ދުނިޔޭގެ ސިޔާސީ މަސްރަހުގައި "އިންސާފުގެ ރާސްތާ" ކުއްލިއަކަށް ފެނިގެން، 1915 ވަނަ އަހަރު އުސްމާނީ ޚިލާފަތުގައި އަރްމީނިއާ މީހުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުންތަކަކީ ޖެނޮސައިޑެއް ކަމަށް ބަލައިގަންނަން ފަލަސްޠީނުގެ ޖެނޮސައިޑް ހިންގާ ދައުލަތުން ނިންމައިފިއެވެ. ނަމަވެސް، މި "އުފާވެރި" ޚަބަރާއެކު އަރްމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝީނިއަން ހެއްދެވި ގޮތަކީ، މިއީ އެއްވެސް މިންވަރަކަށް ރައްދު ދޭންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޔަހޫދީ ދައުލަތުގެ މި ނިންމުން ބޮލާލައި ޖެއްސެވީއެވެ. ޔަހޫދީ ޒަޔަނިސްޓޫންގެ ސިޔާސީ ކުޅިގަނޑުގެ ތެރެއަށް ވަދެ، ތާރީޚީ މައްސަލައަކުން ސިޔާސީ ފައިދާ ހޯދުމަށް މަސައްކަތް ކުރުމަށް އޭނާ ދެކޮޅު ހެއްދެވީއެވެ.
މި "ޑްރާމާ" ގެ އެތެރެއަށް ކުޑަކޮށް ވަދެލާއިރު ފާހަގަކޮށްލެވޭ މަޖާ ކަންތައްތަކެއް އެބަހުއްޓެވެ:
އިޒްރޭލުގެ ކުއްލި "ހަމްދަރުދީ": ޖޫން 28 ގައި އިޒްރޭލުގެ ކެބިނެޓުން ކުއްލިއަކަށް ނިންމީ މީގެ 100އަށްވުރެ ގިނަ އަހަރު ކުރިން އަރްމީނިއާ މީހުން ރަށުން ބޭރުކޮށްލައި މަރާފައިވަނީ ރަސްމީ ގޮތެއްގައި ގަތުލުއާންމެއް ގެ ދަށުން ކަމަށް ނިންމައި އެ ހާދިސާ ބަލައި ގަތުމަށެވެ. މިއީ ހަމަ ހަގީގަތުގައިވެސް އިންސާނިއްޔަތަށްޓަކައި ނިންމި ނިންމުމެއް ބާވައެވެ؟
ތުރުކީގެ ރުޅިގަނޑު މައްޗަށް: އިޒްރޭލުގެ މި ނިންމުމާއެކު ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ ވަގުތުން އަޑުގަދަ ކުރަން ފަށާފައެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުން ކުއްލިއަކަށް މިފަދަ ބޮޑު ތާރީޚީ ހަގީގަތެއް ބަލައިގަންނަން މިއުޅެނީ، އެ މީހުން މިހާރު ދުނިޔޭގެ ކުރިމަތީގައި ހިންގަމުންދާ ޖެނޮސައިޑް ޖަރީމާތަކާއި ލޭއޮހޮރުވުންތައް ފޮރުވަން ވެގެންނެވެ. ތުރުކީން އަދިވެސް ބުނަނީ 1915 ގައި ހިނގީ ދެ ފަރާތަށްވެސް ގެއްލުންވި "ހިތާމަވެރި ހާދިސާއެއް" ކަމަށާއި، އެއީ އެއްގޮތަކަށްވެސް ގަތުލުއާންމެއް ނޫން ކަމަށެވެ.
މި މައްސަލަ ހައްލުކުރަން އިޚުލާސްތެރިކަމާއެކު ތުރުކީން އެތައް ފަހަރަކު ހުށަހެޅިއެވެ. ތުރުކީއާއި، އަރްމީނިއާ އަދި ބައިނަލްއަގުވާމީ ތާރީޚީ މާހިރުން އެއް މޭޒެއްގެ ދޮށަށް އެއްވެގެން "ޖޮއިންޓް ކޮމިޝަނެއް" ހަދައިގެން ވާހަކަދައްކާން ތުރުކީން ހުށަހެޅިއެވެ. ނަމަވެސް އެެއިރު ބާރުގަދަ މީހުން ތިބީ އެ އަޑުއަހާ ގޮތަކަށް ނޫނެވެ.
އަރްމީނިއާގެ ބޮޑުވަޒީރު ޕަޝީނިއަންގެ މި ހިމޭން ސިޔާސަތުން އެނގެނީ، އެހެން ގައުމުތަކުން ތާރީޚީ އަނިޔާތައް ހަތިޔާރަކަށް ހަދައިގެން ކުޅޭ ސިޔާސީ ގުއި ރޯނެއްގައި ހޭޖެހޭ ގައުމެއް ކަމަށްވާ އަރްމީނިއާއިން ބނު ޖެހޭނެ ކަމެވެ. ނުވަތަ ބާރުގަދަ އަވަށްޓެރިންގެ ކިބައިން ސަލާމަތްވެގެން ތިބުން މާ ބުއްދިވެރި ކަމަށް އޭނާއަށް ފެންނަނީއެވެ.






