫތަކެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ރޭވުންތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، މެދުއިރުމަތީގެ ސަރަހައްދުން ދަތުރުކުރާ މީހުންގެ އަދަދު ވަނީ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް މަދުވެފައެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ބައެއް ފްލައިޓްތައް ލަންޑަން މަގުން އަނބުރާލުމުގެ ސަބަބުން، ހީތުރޯ އެއާޕޯޓުން ޓްރާންސިޓް ކުރި މީހުންގެ އަދަދު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ހަނގުރާމައިގެ ސަބަބުން އަހަރީ ދަތުރުފަތުރުގެ އަދަދުތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު އެއާޕޯޓުން ވަނީ ދީފައެވެ.

މިކަމާ ގުޅޭގޮތުން އެއާޕޯޓުގެ ސީއީއޯ ތޯމަސް ވޯލްޑްބައި ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އައި މި ބަދަލަކީ "ކުރު މުއްދަތުގެ ހުރަހެއް" ކަމަށާއި، ދަތުރުފަތުރު ކުރުމަށް އޮތް އަސާސީ ޑިމާންޑް އަދިވެސް އޮތީ ވަރުގަދަކޮށް ކަމަށެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، 2026 ވަނަ އަހަރާ ހަމައަށް ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ލަފާކުރާ މިންވަރު، އަންނަ ޖޫން މަހު އަލުން މުރާޖައާ ކުރާނެ ކަމަށްވެސް ހީތުރޯ އެއާޕޯޓުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!