ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ރައްޔިތުން ފޯމު ހުށަހަޅައިފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިކަމަށްޓަކައި ހާއްސަކޮށް ގާއިމުކުރި "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމު ހިމެނެ އެވެ.

ފޯމު ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީން ރޭ މެންދަމު 2:00 އަށް ހަމަކުރީ، ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށް 40،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، މި ފަހަރުގެ އަދަދު ވަނީ އެ ރެކޯޑު ފަހަނައަޅައި ގޮސްފަ އެވެ.
މި ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި، 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. މިނިސްޓްރީގެ ތަފްސީލުތަކަށް ބަލާއިރު، 4،000 ފްލެޓް މާލޭގެ ރަށްވެހިންނަށް، 1،500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2،400 ފްލެޓް ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި 15،000 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
