ޗިލީގެ ކޯޓަކުން ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭގޮތުން ޝަރިއަތް ކުރެވޭނެ ކަމަށް ނިންމައިފި

ޗިލީގެ ސެންޓިއާގޯ ކޯޓް އޮފް އެޕީލްސްއިން، ޣައްޒާގައި ހިނގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ މައްސަލައެއްގައި އެ ގައުމުގެ ގާނޫނީ ބާރު ޔުނިވާސަލް ޖުރިސްޑިކްޝަން ބޭނުންކުރުމުގެ އިހްތިޔާރު އޮތްކަން ކަނޑައަޅައިފިއެވެ. މިއީ ޣައްޒާގައި ހިންގާފައިވާ ނަސްލު ނައްތާލުމުގެ ޔަހޫދީ ޖަރީމާތަކާ ގުޅިގެން ގައުމީ ކޯޓަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރުކަމަށް "ހިންދު ރަޖަބު ފައުންޑޭޝަން" (އެޗްއާރްއެފް) އިން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައަކީ އިޒްރޭލާއި ޔުކްރޭންގެ ރައްޔިތެއް ކަމަށްވާ ރޮމް ކޮވްޓޫންގެ މައްޗަށް އެޗްއާރްއެފުން ހުށަހެޅި ޖިނާއީ މައްސަލައެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ 2024 ވަނަ އަހަރުގެ މާރޗް މަހުން އޭޕްރީލް މަހާ ދެމެދު ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލު ހިސާރުކޮށް ހަލާކުކޮށްލުމުގައި ސްނައިޕަރެއްގެ ގޮތުން ހަރަކާތްތެރިވިެ މީހުން މެރި ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ސިއްހީ ހިދުމަތްތައް މުޅިން ހުއްޓި، އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާ ނުލިބި އެތައް ބަޔަކު މަރުވެފައިވެއެވެ.

ފަހުން ކުރިއަށްދިޔަ އަޑުއެހުމެއްގައި، މި މައްސަލަ އިޒްރޭލުގައި ފުރަތަމަ ހުށަނާޅާ ކަމަށް ބުނެ ކޯޓުން ވަނީ ވަގުތީ ގޮތުން މައްސަލަ ބޭރުކޮށްފައެވެ. ނަމަވެސް، މި ނިންމުން އެޗްއާރްއެފުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ފައުންޑޭޝަނުން ބުނާ ގޮތުގައި، އިޒްރޭލުގެ ޝަރުއީ ނިޒާމަކީ ޖަރީމާތައް ހިންގާ ފަރާތްތައް ހިމާޔަތްކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެއް ކަމަށާއި، އެތަނުން އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެޗްއާރްއެފުން މިހާރު ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައެވެ.

އެޗްއާރްއެފްގެ ޖެނެރަލް ޑިރެކްޓަރު ދިޔާބު އަބޫ ޖަހްޖާ ވިދާޅުވީ، މިއީ އިންސާފު ހޯދުމުގެ މަގުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިއީ ފުރަތަމަ ފަހަރަށް ޗިލީގެ ކޯޓަކުން ޣައްޒާގެ ޖަރީމާތަކަށް ޔުނިވާސަލް ޖުރިސްޑިކްޝަން ހިނގާނެކަން ގަބޫލުކުރި ފަހަރު. މިއިން އެނގެނީ ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ފަރުޖެއްސޭނެ ދޮރުތައް ބަންދުވަމުންދާކަން،" އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!