ހަނގުރާމައިގެ ސަބަބުން އީރާނުގެ ޢާންމުންގެ ފޮތް ކިޔުމުގެ އާދަތަކަށް އައިސްފައިވާ ބަދަލުތައް

މެދުއިރުމަތީގައި އެންމެ ގިނައިން ފޮތް ކިޔާ ގައުމު އީރާންގެ ތެހެރާންގެ އިންގިލާބް ސްޓްރީޓަކީ ދެފަރާތުގައި ފޮތްތަކުން ޖަރީކޮށްފައިވާ މަގެކެވެ. އިނގިރޭސި އަރަބި ފަރަންސޭސި ފާރިސީ ފަދަ ހުރިހައި ބަހަކުން ބޭނުން އިލްމެއްގެ ފޮތް މި މަގުން ހެޔޮ އަގުގައި ލިބޭނެއެވެ. އިންޤިލާބު ސްޓްރީޓަކީ އެތައް އަހަރެއް ވަންދެން ލިޔުންތެރިންނާއި ދަރިވަރުން އަދި ފޮތް ކިޔުމަށް ލޯބިކުރާ މީހުން އެއްވެ އުޅުނު މަރުކަޒެކެވެ. ނަމަވެސް، މިހާރު މި ސަރަހައްދުގެ މަންޒަރުތައް ވަނީ ބަދަލުވާން ފަށާފައެވެ. ހަނގުރާމައިގެ އަސަރުތަކާއި އިޤްތިޞާދީ ގޮންޖެހުންތަކާ އެކު، އީރާނުގެ ކިޔުންތެރިންގެ ފޮތް ކިޔުމުގެ އާދަތަކާއި ޚިޔާރުތަކަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ގިނަ ކިޔުންތެރިން މިހާރު ބޮޑަށް ޝައުޤުވެރިވަނީ ހަޤީޤީ ދިރިއުޅުމާ ގުޅުންހުރި އަދި އެހީތެރިވެދޭނެ ފޮތްތަކަށެވެ. މިގޮތުން ފެންނަ މައިގަނޑު ބަދަލުތަކަކީ:

  • ފަލްސަފާގެ ފޮތްތަކަށް ޝައުޤުވެރިވި ކިޔުންތެރިން މިހާރު ބޮޑަށް ލެނބެނީ ދީނީ އަދި ނަފްސާނީ އިލްމުގެ ފޮތްތަކާއި އަމިއްލަ ނަފްސު ތަރައްޤީ ކުރުމުގެ ފޮތްތަކަށެވެ.
  • ސިޔާސީ މަސްރަޙު ދިރާސާ ކުރި މީހުން، މިހާރު ބޮޑަށް ބަލަނީ ތާރީޚީ އަދި ޖިއޮގްރަފީގެ ފޮތްތަކަށެވެ. ޚަބަރުތަކަށްވުރެ ބޮޑަށް ކަންކަމުގެ ފަހަތުގައިވާ ތާރީޚީ މަންޒަރު ދެނެގަތުމަށް މަސައްކަތް ކުރެއެވެ.
  • ޒުވާނުންގެ މެދުގައި މިހާރު ބޮޑަށް މަޤްބޫލީ ހަނގުރާމައާއި ހަމަނުޖެހުމުގެ ވާހަކަތަކެވެ. މިއީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ތަޖުރިބާ ކުރަމުންދާ ހާލަތާ ގުޅުންހުރި ކަންކަމަށް ވުން އެކަށީގެންވެއެވެ.
  • ފޮތްތަކުގެ އަގު ދެގުނަ އަދި ތިންގުނައަށް އުފުލުމާ ގުޅިގެން، ފޮތް ގަތުމުގެ ކުރިން މީހުން ވަރަށް ބޮޑަށް ވިސްނައެވެ. މިއީ ޝައުޤުވެރިކަމަށްވުރެ ބޮޑަށް ބޭނުންތެރިކަމަށް ބަލައިގެން ކުރާ ކަމަކަށް ވަނީ ބަދަލުވެފައެވެ.

ފޮތް ވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި، ކިޔުންތެރިން މިހާރު ފޮތްތައް ބެލުމަށްފަހު ވަގުތުން ފޮތް ގަތުމުގެ ބަދަލުގައި، ފޮތްތަކުގެ އަގުތައް ބަލައި އަޅައިކިޔުން އިތުރުވެއްޖެއެވެ. އަދި ޖިސްމާނީ ގޮތުން ފޮތް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ފޮތް ހޯދުމަށް މީހުން އިސްކަންދޭން ފަށައިފިއެވެ. މިއީ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި ހަރަދު ކުޑަކުރުމަށް ކުރާ ކަމެކެވެ.

މި ހުރިހާ ދަތިތަކާ އެކުވެސް، އީރާނުގެ ރައްޔިތުން ފޮތް ކިޔުމާ ދުރުވެފައި ނުވާކަން ފާހަގަކުރެވެއެވެ. އިންޤިލާބު މަގ 'ގައި ފޮތްތަކުގެ ތެރޭގައި ވަގުތު ހޭދަކުރުމަކީ އަދިވެސް އެމީހުންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ހަނގުރާމައިގެ ބިރުވެރިކަމާއި އިޤްތިޞާދީ ދަތިކަމުގެ ތެރޭގައިވެސް، އެމީހުންގެ ތެރޭގައި ފޮތްތަކުގެ ޞަފްޙާތައް އުކުމުގެ ޝައުޤުވެރިކަން ދެމިއޮތުމަކީ، މުޖުތަމައެއްގެ ގޮތުގައި އެމީހުން ދެމިތިބުމަށް ކުރާ އުންމީދީ މަސައްކަތެކެވެ.

ހިއްސާ ކުރައްވާ!