އެމެރިކާ 12: އީރާނަށް އެތައް އަހަރެއްގެ ފިއްތުންތަކާއި، ސިއްރު އޮޕަރޭޝަންތަކުގެ އުދަނގޫ

މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު އޮތް ވާދަވެރިކަމަކީ މި ޒަމާނުގެ ޖިއޮޕޮލިޓިކްސްގެ އެންމެ ދިގު އަދި އެންމެ ނުފޫޒުގަދަ އެއް މައްސަލައެވެ. މިއީ ބަޣާވާތްތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސިއްރު އޮޕަރޭޝަންތަކާއި، މީހުން މެރުމާއި، ސައިބަރ ހަނގުރާމައާއި، ބަދަލު މީހުން މެދުވެރިކޮށް ކުރާ ހަނގުރާމަތަކާއި، ޑިޕްލޮމެޓިކް ގުޅުންތައް ކެނޑުމުގެ ވާހަކައެކެވެ.

ވޮޝިންޓަނަށް އީރާނަކީ ސަރަހައްދީ ބާރުވެރިކަމަށް އޮތް ގޮންޖެހުމެކެވެ. ތެހެރާނަށް އެމެރިކާއަކީ އެތައް އަހަރެއް ވަންދެން އެ ގައުމުގެ ކަންކަމުގެ ތެރެއަށް ވަދެ، ކަންކަން މަޖުބޫރު ކުރަން އުޅޭ ބާރެކެވެ. މި ގުޅުން ސިފަކުރެވެނީ ހުޅުވިފައިވާ ބޮޑު ހަނގުރާމައަކުން ނޫނެވެ. ނަމަވެސް މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ސިއްރުންނާއި، ބޯޑްރޫމްތަކާއި އަދި ހަނގުރާމައިގެ މައިދާންތަކުގައި ކުރާ މެދުކެނޑުމެއްނެތް ނުސދާ ހަމަލާތަކާއި ފިއްތުންތަކުންނެވެ.

އިރާނުން 1979 ގެ އިންގިލާބުން ޝާހުގެ ވެރިކަން ވައްޓާލުމާއެކު، އެމެރިކާއަށް މުހިންމު ބައިވެރިއަކު ގެއްލުނެވެ. އޭގެ ބަދަލުގައި އައި ސަރުކާރަކީ އެމެރިކާގެ ބާރަކީ ނުރައްކަލެއް ކަމަށް ދެކޭ ސަރުކާރެކެވެ. އެމެރިކާގެ މީހުންތަކެއް އިރާނުގައި ހިފެހެއްޓި ހާދިސާއިން ދެ ގައުމުގެ ދެމެދުގައި އޮތް ނަފްރަތު ބޮޑުވެ، އެމެރިކާގެ ސިޔާސަތުތައް އެތައް އަހަރަކަށް ބައްޓަން ކުރިއެވެ.

1980 ގެ އަހަރުތަކުގައި، އީރާން-އީރާގު ހަނގުރާމައިގެ ހުޅު ރޯކޮށް ދިނެވެ. އެމެރިކާއިން އިރާގަށް ތާއީދުކުރިއެވެ. ސައްދާމް ހުސައިން ކެމިކަލް ހަތިޔާރު ބޭނުންކުރި އިރު ވެސް، އެމެރިކާއިން އައީ އިންޓެލިޖެންސް މައުލޫމާތާއި، ހަތިޔާރުގެ ބައިތަކާއި، ޑިޕްލޮމެޓިކް ހިމާޔަތް ފޯރުކޮށްދެމުންނެވެ.

1988 ގައި، އެމެރިކާގެ ކަނޑުގެ ސިފައިން އީރާން އެއަރގެ ފްލައިޓް 655 ވައްޓާލައި 290 އާންމުން ޝަހީދުކޮށްލިއެވެ. މިއީ ވޮޝިންޓަނުން ރަސްމީކޮށް މާފަށް ވެސް ނޭދޭ ހާދިސާއެކެވެ. މި ކަންކަމުން އީރާނުގެ އިތުބާރު ކުޑަވެ، އެމެރިކާގެ ބާރަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި އަމަލުކުރާ އެއްޗެއް ކަމުގެ ޔަގީންކަން އީރާނަށް ލިބުނެވެ.

2000 ގެ އަހަރުތަކުގައި ކުރިމަތިލުންތައް އާ ގޮތަކަށް ފެށުނެވެ. އެމެރިކާއިން އީރާނުގެ އިގްތިސާދާއި، ބޭންކިން ނިޒާމާއި، ތެޔޮ އެކްސްޕޯޓްކުރުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. ސިއްރު އޮޕަރޭޝަންތައް ވަރުގަދަކުރިއެވެ. ސައިންސްވެރިން މަރައި، "ސްޓަކްސްނެޓް" ފަދަ ސައިބަރ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތައް ފުނޑުކޮށްލިއެވެ.

އީރާނުން ރައްދު ދިނީ ލުބުނާން، އިރާގު، ސޫރިޔާ، އަދި ޔަމަނުގައި ބައިވެރިން ހޯދައިގެން، ސަރަހައްދީ ޑިބިރުވެރިކަމުގެ ސްޓްރެޓެޖީއެއް އުފައްދައިގެންނެވެ. މިއީ އެމެރިކާގެ ނުފޫޒަށް އެޅުނު ބޮޑު ހުރަހެކެވެ.

2015 ގެ ނިއުކްލިއަރ އެއްބަސްވުމުން ޑިޕްލޮމެޓިކް ކުރިއެރުމެއް ލިބުނު ނަމަވެސް، 2018 ގައި އެމެރިކާއިން އެ އެއްބަސްވުމުން ވަކިވުމުން އެކަން ބަދލަުވިވިއެވެ. 2020 ގައި ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމުން ހާލަތު އިންތިހާއަށް ގޯސްވެ، ދެ ގައުމު ހަނގުރާމައިގެ ތުންފަތްމައްޗަށް އައެވެ. އީރާނުން އިރާގުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލް ހަމަލާ ދީ، ފުރިހަމަ ހަނގުރާމައަކަށް ނުގޮސް އެމީހުންގެ ގާބިލުކަން ދެއްކިއެވެ.

މިއަދު މި މައްސަލަ އޮތީ ހައްލުނުވެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދަށް ބުރޫއަރައެވެ. ބަދަލު ފަރާތްތައް މެދުވެރިކޮށް ހިންގާ ހަމަނުޖެހުންތައް މެދުއިރުމަތީގައި ދެމިއޮތެވެ. އެމެރިކާ-އީރާން ގުޅުމަކީ ސަރަހައްދީ ހަލަބޮލިކަމުގެ ދާއިމީ ސިފައެކެވެ.

އީރާނުގެ މައްސަލައަކީ އެމެރިކާ އުފެއްދި އެންމެ ކާރިސާއެއް ނޫނެވެ. މިއީ ގައުމުތަކުިގެ ކަންކަމާ ބެހި ހެދުމުގެ 70 އަހަރުގެ ދިގު ދަތުރެކެވެ. މިއީ މެދުއިރުމައްޗާއި އެމެރިކާގެ ޚާރިޖީ ސިޔާސަތު މިއަދުވެސް ބައްޓަންކުރަމުންދާ ދާއިމީ ވާދަވެރިކަމެކެވެ.

ހިއްސާ ކުރައްވާ!