ވ. އަތޮޅުގެ ހާދިސާއާ ގުޅިގެން ޖަޕާނުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ސާމާނުގެ ހަނދާން އާކޮށްފި

ޑިސެމްބަރު 2024 ގައި ޖަޕާނު ސަރުކާރުން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރުމަށް 7.6 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ސާމާނު ހަދިޔާކޮށްފައެވެ. މި އެހީގެ ތެރޭގައި ކަނޑުމަތީގެ މުއާސަލާތީ ނިޒާމުތަކާއި، ޕްރޮފެޝަނަލް ޑައިވިންގ ގިއަރ އަދި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ ޒަމާނީ ސާމާނު ހިމެނެއެވެ. މީގެ ތެރޭގައި ޚާއްސަކޮށް ފާހަގަކޮށްލެވޭ އެއް ސާމާނަކީ އެޑްވާންސް އޮޕަރޭޝަންތަކަށް ބޭނުންވާ ޕޯޓަބަލް ރީކޮމްޕްރެޝަން ޗެމްބަރުތަކެވެ.

މި އެހީ ހަދިޔާކުރިތާ ފަސް މަސް ފަހުން، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ވ. އަތޮޅުގައި އެ އިދާރާގެ ތާރީޚުގައިވެސް ހިންގި އެންމެ ނުރައްކާތެރި އެއް ކަނޑުއަޑީގެ ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ޖަޕާނުން ހަދިޔާކުރި ސާމާނު ބޭނުންކުރިކަން ކަށަވަރު ނުވި ނަމަވެސް، ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަށް އިޝާރާތް ކުރައްވާފައެވެ. ސަފީރު ލިޔުއްވާފައިވަނީ "އުންމީދު ކުރަނީ މިފަހުގެ އޮޕަރޭޝަންތަކުގައި އެތަކެތީގެ ބޭނުން ހިފުނު ކަމަށް" މިފަދައިންނެވެ.

މި ސާމާނުތަކަކީ 17 ޑިސެމްބަރު 2024 ގައި އޭރުގެ ސަފީރު ޓަކެއުޗީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ހަވާލުކުރެއްވި ތަކެއްޗެވެ. މި އެހީގެ މައިގަނޑު މަގްސަދަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރުމެވެ. ޚާއްސަކޮށް އޭގެ ތެރޭގައި ހިމެނޭ ޕޯޓަބަލް ރީކޮމްޕްރެޝަން ޗެމްބަރުތަކަކީ، ވ. އަތޮޅުގެ އޮޕަރޭޝަންގައި ދިމާވި ފަދަ މެޑިކަލް އިމަޖެންސީތަކަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ.

ވ. އަތޮޅުގައި ކުރިއަށްދިޔަ އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް ވަނީ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯވުން) ދިމާވެފައެވެ. އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. ޖަޕާނުގެ މި އެހީއަކީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގެ ކޯސްޓްގާޑުގެ ގާބިލުކަން، އެ ގައުމުގެ ނިސްބަތުން މަތީ ދަރަޖައަކަށް ގެންދިއުމަށް ވެދީފައިވާ މުހިންމު އެހީއެކެވެ.

ވ. އަތޮޅުގެ އޮޕަރޭޝަންގައި މި ސާމާނުތައް ސީދާ ބޭނުންކުރި ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރު ނުވި ނަމަވެސް، ޖަޕާނު ސަފީރުގެ ޕޯސްޓުން ދޭހަވަނީ މުހިންމު ހަގީގަތެކެވެ. އެއީ އަމާން ދުވަސްވަރުގައި، ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ، އެންމެ ބޭނުންޖެހޭ ވަގުތު އޭގެ ފައިދާ ކުރާނެ ކަންކަން ކަމެވެ.

ހިއްސާ ކުރައްވާ!