ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް ބަދަލު ގެނަސް ދިރާސާ ކުރަނީ

ޣައްޒާގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން ތަންފީޒު ކުރުމާ ގުޅޭގޮތުން، ހަމާސް ޖަމާއަތުން އާ ލިޔުމެއް ދިރާސާ ކުރަމުންދާ ކަމަށް އެ ޖަމާއަތުގެ އިސް ފަރާތްތަކުން ހާމަކޮށްފިއެވެ. މި ލިޔުމަކީ ސުލްހައިގެ މަޖިލީހުގެ މަންދޫބު ނިކޮލާއީ މިލާޑީނޯފްގެ ފަރާތުން ހަމާސްއާ ހަވާލުކުރި އެ ޕްލޭނުގެ މުރާޖައާ ކުރެވިފައިވާ ލިޔުމެކެވެ.

ހަމާސް އާއި ފަލަސްތީނުގެ އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކުން ބުނާ ގޮތުގައި، މިހާރު އެ ލިޔުން އެ ޖަމާއަތްތަކުގެ އިސް ވެރިންގެ މެދުގައި ދަނީ މަޝްވަރާ ކުރެވެމުންނެވެ. މި މަޝްވަރާތަކަށްފަހު، މި ހަފުތާގެ ތެރޭގައި އެދެވޭ ޖަވާބެއް ދޭނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އިޒްރޭލުން މި ލިޔުމަށް ފުރިހަމައަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމާއި ރައްކާތެރިކަން މެދުވެރިންގެ ފަރާތުން ބޭނުންވާ ކަމަށް އެ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.

މި ލިޔުން ހަމާސްއާ ހަވާލުކޮށްފައިވަނީ މިސްރު، ގަތަރު އަދި ތުރުކީގެ އިސް އޮފިޝަލުންނާއި ސުލްހައިގެ މަޖިލީހުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި ދެ ހަފުތާގެ ދިގު މަޝްވަރާތަކަކަށް ފަހުގައެވެ. ހަމާސްގެ ވަފުދުގެ ވެރިޔާ ޚަލީލް އަލް ހައްޔާ އިސްތަންބޫލަށް ވަޑައިގެންފައިވާއިރު، ކުރިއަށް އޮތް މަޝްވަރާތައް ބިނާވާނީ ހަމާސް އާއި އިޒްރޭލުން މި ލިޔުމަށް ދޭ ޖަވާބުގެ މައްޗަށެވެ.

މި ލިޔުމުގައި ހިމެނޭ މުހިންމު ބައިތައް:

  • އިޒްރޭލުގެ ސިފައިން ފޭބުމާ އެއްވަރަށް، ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ބެލުމުގެ ދަށުން ހަތިޔާރުތައް އެއްކޮށް، ގުދަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. މީގެ ތެރޭގައި ހަތިޔާރު ގުދަންތަކާއި ބިންގަރާސްތަކާއި އަސްކަރީ އުފެއްދުންތައް ހިމެނޭނެއެވެ. އަމިއްލަ ފަރުދީ ހަތިޔާރުތައް ބަލަހައްޓާނީ ފަލަސްތީނުގެ ގާނޫނުތަކާ އެއްގޮތަށެވެ.

  • "އެއް ބާރު، އެއް ގާނޫނު، އަދި އެއް ގާނޫނުއަސާސީ" ގެ އުސޫލު ކަށަވަރު ކުރުން. މި ލިޔުމުގައި "އެއް ގާނޫނުއަސާސީ" ގެ ވާހަކަ ހިމަނާފައިވަނީ ހަމާސްގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

  • އިންތިގާލީ މުއްދަތެއްގައި ހަމާސްގެ އަތުން މަދަނީ އަދި ސަލާމަތީ ހުރިހާ ބާރެއް ނަގާ، މިހާރު ތިބި މުވައްޒަފުން ޚާއްސަކޮށް ސިއްހީ، ތައުލީމީ، އަދި ފުލުހުން ގައުމީ ކޮމިޓީގެ ދަށުން މަސައްކަތް ކުރުން.

  • މި މުއްދަތުގެ ތެރޭގައި ޣައްޒާ އަލުން އާރާސްތުކޮށް، ހިދުމަތްތައް ފޯރުކޮށްދިނުމާއި، ފަލަސްތީނުގެ ޖަމާއަތްތަކާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުން.

މި ލިޔުމުގައި ހުށަހަޅާފައިވަނީ އިޒްރޭލުގެ ސިފައިން ކޮންމެ ސަރަހައްދަކުން ފައިބާ ކޮންމެ ފަހަރަކު، ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖުތައް އެ ސަރަހައްދުތަކުގައި ގާއިމުވަމުން ދިއުމަށެވެ.

ހިއްސާ ކުރައްވާ!