ދިވެހިރާއްޖޭގެ އަދަބީ ތާރީޚުގެ އެންމެ މަޝްހޫރު އަދީބު އަދި ޚަޠީބު، މަރުޙޫމް އިބްރާހީމް ޝިހާބަކީ ރޫސީވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ ބޮރިސް ޕާސްޓަނާކްގެ ބަސްމަގު ރީތި، އަސަރުގަދަ ނޮވެލް "ޑރ. ޒިވާގޯ" ދިވެހި ބަހަށް ތަރުޖަމާ ކުރެއްވި ބޭފުޅެކެވެ. މި ތަރުޖަމާއަކީ މުޅި ފޮތުގެ ތަރުޖަމާއެއް ކަމެއް ނުވަތަ އޭގެ ބައެއް ކަމެއް ސާފެއް ނޫނެވެ. އަދި މިއަދު ބުކްޝޮޕްތަކުން މި ފޮތް ފެންނާ ކަށެއްވެސް ނެތެވެ. މިއީ ދިވެހި އަދަބިއްޔާތަށް ދުނިޔޭގެ ކްލެސިކް އަދަބު ތައާރަފްކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

"ޑރ. ޒިވާގޯ" ޚުލާސާ:
ޑރ. ޒިވާގޯ ވާހަކަ ބިނާވެފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމައާއި، ރޫސީވިލާތުގެ ބޮލްޝެވިކް އިންގިލާބު އަދި ރަޝިޔާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރުގެ މައްޗަށެވެ. ވާހަކައިގެ މައިގަނޑު ބިނާވަނީ ޑޮކްޓަރެއްގެ އިތުރުން ޝާއިރެއްގެ ގޮތުގައި އުޅޭ "ޔޫރީ ޒިވާގޯ" ގެ ދިރިއުޅުމުގެ މައްޗަށެވެ. ހަނގުރާމައިގެ އަނިޔާވެރިކަމާއި ސިޔާސީ ބަދަލުތަކުގެ ތެރޭގައި އޭނާގެ އަމިއްލަ ދިރިއުޅުމާއި، އަނބިމީހާ "ޓޯނިއާ" އަށް އޮތް ވަފާތެރިކަމާއި، އަދި އޭނާގެ ހިތް ޖެހުނު ލޯބިވެރިޔާ "ލާރާ" އާ ދެމެދު އޭނާގެ ޖަޒުބާތުތައް ބަދަލުވެގެންދާ ގޮތް މި ވާހަކައިން ދައްކުވައިދެއެވެ. މި ފޮތަކީ ކޮމިއުނިސްޓް ނިޒާމުގެ ދަށުން އިންސާނާގެ މިނިވަންކަމާއި އަމިއްލަވަންތަކަން ގެއްލިގެންދާ ގޮތް ވަރަށް ބޮޑަށް ފާޑުކިޔައި، އިންސާނިއްޔަތުގެ އިހުސާސްތައް ދިރުވައިދޭ މާޔޫސީ އަދި އަސަރުގަދަ މާސްޓަރޕީސްއެކެވެ.
މި ވާހަކަ ވަނީ ފިލްމަކަށްވެސް ބަދަލުކޮށްފައެވެ. ޑރ. ޒިވާގޯގެ ރޯލް ކުޅެފައި ވަނީ މިސްރުގެ ހޮލީވުޑްގެ ފިލްމީ ތަރި ޢުމަރު ޝަރީފެވެ.
މިއަދަކީ "ޑރ. ޒިވާގޯ" ގެ ލިޔުންތެރިޔާ ބޮރިސް ޕާސްޓަނާކް ނިޔާވި ދުވަސް
ދުނިޔޭގެ އަދަބީ އުދަރެހުން ފާހަގަކޮށްލެވޭ ރޫސީވިލާތުގެ ޝާއިރު އަދި ނޮވެލިސްޓް ބޮރިސް ލިއޮނިޑޮވިޗް ޕާސްޓަނާކް ނިޔާވީ މިފަދަ ދުވަހެއްގައި 1960ގެ މޭ މަހުގެ 30 ވަނަ ދުވަހުއެވެ.
1890 ވަނަ އަހަރުގެ ފެބުރުއަރީ 10 ގައި މޮސްކޯއަށް އުފަންވި ބޮރިސްއަކީ ކުރެހުންތެރި ބައްޕައަކާއި ޕިއާނޯ ކުޅުންތެރި މަންމައެއްގެ ސަގާފީ މާހައުލެއްގައި ބޮޑުވި، ފަލްސަފާ ކިޔަވައިގެން ހުރި މޮޅު ގާނޫނީ އިލްމުވެރި އަދި އަދަބިއްޔާތުގެ މޭސްތިރިއެކެވެ. އޭނާގެ ޅެންވެރިކަމުގެ ހުނަރުގެ ސަބަބުން ސްޓާލިންގެ އަނިޔާވެރި ދުވަސްވަރުވެސް އޭނާ ހައްޔަރުނުކޮށް ދޫކޮށްލެވުނެވެ.
އޭނާ ލިޔުނު "ޑރ. ޒިވާގޯ" ގައި ކޮމިއުނިސްޓް ސަރުކާރަށް ފާޑުކިޔާފައި ހުރުމުން ރަޝިޔާގައި އެ ފޮތް މަނާކުރިއެވެ. ނަމަވެސް، ސިއްރުން އިޓަލީއަށް ފޮނުވައިގެން 1957 ގައި ޝާއިއުކުރުމާއެކު ދުނިޔޭގައި ބޮޑު ސަމާލުކަމެއް ލިބި، 1958 ގައި އޭނާއަށް އަދަބިއްޔާތުގެ ދާއިރާއިން ނޮބެލްގެ އިނާމު ލިބުނެވެ. އެހެންނަމަވެސް ސަރުކާރުގެ ފިއްތުންތަކާ ހުރެ އެވޯޑާ އޭނާއަށް ހަވާލެއް ނުވެވުނެވެ. އޭނާ ނިޔައުވީ 1960 މޭ 30 ގައެވެ. މި ފޮތް ފަހުން 1965 ގައި ވަނީ މަޝްހޫރު ފިލްމަކަށް ހަދައި، 5 އޮސްކާ އެވޯޑް ހާސިލްކޮށް، ސިނަމާގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ފިލްމަށް ވެފައެވެ.







