ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނާއިބު ރައީސްގެ މަޤާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު މިއަދު އިންތިޚާބު ކުރައްވައިފިއެވެ. އެ ކޮމިޝަނުން މިއަދު ވަނީ ފަނޑިޔާރު ޝަހީދު މި މަޤާމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ދަންނަވާފައެވެ.
ޖޭއެސްސީގެ ނާއިބު ރައީސްކަމުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ޔަޒްމީދު މުޙައްމަދު މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުންނާއި ނާއިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަނުކުރައްވާފައި ހުންނެވި މެންބަރެކެވެ.
ފަނޑިޔާރު ޙުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އޭނާ އައްޔަނުކުރެވުނީ 2025 ވަނަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އޭނާ އެ ކޮމިޝަނަށް އައްޔަނުކުރެވުނީ 2025 އޭޕްރީލް 7 ގައެވެ.
މީގެ ކުރިން ފަނޑިޔާރު ޝަހީދު ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން މެޖިސްޓްރޭޓްކަމުގެ މަޤާމުތައް ވެސް ފުރުއްވާފައެވެ. އޭނާ ވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީން މާސްޓާޒް ޑިގްރީ ހައްދަވާފައެވެ.






