އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ދައުވާތަކާއި ދައުލަތުން އެދިފައިވާ އަދަބުތައް
ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ކުށްކުރާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމަށް މީގެ ކުރިން (ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްސަލައިގައި) ކަނޑައަޅާފައިވާ އުސޫލުން، ދައުލަތުން ވަނީ ޝަމްއާނަށް އެންމެ ބޮޑު އަދަބު ދިނުމަށް އެދިފައެވެ.
| އުފުލާފައިވާ ދައުވާ | އަސާސީ އަދަބު | ދައުލަތުން އެދިފައިވާ އަދަބު |
| ފޭރުމުގައި ބައިވެރިވުން | 3 އަހަރު، 2 މަސް، 12 ދުވަހުގެ ޖަލު ހުކުމް | 8 އަހަރުގެ ޖަލު ހުކުމް |
| ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން | 1 އަހަރު، 7 މަހުގެ ޖަލު ހުކުމް | 2 އަހަރުގެ ޖަލު ހުކުމް |
| މަނީ ލޯންޑްރިންގ | 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމް + ޖޫރިމަނާ | 15 އަހަރުގެ ޖަލު ހުކުމް + 2 މިލިއަން ރުފިޔާގެ ޖޫރިމަނާ |
ކޯޓުގެ ހުކުމުގައިވާ ގޮތުން، ދައުލަތުން ހުށަހެޅި ހެކިތަކުން ޝަމްއާން ބިދޭސީއެއްގެ އަތުން ފޭރުމުގައި ބައިވެރިވިކަމާއި، ވަކި މީހަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް ރަސްމީ ހައިސިއްޔަތު ބޭނުންކޮށްފައިވާކަން ސާބިތުވެއެވެ.
- ބިދޭސީމީހާ ދޫކޮށްލުމާއި ފައިސާ ފޭރުން: އިމިގްރޭޝަނުން ބިދޭސީއަކު 530,000ރ. އާއެކު ޑިޓެންޝަނަށް ގެންދިއުމަށްފަހު، ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައެވެ. އެއަށްފަހު އިމިގްރޭޝަންގެ އޮފިސަރުން އެ ބިދޭސީމީހާ އަތުން 500,000ރ. ފޭރިގަނެ، އޭގެ ތެރެއިން 400,000ރ. ގެންގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށެވެ.
- ސްޓޫޑަންޓް ލޯނު ދެއްކުން: ކުށްކޮށްގެން ހޯދި މި ފައިސާގެ ތެރެއިން ޝަމްއާންގެ ނަމުގައި ހުރި ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދައްކާފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ އެއް ލޯނު އެކައުންޓަށް 149,491.46ރ. އަދި އަނެއް އެކައުންޓަށް 110,345.59ރ. ޖަމާކޮށްފައިވާކަން ސާބިތުވެއެވެ.
- ދައުލަތަށް ނަގަން އެދޭ ފައިސާ: ޝަމްއާންގެ ގެއިން ފެނުނު 125,000ރ. އާއި 10,000 ޑޮލަރުގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250,000ރ. އަދި ބާކީވާ 150,000ރ. އަށް ވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން އެދިފައިވެއެވެ.
އަދަބާ ބެހޭގޮތުން ޝަމްއާންގެ ފަރާތުން އެދުނު ގޮތް:
ޝަމްއާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އޭނާއަށް އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށެވެ. އަދި ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ނުވަތަ ގޭބަންދުގެ އަދަބެއް ކަނޑައަޅައިދިނުމަށް ވެސް އޭނާގެ ފަރާތުން އެދިފައިވެއެވެ. ގާޒީ އަދަބާ މެދު ގޮތެއް ނިންމަވާނީ ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.




