އެންސްޕާގެ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރަނީ

ޞިއްޙީ އެހީގެ ނިޒާމު ހަރުދަނާކޮށް، ދެ ތަނަކުން ޚިދުމަތް ހޯދަންޖެހުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށްޓަކައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންދިޔަ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ މާދަމާ (1 ޖޫން) އިން ފެށިގެންނެވެ.

މި ބަދަލާއެކު ބޭސްފަރުވާގެ އެހީއަށް އެންސްޕާއިން ދެމުންދިޔަ ތިރީގައިވާ ޚިދުމަތްތައް ދެން ބަލަހައްޓާނީ އާސަންދަ ކުންފުނިންނެވެ.

  1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން.

  2. ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން.

  3. ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސް ހޯދުމަށް އެހީވުން.

  4. ރާއްޖެއިން ނުލިބޭ ބޭހާއި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ.

  5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާކުރާ ފަރާތްތަކަށް ދެވޭ އިތުރު ޓިކެޓް.

  6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ.

  7. ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ.

  8. ފަރުވާއަށް ބޭނުންވާ އެކިއެކި އާލަތްތައް، މެޝިން (އެސިސްޓިވް ޑِވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެތި ފޯރުކޮށްދިނުން.

  9. ފަރުވާ ފުރިހަމަކުރުމަށްފަހު ނުވަތަ އިތުރު ފަރުވާއެއް ނެތްކަމަށް ޚާއްޞަ ޑޮކްޓަރަކު ލަފާދިނުމުން، އެނބުރި ރަށަށް ނުވަތަ ރާއްޖެއަށް އައުމަށް ބޭނުންވާ ދަތުރުފަތުރުގެ އެހީ.

  10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތައް.

  11. އަމިއްލަ ޚަރަދުގައި ބޭރަށް ގޮސް އުޅެނިކޮށް ދިމާވާ ދަތިތަކަށް ދެވޭ އެހީ.

  12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން.

  13. ރާއްޖެއިން ބޭރުން ބޭސްފަރުވާކުރާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން.

  14. މެރަނަ ސްކީމްގެ ދަށުން އެމެޖެންސީ ހާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުން.

  15. ރަށުން ލިބެންނެތް ނަމަވެސް މާލެއިން ލިބޭ ފަރުވާއަކަށް ރިފަރކުރަން އުޅުމުން ރިޖެކްޓްވާ ޙާލަތްތަކާއި، ޚާއްޞަ ޑޮކްޓަރެއްގެ އިތުރު އޮޕީނިއަން ހޯދުމަށް އެންގުމުން ދިމާވާ ތަކުލީފުތަކަށް އެހީވުން.

  16. ވެލްفެއަރ ސްކީމްގެ ލިމިޓް އިތުރުކުރުމަށް ހުށަހެޅުމުން ކޮމިޓީން މުރާޖަޢާކޮށް އެހީ އިތުރުކޮށްދިނުން.

އެއް ފުރާޅެއްގެ ދަށުން އެއް އެޕްލިކޭޝަނަކުން ޚިދުމަތް

މި ބަދަލާ ގުޅިގެން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވީ، މިއާއެކު ރައްޔިތުންނަށް ބޭނުންވާ ހުރިހާހާ އެހީތެރިކަމެއް އެއް އެޕްލިކޭޝަނެއްގެ ތެރެއިން އަދި އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

"މިހާރު ރައްޔިތުންނަށް އެންމެ ދަތިވަނީ ވަކިވަކި ކަންކަމަށް އާސަންދައަށާއި އެންސްޕާއަށް ވަކިން ހުށަހަޅަން ޖެހޭތީ. މި ބަދަލާއެކު އެއްތަނަކުން މީހުންގެ މަޢުލޫމާތު ބެލެހެއްޓި، ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުވެގެންދާނެ. އަޅުގަނޑު އުއްމީދުކުރަނީ މިއީ އާންމު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް." ވަޒީރު ގީލާ ޢަލީ

ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެންސްޕާއަށް އެހީއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކަށް ޖޫން 1 އިން ފެށިގެން ދެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތްތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއްވެސް ފޯރުކޮށްދޭނީ އާސަންދައިންނެވެ.

ހިއްސާ ކުރައްވާ!