މަޝްހޫރު ސައްޔާހް އިބްނު ބަޠޫޠާ ހިޖުރައިން 725 ވަނަ އަހަރު އޭނާގެ އުފަން ރަށް ޠަންޖާއިން ފުރައިގެން ދިޔައީ މާތްވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރުމުގެ މަތިވެރި ނިޔަތުގައެވެ. އޭނާގެ މަޝްހޫރު ދަތުރުނާމާގައި މީގެ ހަތް ގަރުނު ކުރިން ޙައްޖުގެ މަނާސިކުތައް ކުރިއަށްދިޔަ ގޮތާއި، މައްކާއާއި މަދީނާގެ ރޫޙާނީ މަންޒަރުތައް ވަނީ ވަރަށް ފުރިހަމައަށް ސިފަކޮށްދީފައެވެ.
އިބްނު ބަޠޫޠާ ފުރަތަމަ ފަހަރަށް ކައުބަތުﷲ ގެފުޅު ފެނުނު ހިނދު، އެ މަންޒަރު ސިފަކުރެއްވީ "ޖަލާލާތުގެ މިންބަރެއްގައި އިންނަ ފަރި ކައިވެނި ހެދުމެއްގައިވާ ފުރިހަމަ އަރޫސް" އެއްގެ ގޮތުގައެވެ. މައްކާއަކީ ހަނަފަސް ބިމަކަށް ވީނަމަވެސް، އެ ބިމުގައިވާ މޭވާތަކާއި ކާބޯތަކެތީގެ މުއްސަނދިކަމާއި ބަރަކާތް ފެނިވަޑައިގެން އޭނާ ހައިރާންކަން ފާޅުކުރެއްވިއެވެ. ވަކިން ހާއްސަކޮށް ތާއިފުންނާއި އެކި ހިސާބުތަކުން ގެންނަ މޭވާތަކުގެ ރަހަ މީރުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަރަފާތާއި މިނާގެ މަންޒަރުތައް
ޢަރަފާތް ދުވަހުގެ މަންޒަރުތައް ސިފަކުރައްވަމުން އިބްނު ބަޠޫޠާ ވިދާޅުވީ، ޖަބަލުއްރަޙްމާގެ މަތީގައި އޭރު އުއްމު ސަލަމާގެފާނަށް ނިސްބަތްވާ ގުއްބެއް ހުރި ކަމަށާއި، މީހުން އެތަނުގައި ނަމާދުކޮށް އުޅުނު ކަމަށެވެ. އަދި ޙައްޖު މޫސުން ފެށުމުގެ ގޮތުން ޛުލްޙިއްޖާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަމާދު ވަގުތުތަކުގައި ތާޅަފިލި ފުމެމުންދިޔަ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. މިނާގައި ރޭކުރާއިރު މިޞްރާއި، ޝާމް އަދި އިރާގުގެ ގާފިލާތަކުގެ މެދުގައި އުުއްބައްތި ދިއްލާ ފަޚުރުވެރިވުމުގެ ވާދަވެރިކަމެއް އޮންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގެފުޅުގެ އުރަކޮޅާއި ޚިދުމަތްތައް
އޭރު ގެފުޅުގެ އުރަކޮޅު ގެންނަނީ މިޞްރުގެ ގާފިލާއާ އެކުގައެވެ. އިބްނު ބަޠޫޠާ ދުށް ގޮތުގައި އޭރުގެ އުރަކޮޅުގައި ހުދު ކުލައިގެ އަކުރުން ގުރުއާނުގެ އާޔަތްތައް ލިޔެވިފައިވެއެވެ. އޭރުގެ މިސްރުގެ މަމްލޫކީ ސުލްޠާން ނާޞިރު މުޙައްމަދު ބިން ގަލާވޫންއަކީ ޙަރަމްފުޅުގެ އާބާތުރަ ފިލުވުމަށާއި، މުވައްޒަފުންގެ މުސާރައާއި، ބޭނުންވާ ތެލާއި އުއްބައްތި ފަދަ ތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް ހުންނެވި ޚާދިމެވެ.
ޢިލްމީ ދަތުރެއްގެ ފެށުން
ޙައްޖުގެ އަޅުކަމަށްފަހު އިބްނު ބަޠޫޠާ ދެން ދަތުރުކުރެއްވީ އިރާގުގެ ގާފިލާއާ އެކުގައެވެ. މި ދަތުރަކީ ހަމައެކަނި އަޅުކަމުގެ ދަތުރެއް ނޫން ކަމަށާއި، އެއީ އިރުމަތީގެ ބޮޑެތި ޢިލްމުވެރިންނާ ބައްދަލުކޮށް ޢިލްމު އުނގެނުމަށް ކުރި ދަތުރެއްކަންވެސް އޭނާގެ ލިޔުންތަކުން އެނގެއެވެ. މި ދަތުރުފުޅަށްފަހު ރާއްޖެއާއި ހިންދު ބައްރަށް ދަތުރު ކުރައްވައި ގިނަ ބަޔަކާއި ކައިވެނި ކުރެއްވި އިބްނު ބަޠޫޠާ ވަނީ 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މުޅި ދުނިޔޭގައި ދަތުރުކުރައްވައި، "ތުޙްފަތުއް ނައްޡާރު" ގެ ނަމުގައި އަގުހުރި ދަތުރުނާމާއެއް ދުނިޔެއަށް ދޫކުރައްވާފައެވެ. އަލްޖަޒީރާ





