މުސްލިމުންގެ އެދުމަށް: ފީފާ އެވޯޑުން ބަނގުރާ އުފައްދާ ކުންފުނީގެ ލޯގޯ އުނިކޮށްފި

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑުން ބަނގުރާ އުފައްދާ ކުންފުނީގެ ލޯގޯ އުނިކުރަން ފީފާއިން ނިންމައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ މުސްލިމް ކުޅުންތެރިންގެ ދީނީ އަގީދާއަށާއި، ބައެއް ޤައުމުތަކުގެ ސަގާފީ ހަމަތަކަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

މި ބަދަލު ފާހަގަވީ، މޮރޮކޯގެ އިސްމާއިލް ސައިބަރީއަށް "މޭން އޮފް ދަ މެޗް" އެވޯޑު ދިން އިރު، އެވޯޑުގެ ފަހަތުން ފެންނަން ހުންނަ ބިއަރު އުފައްދާ ކުންފުނި "މިޝެލޮބް އަލްޓްރާ" ގެ ލޯގޯ ނެތުމުންނެވެ. އޭގެ ބަދަލުގައި އެ ތަނުގައި ފެންނަން ހުރީ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލޯގޯއާއި "ސުޕީރިއަރ ޕްލޭޔަރ އޮފް ދަ މެޗް" ޖެހި ޑިޒައިނެކެވެ.

ފީފާގެ ތަރުޖަމާނަކު "ސްޕޯޓްބައިބަލް" އަށް މައުލޫމާތު ދެއްވި ގޮތުގައި، ކުޅުންތެރިއަކު އެދިއްޖެނަމަ، އެ ކުޅުންތެރިއަކަށް ލޯގޯ ނެތް އެވޯޑެއް ދިނުމުގެ އިޚުތިޔާރު އޮންނާނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މި ބަދަލު ލިބުނު ކުޅުންތެރިންގެ ތެރޭގައި މިސްރުގެ އިމާމް އާޝޫރް، ޖޯޑަންގެ އަލީ އުލްވާން، އީރާނުގެ ރާމިން ރިޒާއިއަން އަދި އަލީ ބައިރަންވާންދު، ގަތަރުގެ ގޯލްކީޕަރު މަހުމޫދު އަބޫނާދާ އަދި އައިވަރީ ކޯސްޓުގެ ޔާން ޑިއޯމަންޑޭ ހިމެނެއެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ ގޯލްކީޕަރު މުހައްމަދު އަލްޝަންނާވީ، ބަނގުރާ އުފައްދާ ކުންފުންޏެއްގެ ސްޕޮންސާ އޮތް އެވޯޑަކާ ހަވާލުވުމަށް ދެކޮޅު ހެދުމުން އޭރު ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. މިފަހަރު ފީފާއިން މި ނިންމީ، އެވޯޑުގެ ނަން ބަދަލުކުރުމުގެ ބަދަލުގައި، ބޭނުންވާ ކުޅުންތެރިންނަށް ލޯގޯ ނެތް އެވޯޑު ދިނުމުގެ މަޑުމައިތިރި ހައްލެކެވެ.

ހިއްސާ ކުރައްވާ!