ބޯޑަރުގެ މައްސަލަތަކުގައި ތާރީޚީ އަދި ގާނޫނީ ލިޔެކިޔުންތަކުގެ މުހިންމުކަން ބޮޑު

1965 ވަނ އަހަރުގެ ބަހާރު މޫސުމުގައި، އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރުގައި އޮންނަ ލޮނުކުޅިއެއް ނުވަތަ ޗަސްބިމެއް ކަމަށްވާ ރަން އޮފް ކައްޗު ވެގެންދިޔައީ ދެގައުމުގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތިލުމެއްގެ މައިދާނަށެވެ. ޕާކިސްތާނުން "އޮޕަރޭޝަން ޑެޒާޓް ހޯކް" ގެ ނަމުގައި ހިންގި އަސްކަރީ ހަރަކާތުގައި، އެމެރިކާއިން ދީފައިވާ ޕެޓަން ޓޭންކުތައް ބޭނުންކޮށްގެން އިންޑިއާގެ ޗެކްޕޯސްޓުތަކަށް ހަމަލާދިނެވެ. އެ ސަރަހައްދުގެ ބިން އޮތްގޮތުން ޕާކިސްތާނަށް ފަސޭހަވި ނަމަވެސް، މިއީ އިންޑިއާގެ އޭރުގެ އާ ބޮޑުވަޒީރު ލާލް ބަހާދުރް ޝާސްތުރީގެ ގާބިލުކަން ޓެސްޓުކޮށްލަން ބޭނުންކުރި ވަގުތެކެވެ.

"ރަން އޮފް ކައްޗު" އަކީ އަހަރުގެ ބޮޑު ބައެއްގައި ތިލަ ފެންގަނޑެއް އޮންނަ، އަދި ހޫނު މޫސުމުގައި ލޮނުގެ ފަށަލައަކަށް ބަދަލުވާ، ދާއިމީކޮށް މީހުން ދިރިނޫޅޭ ފަޅު ސަރަހައްދެކެވެ. މި ސަރަހައްދުގެ މިލްކުވެރިކަމާ މެދު އުފެދުނު ގާނޫނީ ބަހުސްގައި، އެއްވެސް ފަރާތަކަށް ރަށެއް ނުވަތަ ޓެކްސް ރެކޯޑެއް ފަދަ ސިޔާދަތީ ހެކިތަކެއް ދެއްކޭކަށް ނެތެވެ. އެހެންކަމުން މި މައްސަލަ ނިންމަން ޖެހުނީ ޖެނީވާގައި އުފެއްދި ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ޝާސްތުރީ ބޭނުންފުޅުވީ ދިގުލައިދާ ހަނގުރާމައަކަށް ނުގޮސް، ސުލްހަވެރި ހައްލެކެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހެރޮލްޑް ވިލްސަން މެދުވެރިއެއްގެ ބައި އަދާކުރައްވައިގެން، 30 ޖޫން 1965 ގައި ދެފަރާތުން ހަމަލާބަދަލުކުރުން ހުއްޓާލައި، އދ. ގެ އެހީތެރިކަމާއެކު އުފެއްދި މިނިވަން އާބިޓްރޭޝަން ޓްރައިބިއުނަލެއްގެ ނިންމުމަށް ތަބާވުމަށް އެއްބަސްވިއެވެ. މި ޓްރައިބިއުނަލްގައި އިންޑިއާއިން ހުށަހެޅީ ޔޫގޮސްލާވިއާގެ ގާނޫނީ މާހިރު އަލޭޝް ބެބްލާ އެވެ. ޕާކިސްތާނުން ހުށަހެޅީ އީރާނުގެ ނަސްރުﷲ އިންތިޒާމް އެވެ. މުގައްރިރަކަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރެއްވީ ސްވިޑަންގެ ގުއްނާރް ލާގަގްރެން އެވެ.

މި ގާނޫނީ ހަނގުރާމައިގައި އިންޑިއާއިން ދެއްކި ތައްޔާރީތަކާއި ހެކިތައް ވަރަށް ވަރުގަދައެވެ. 10،000 އަށްވުރެ ގިނަ ސަފުހާގެ ރެކޯޑުތަކާއި 350 އަށްވުރެ ގިނަ ޗާޓު ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އިންޑިއާގެ ދިފާއު ބިނާވެފައި އޮތީ އިނގިރޭސި އިސްތިއުމާރީ ދުވަސްވަރުގެ "ސާވޭ އޮފް އިންޑިއާ" ގެ ރަސްމީ ޗާޓުތަކުގެ މައްޗަށެވެ. އެ ޗާޓުތަކުން ދައްކާގޮތުގައި އެ މުޅި ޗަސްބިމަކީ އިންޑިއާގެ ކައްޗު ސަރަހައްދުގެ ބައެކެވެ. ޕާކިސްތާނުން ވަކާލާތުކުރީ އެ ބިމުގެ މެދުން ބޯޑަރު ކަނޑައެޅުމަށެވެ.

19 ފެބްރުއަރީ 1968 ގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި، ޕާކިސްތާނުން ދައުވާކުރި 9،100 އަކަކިލޯމީޓަރުގެ ތެރެއިން ދިނީ އެންމެ 10 އިންސައްތައެވެ. އެއީ ހަނގުރާމަ އެންމެ ބޮޑަށް ހިނގި ކަންޖަރްކޮޓް ސަރަހައްދާއި އަދި ޗާޑް ބެޓް ހިމެނޭ 780 އަކަކިލޯމީޓަރުގެ ބިމެވެ. ބާކީ ހުރި ހުރިހާ ބިމެއް ދިނީ އިންޑިއާއަށެވެ. މި ހާދިސާއިން ދަސްކޮށްދެނީ، ބޯޑަރުގެ މައްސަލަތަކުގައި އަސްކަރީ ބާރަށްވުރެ ތާރީޚީ އަދި ގާނޫނީ ލިޔެކިޔުންތަކުގެ މުހިންމުކަން ބޮޑުކަމެވެ.

ހިއްސާ ކުރައްވާ!