އިސްލާމީ ތާރީޚާއި، ޢިލްމީ ދިރާސާތަކާއި، އަދި ޤަދީމީ އާޘާރީ ހެކިތަކަށް ބަލާއިރު، ނަބިއްޔާ އިދުރީސް ޢަލައިހިއްސަލާމް (ޤަދީމީ މަޚްތޫޠުތަކުގައިވާ ގޮތުން އަޚްނޫޚް Enoch) ގެ ޒަމާނަކީ އިންސާނީ ޙަޟާރާތުގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިންގިލާބީ މަރުޙަލާއެވެ. އާދަމްގެފާނާއި ނޫޙްގެފާނާ ދެމެދު އުޅުއްވި މި މަތިވެރި ނަބިއްޔާގެ ޒަމާނުގައި ސައިންޓިފިކް ހޯދުންތަކާއި، ޢިލްމު ލިޔެ ބެލެހެއްޓުމާއި، އަދި އާކިޓެކްޗަރަލް އިންޖިނިއަރިންގްގެ ތެރެއަށް އިންސާނުންގެ ލޯހުޅުވައިދެއްވިއެވެ.
- ޒަމާނާއި ޖިއޮގްރަފީގެ އޮނިގަނޑު
އިދުރީސްގެފާނު އުޅުއްވީ ނޫޙްގެފާނުގެ ޠޫފާނުގެ ކުރީގެ ޒަމާނުގައެވެ.
- ތާރީޚު: އިސްލާމީ ތާރީޚުގެ ބާނީން ކަމުގައިވާ އިމާމް އައްޠަބަރީ (ތާރީޚުލް އުމަމް ވަލްމުލޫކް) އާއި އިބްނު ކަޘީރު (އަލްބިދާޔާ ވަންނިހާޔާ) ބަޔާންކުރައްވާ ގޮތުގައި، އިދުރީސްގެފާނު ސުވަރުގެ ވަޑައިގަތުމާއި ނޫޙްގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމާ ދެމެދު ގާތްގަނޑަކަށް 1000 އަހަރު ވެއެވެ. އާޘާރީ އަދި ފަލަކީ ހިސާބުތަކުން ބަލާއިރު އެކަލޭގެފާނު އުޅުއްވީ އީސާގެފާނުގެ ކުރީގެ 4 ވަނަ ސާސްކަފުގައެވެ.
- ޖިއޮގްރަފީ: އެކަލޭގެފާނު އުފަންވެ ވަޑައިގަނެ، ދަޢުވަތު ފެއްޓެވީ މިހާރުގެ ޢިރާޤުގެ ދެކުނުން ބާބިލްގައެވެ. އެހެންނަމަވެސް ބާބިލްގެ އަހުލުވެރިންގެ ނުބައިކަމާއި ފަސާދަ ބޮޑުވުމުން، އެކަލޭގެފާނަށް ތަބާވީ މީހުންނާއެކު ހުޅަނގަށް ހިޖުރަކުރެއްވިއެވެ.
- ތާރީޚީ މުއައްރިޚް އަލްމަޤްރީޒީ (އަލްޚިޠަޠު) ގައި ބަޔާންކުރައްވާ ގޮތުގައި، އެކަލޭގެފާނު މިޞްރުގެ ނީލަ ކޯރުގެ ވާދީއަށް ވަޑައިގެން، އެތަން އެކަލޭގެފާނުގެ ޢިލްމީ، ސިޔާސީ، އަދި ދީނީ މަރުކަޒެއްގެ ގޮތުގައި ހެއްދެވިއެވެ.
- ޢިލްމީ އަދި ސައިންޓިފިކް އިންގިލާބު
ލިޔެކިޔުމުގެ ބިންގާ އެޅުން
އިސްލާމީ އަޤީދާގައި، އިންސާނުންނަށް ލިޔަން ދަސްވުމުގެ އަޞްލަކީ އިދުރީސްގެފާނެވެ. ޞަޙީޙް އިބްނު ޙައްބާން ގައިވާ ޞަޙީޙް ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނަކީ "އެންމެ ފުރަތަމަ ގަލަމުން ލިޔުއްވި ސާހިބާ" އެވެ. މިއީ ޝަޢީފު ޙަދީސެއް ކަމަށް އަލްބާނީ ގިންތި ކުރައްވާފައިވާ ހަދީސެކެވެ.
އެކަލޭގެފާނު މި ޢިލްމުތައް ލިޔުއްވީ ޤަދީމީ އާރާމީ ބަހުން ކަމަށް ޤަދީމީ ރެކޯޑުތަކުން އެނގެއެވެ. އަދި ލިޔުއްވުމަށް ބޭނުންކުރެއްވީ ހަލާކުނުވާ ފަދަ ބޯ ޕަޕައިރަސް އާއި ހަރު ހިލަ ބޯޑުތަކެވެ.
ފަލަކީ ޢިލްމާއި ހިސާބު
ތަރިތަކާއި ފަލަކީ އިލްމާއި ހިސާބު ޢިލްމާއި، އަހަރުތަކާއި ދުވަސްތައް ބަލާނެ ގޮތް އެންމެ ފުރަތަމަ ހޯއްދެވީ އެކަލޭގެފާނެވެ.
- ޠޫފާނަށްފަހު ޢިލްމުތަކާއި އާޘާރުތައް ސަލާމަތްވި ގޮތް
ނޫޙްގެފާނުގެ ބޮޑުޠޫފާނުގެ ކުރީގެ ޢިލްމުތައް ފަހުގެ ދުނިޔެއަށް ފޯރީ ތިން ވަސީލަތުންނެވެ.
މިޞްރުގެ ތާރީޚީ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް އަލްމަޤްރީޒީ ވިދާޅުވާގޮތުން، ޖީޒާއާއި ފައްޔޫމްގެ ސަރަޙައްދުތަކުގައި ހުރި ބައެއް ބިޔަ ހިލަ ބިނާތަކާއި އަހުރާމްތަކަކީ، ޠޫފާނުގެ ފެނުގެ ޕްރެޝަރަށް ކެތްކުރާނެ ފަދަ އިންޖިނިއަރިން އަކަށް ބިނާކުރެވުނު، ޢިލްމުތައް ރައްކާކުރި ޚަޒާނާތަކެކެވެ.
ނޫޙްގެފާނުގެ ނާކޮޅުން ސަލާމަތްވުން
އިސްލާމީ ބައެއް ރިވާޔަތްތަކުން އެނގޭގޮތުގައި، އިދުރީސްގެފާނުގެ މުހިންމު ސައްހަ ލިޔުންތައް، އެކަލޭގެފާނުގެ މުނިކާފަ ދަރިކަލުން ނޫޙްގެފާނު الله ގެ އަމުރުފުޅަށް ނާކޮޅަށް އެރުއްވިއެވެ. އަދި ޠޫފާނަށްފަހު "ޖޫދީ" ފަރުބަދައަށް ނާކޮޅު ބީއްސާލުމުން، އެ ލިޔުންތައް ނެރެ، އާ ޖީލަށް ފޯރުކޮށްދެއްވި ކަމަށް ބުނެވެއެވެ.
ފަހުން ކޮޕީކުރުމާއި ތަރުޖަމާކުރުން
މި ޒަމާނުގައި ފެންނަން ހުރި ޑެޑްސީ ސްކްރޯލްގެ މަޚްތޫޠުތަކާއި މިޞްރުގެ ނަޖަޢަ ހައްމާދީ ސަރަހައްދުން ފެނުނު ލިޔުންތަކަކީ މިޞްރުގެ ކުރީގެ ރަސްރަސްކަލުން، ޤަދީމީ ބިނާތައް ކޮނެގެން ނެރެފައިވާ އަދި، އޭގައި ހުރި އާރާމީ ބަހުގެ ލިޔުންތައް ކޮޕީކޮށް، ޖީލުން ޖީލަށް ނަގަމުން އައިސްފައިވާ ތަރުޖަމާތަކެކެވެ.
ކީރިތި ޤުރުއާނުގައި މި މަތިވެރި ނަބިއްޔާގެ ސީރަތް ނިންމާލާފައިވަނީ އެކަލޭގެފާނުގެ ރޫޙާނީ އަދި ޢިލްމީ މަތިވެރިކަން ހާމަކޮށްދޭ ބަސްފުޅަކުންނެވެ.
وَٱذْكُرْ فِى ٱلْكِتَـٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًۭا نَّبِيًّۭا ٥٦
ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. (19:56)
وَرَفَعْنَـٰهُ مَكَانًا عَلِيًّا ٥٧
އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ. (19:57)







