މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
އެމެރިކާ އުފެދުމާއި އެ ގައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވުމުގައި ހަނގުރާމައަކީ އެންމެ މުހިންމު އެއް ބަހާއެވެ. 1776 ވަނަ އަހަރު އެމެރިކާ މިނިވަންވީއްސުރެ 2026 އާ ހަމައަށް، އެ ގައުމުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 400 އަށްވުރެ ގިނަ ހަނގުރާމަ ހިންގާފައެވެ. މި ހަނގުރާމަތަކަކީ ހަމައެކަނި ވަގުތީ ހާދިސާތަކެއް ނޫނެވެ. އެއީ ތަފާތު ތާރީޚީ ދައުރުތަކެއްގެ ތެރެއިން އެމެރިކާގެ ބާރު ފުޅާވަމުން އައި ގޮތް ދައްކުވައިދޭ، މެދުކެނޑުމެއް ނެތް ސިލްސިލާއެކެވެ.
18ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 19ވަނަ ގަރުނާ ހަމައަށް އެމެރިކާގެ މައިގަނޑު އަމާޒަކީ ބައްރުގެ އެތެރޭގައި ބާރު ފުޅާކުރުމާއި، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އައު ބިންތައް ބައްކުރުމެވެ. ނަމަވެސް، ފިނި ހަނގުރާމައިގެ ދުވަސްވަރު މިއަމާޒު ބަދަލުވީ ކޮމިއުނިޒަމް ފެތުރުން ހުއްޓުވުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ ނުފޫޒު ދެމެހެއްޓުމަށެވެ. އަދި ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު، މުޅި ދުނިޔޭގައި ޓެރަރިޒަމާ ދެކޮޅަށް ކަމަށްބުނެ ކުރަންފެށި ހަނގުރާމަތަކާއި، އެންމެ ފަހުން 2026 ވަނަ އަހަރު އިރާންގެ ހަނގުރާމައާއެކު އެމެރިކާ ވަނީ މުހިންމު މަރުހަލާތަކެއް ކަނޑަތުކޮށްފައެވެ.
ނަވާރަވަނަ ގަރުނުގެ މުހިންމު ހަނގުރާމަތައް
ނަވާރަވަނަ ގަރުނަކީ އެމެރިކާ ސަރަހައްދީ ބާރަކުން ބައިނަލްއަގުވާމީ ސަރަހައްދީ ނުފޫޒެއް އޮތް އެމްޕަޔަރަކަށް ބަދަލުވާން ފެށި ދުވަސްވަރެވެ. މި މަރުހަލާ ދައްކުވައިދޭ ތިން ހަނގުރާމައެއް ތިރީގައިވާ ތާވަލުން ސާފުވެގެންދާނެއެވެ.
| ހަނގުރާމަ | ދުވަސްވަރު | ދެކޮޅުވެރި ބާރު | އިސްވެ ހުންނެވި ރައީސް | މައިގަނޑު ނަތީޖާ |
| މެކްސިކޯ-އެމެރިކާ ހަނގުރާމަ | 1846 – 1848 | މެކްސިކޯ | ޖޭމްސް ޕޯލްކް | ކެލިފޯނިއާ، ނިއު މެކްސިކޯ އަދި ޓެކްސަސް އެމެރިކާގެ ދަށަށް ގެންދިއުން. |
| އެސްޕާނިޔާ-އެމެރިކާ ހަނގުރާމަ | 1898 | އެސްޕާނިޔާ (ސްޕެއިން) | ވިލިއަމް މެކްކިންލީ | ޕުއެރްޓޯ ރީކޯ، ގުއާމް އަދި ފިލިޕީންސްގެ ކޮންޓްރޯލް ލިބި، އެމެރިކާ ބައިނަލްއަގުވާމީ ބާރަކަށްވުން. |
| ފިލިޕީންސް-އެމެރިކާ ހަނގުރާމަ | 1899 – 1902 | ފިލިޕީންސްގެ މިނިވަންކަމަށް ވަކާލާތުކުރި ބާރުތައް | ވިލިއަމް މެކިންލީ | ފިލިޕީންސްގައި މުސްލިމުންނާ ދެކޮޅަށް އެމެރިކާގެ އިސްތިއުމާރީ ވެރިކަން ހަރުދަނާވުން އަދި ޕެސިފިކް ކަނޑުގެ ބާރު ގާއިމުވުން. |
ދުނިޔޭގެ ބޮޑު ދެ ހަނގުރާމައާއި ފިނި ހަނގުރާމައިގެ ދައުރު
ވިހިވަނަ ގަރުނަކީ އެމެރިކާގެ ޚާރިޖީ އަދި އަސްކަރީ ސިޔާސަތު މުޅިން ބަދަލުވެގެންދިޔަ ގަރުނެކެވެ. އެމެރިކާއިން ކުރިން ގެންގުޅުނު އެކަހެރިވުމުގެ ސިޔާސަތު ދޫކޮށްލައި، ދުނިޔޭގެ ސަލާމަތީ ކަންކަމާ ސީދާ ހަވާލުވާން ޖެހުނެވެ. މީގެ މައިގަނޑު ސަބަބަކީ ޔޫރަޕް އަދި އޭޝިއާގެ ބާރުގެ ހަމަހަމަކަން ބަދަލުވުމެވެ.
ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ (1917-1918)
އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވަނީ ހަނގުރާމަ ފެށުނުތާ ތިން އަހަރު ފަހުން، ރައީސް ވުޑްރޯ ވިލްސަންގެ ދައުރުގައެވެ. ޖަރުމަނުގެ ސަބްމެރިން ހަމަލާތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްއެޅުމުގެ ސަބަބުން، ކޮންގްރެސްއިން ރަސްމީކޮށް ހަނގުރާމަ އިއުލާނުކުރިއެވެ. މި ހަނގުރާމައިގައި 4,734,991 އެމެރިކާ ސިފައިން ބައިވެރިވިއިރު، 53,402 ސިފައިން ހަނގުރާމައިގެ މައިދާނުގައި މަރުވިއެވެ. އެމެރިކާގެ ބައިވެރިވުމާއެކު ހަނގުރާމައިގެ މިސްރާބު ބަދަލުވެ، ގުޅިފައިޥާ ލަޝްކަރުގެ ބާރުތަކަށް ފުރިހަމަ ކާމިޔާބީއެއް ލިބުނެވެ. މިއީ އެމެރިކާ ދުނިޔޭގެ ސިޔާސީ މަސްރަހުގެ އެންމެ މަތީ ގޮނޑިއަށް ވާސިލުވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ (1941-1945)
1941 ވަނަ އަހަރު ޖަޕާނުން އެމެރިކާގެ ޕާލް ހާބަރަށް ދިން ކުއްލި ހަމަލާއާއެކު، ރައީސް ފްރެންކްލިން ރޫޒަވެލްޓްގެ ސަރުކާރުން ހަނގުރާމައިގެ ތެރެއަށް ވަނެވެ. މިއީ އެމެރިކާގެ ތާރީޚުގައި އެންމެ ބޮޑު އަސްކަރީ އަދި ސިނާއީ ލޮޖިސްޓިކްސް ގޮތަށް ރުކުރުވާލި ހަނގުރާމައެވެ. ޖުމްލަ 16,112,566 ސިފައިން މި ހަނގުރާމައިގައި ބައިވެރިވިއިރު، 291,557 ސިފައިން ޝަހީދުވިއެވެ. ހަނގުރާމަ ނިމުމަކަށްއައީ ޖަޕާނުގެ ހީރޯޝީމާ އަދި ނާގަސާކީއަށް އެމެރިކާއިން ދިން ނިއުކްލިއާ ހަމަލާއަށްފަހުއެވެ. މިއީ ދުނިޔެ ނިއުކްލިއާ ޒަމާނަކަށް ހުޅުވިގެންދިޔަ، އަދި އެމެރިކާގެ ސުޕަރޕަވަރެއްގެ ގޮތުގައި ބާރު ކަނޑައެޅުނު ހާދިސާއެވެ.
ކޮރެއާ ހަނގުރާމަ (1950-1953)
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ބެހުނީ ދެބަޔަށެވެ. އެއީ އެމެރިކާ އިސްވެ އޮތް ކެޕިޓަލިސްޓް ބްލޮކާއި ސޯވިއެޓް ޔޫނިއަން އިސްވެ އޮތް ކޮމިއުނިސްޓް ބްލޮކެވެ. ކޮރެއާ ހަނގުރާމައަކީ ކޮމިއުނިޒަމް ފެތުރުން ހުއްޓުވުމުގެ ސިޔާސަތުގެ ދަށުން ކުރެވުނު ފުރަތަމަ ބޮޑު ހަނގުރާމައެވެ. ރައީސް ހެރީ ޓްރޫމަން މި ހަނގުރާމައަށް ސިފައިން ފޮނުއްވީ ކޮންގްރެސްގެ ރަސްމީ ހަނގުރާމައިގެ އިއުލާނަކާ ނުލައެވެ. 1,789,000 އެމެރިކާ ސިފައިން ބައިވެރިވި މި ހަނގުރާމައިގައި 33,739 ސިފައިން މަރުވިއެވެ. ހަނގުރާމަ ނިމުނީ އެއްވެސް ފަރާތަކަށް ފުރިހަމަ ކާމިޔާބީއެއް ނުލިބި، ކޮރެއާ ބައްރު ދެބަޔަށް ބަހާލެވުނު ސުލްހައިގެ އެއްބަސްވުމަކުންނެވެ. އަދިވެސް ދެ ގައުމު އޮތީ ހަނގުރާމައިގެ ހާލަތުގައެވެ.
ވިއެޓްނާމް ހަނގުރާމަ (1965-1973)
ވިއެޓްނާމް ހަނގުރާމައަކީ އެމެރިކާގެ އަސްކަރީ ތާރީޚުގައި ދިމާވި އެންމެ ބޮޑު އެއް ނާކާމިޔާބީއެވެ. ރައީސް ލިންޑަން ޖޯންސަންގެ ދައުރުގައި އެމެރިކާ ސިފައިން ވިއެޓްނާމްގެ ޖަންގަލިތަކުގެ ތެރޭގައި ދިގުލައިގެންދިޔަ ހަނގުރާމައެއްގެ ތެރެއަށް ގެނބުނެވެ. މި ހަނގުރާމައިގައި 3,403,000 އެމެރިކާ ސިފައިން ބައިވެރިވިއިރު، 47,434 ސިފައިން މަރުވިއެވެ. މިއީ ޓީވީގެ ޒަރީއާއިން ހަނގުރާމައިގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ފެނިގެންދިޔަ ފުރަތަމަ ހަނގުރާމައެވެ. އެމެރިކާގެ އެތެރޭގައި އުފެދުނު ސިޔާސީ އަދި އިޖުތިމާއީ ހަލަބޮލިކަމުގެ ސަބަބުން، އެމެރިކާ ސިފައިންނަށް ޖެހުނީ އެއްވެސް ކާމިޔާބީއެއް ނެތް ގޮތުގައި ވިއެޓްނާމުން ޖާނާއިގެން ސަލާމަތްވެ ފައިބާށެވެ.
ފިނި ހަނގުރާމައަށްފަހު: އެއްބާރުވަންތަ ދުނިޔެއަކާއި އައު ގޮންޖެހުންތައް
1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން އުވާލުމާއެކު، އެމެރިކާ ވެގެންދިޔައީ ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރަށެވެ. މީގެ ސަބަބުން އެމެރިކާގެ އަސްކަރީ ބެހުމުގެ ވައްޓަފާޅި ބަދަލުވިއެވެ. މިހާރު ހަނގުރާމައިގެ ބަހަނާއަކަށްވީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، އަދި ހަކަތައިގެ ވަސީލަތްތައް ރައްކާތެރިކުރުމެވެ.
ގަލްފް ހަނގުރާމަ (1990-1991)
އިރާގުން ކުވައިތަށް އަރައިގަތުމާ ގުޅިގެން، ރައީސް ޖޯޖް ބުޝް (ބައްޕަ ބުޝް) ގެ ލީޑަޝިޕްގައި ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދިއެވެ. މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައާއެކު ކުރި ހަނގުރާމައެކެވެ. 694,550 އެމެރިކާ ސިފައިން ބައިވެރިވި މި އޮޕަރޭޝަނުގައި މަރުވީ އެންމެ 148 ސިފައިންނެވެ. އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިރާގު ސިފައިން ކުވައިތުން ބޭރުކޮށްލެވުނެވެ.
ކޮސޯވޯ ހަނގުރާމަ (1999)
ޔޫގޮސްލާވިއާގެ ސާބިއާ ސިފައިން ކޮސޯވޯގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދިޔަ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް، ރައީސް ބިލް ކްލިންޓަންގެ ސަރުކާރުން ނޭޓޯ މެދުވެރިކޮށް ވައިގެ ހަމަލާތަކެއް ދޭން ފެށިއެވެ. މި ހަނގުރާމައިގެ ޚާއްސަ ސިފައަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައެއް ނެތް ނަމަވެސް، "އިންސާނީ ބޭނުމަށް ވަދެގަނެ ހަމަލަ ދިނުމުގެ"ގެ ނަމުގައި ހިންގުނު އޮޕަރޭޝަނަކަށް ވުމެވެ. އެމެރިކާއިން އެއްވެސް އެއްގަމު ސިފައިން ބޭނުންނުކޮށް، ހަމައެކަނި ވައިގެ މަގުން ދިން ހަމަލާތަކުން ސާބިއާ ސިފައިން ކޮސޯވޯއިން ފޭބުމަށް މަޖުބޫރުކުރުވިއެވެ. (ރުވަންޑާގައި ޓުޓްސީންނާއި ހޫޓޫންގެ ޖެނޮސައިޑްގައި ތިބީ ކުޅި ބަލާށެވެ!)
ސެޕްޓެމްބަރު 11 ގެ ފަހުން: ދިގުލައިގެންދިޔަ ހަނގުރާމަތައް
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ނިއުޔޯކް އަދި ވޮޝިންޓަނަށް ދިން ހަމަލާތަކަކީ އެމެރިކާގެ އަސްކަރީ ތާރީޚު މުޅިން ބަދަލުކޮށްލި ހާދިސާއެކެވެ. ރައީސް ޖޯޖް ބުޝް (ދަރި ބުޝް) އިއުލާނުކުރެއްވީ "ޓެރަރިޒަމާ ދެކޮޅަށް ކުރާ ބައިނަލްއަގުވާމީ ހަނގުރާމަ" އެވެ. މިއީ ވަކި ބޯޑަރެއް ނެތް، އަދި ނިމޭނެ ވަގުތެއް ނޭނގޭ އައު ހަނގުރާމައެއްގެ ފެށުމެވެ.
އަފްޣާނިސްތާން ހަނގުރާމަ (2001-2021)
އަލްގައިދާގެ ލީޑަރުން ހިމާޔަތްކޮށްގެން ތިބި ތާލިބާން ސަރުކާރު ވައްޓާލުމަށް އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތެވެ. މިއީ އެމެރިކާގެ ތާރީޚުގައި ކުރި އެންމެ ދިގު ހަނގުރާމައެވެ. ފުރަތަމަ މަރުހަލާގައި ތާލިބާން ސަރުކާރު ވައްޓާލެވުނު ނަމަވެސް، އޭގެ ފަހުން ދެން ފެށުނީ ދިގުލައިގެންދިޔަ ހިތްދަތި ހަނގުރާމައެކެވެ. 20 އަހަރުގެ ހަނގުރާމައަށްފަހު، 2021 ވަނަ އަހަރު އެމެރިކާ ސިފައިން އެ ގައުމުން ފޭބީ ތާލިބާނުން އަލުން ވެރިކަމަށް ގެނަސްދީފައެވެ.
އިރާގު ހަނގުރާމަ (2003-2011)
ސައްދާމް ހުސައިންގެ އަތުގައި ބާރުގަދަ ކެމިކަލް ހަތިޔާރު ހުރިކަމަށް ބުނެ ދޮގު ހަދައިގެން އެމެރިކާއިން އެއްވެސް ބައިނަލްއަގުވާމީ ގާނޫނީ ހުއްދައެއް ނެތި އިރާގަށް އަރައިގަތެވެ. މި ހަނގުރާމައިގައި ސައްދާމްގެ ވެރިކަން ވައްޓާލެވުނު ނަމަވެސް، މީގެ ސަބަބުން މުޅި މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ދާޚިލީ ހަނގުރާމައަކަށް މަގުފަހިވިއެވެ. ހަނގުރާމައިގައި 4,491 އެމެރިކާ ސިފައިން މަރުވިއިރު، އެމެރިކާއިން 1 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކުރަން ޖެހުނެވެ. ފަހުން އެނގުނު ގޮތުގައި އިރާގުގައި އެފަދަ އެއްވެސް ހަތިޔާރެއް ނެތެވެ.
އައިސިސް އާ ދެކޮޅަށް ކުރި ހަނގުރާމަ (2014-2019)
އިރާގު ހަނގުރާމައިގެ ސަބަބުން އުފެދުނު ސިޔާސީ ހުސްކަމުގެ ތެރެއިން އުފެދުނު އައިސިސް ޖަމާއަތުން އިރާގާއި ސީރިއާގެ ބޮޑު ބައެއް ހިފިއެވެ. ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާއިން އައު ސިޔަސަތެއް އެކުލަވާލިއެވެ. އެއީ ގިނަ އަދަދެއްގެ އެއްގަމު ސިފައިން ނުފޮނުވައި، ހަމައެކަނި ވައިގެ ހަމަލާތަކާއި ޑްރޯން ބޭނުންކޮށްގެން، އަދި ސަރަހައްދީ ބާރުތަކަށް އެހީތެރިވެގެން ހަނގުރާމަކުރުމެވެ. 2019 އާ ހަމައަށް އައިއިރު އައިސިސްގެ ބާރު މުޅިން ކަނޑުވާލެވުނެވެ.
2026 ވަނަ އަހަރުގެ އީރާނާ ކުރިމަތިލުން
އެމެރިކާގެ އަސްކަރީ ބެހުމުގެ ސިލްސިލާއަށް އިތުރުވި އެންމެ ފަހުގެ ބޮޑު ނާކާމިޔާބު ބާބަކީ 2026 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި އީރާނާ ދެކޮޅަށް ކުރި ހަނގުރާމައެވެ.
މި ހަނގުރާމައިގެ މުހިންމު ބައެއް ތަފާސްހިސާބުތައް:
ޖުމްލަ މަރުވި މީހުންގެ އަދަދު: ހުރިހާ ފަރާތްތަކުން 6,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
އިގްތިސާދީ ޚަރަދު: 2026 ގެ މެދުތެރެއާ ހަމައަށް އެމެރިކާއިން ސީދާ ގޮތެއްގައި 132 ބިލިއަން ޑޮލަރު ޚަރަދުކުރިއެވެ.
އިސްތިރާޖީ ނަތީޖާ: ހޮރްމޫޒް ކަނޑުއޮޅި އަށް އީރާނުގެ ސިޔާދަތު އޮތް ކަން ޔަގީން ވިއެވެ.
މި ހަނގުރާމަ ފާހަގަވެގެންދިޔައީ ފަސްވަނަ ޖީލުގެ ހަނގުރާމައިގެ ސިފަތައް އެކުލެވިގެންވާ ކުރިމަތިލުމެއްގެ ގޮތުގައެވެ. އީރާނުން ގިނަ އަދަދެއްގެ އަމިއްލައަށް ގޮވާ ޑްރޯންތައް ބޭނުންކޮށްގެން އެމެރިކާގެ ޓެކްނޮލޮޖީގެ ކުރިއެރުމަށް ގޮންޖަހާލިއެވެ. މިއީ އެމެރިކާގެ އަސްކަރީ ބާރަށް ކުރިމަތިވި އައު ބާވަތެއްގެ އިމްތިހާނެކެވެ.
250 އަހަރުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެމެރިކާގެ ހަނގުރާމަތަކަކީ އެ ގައުމުގެ އުދުވާނީ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ ވަރަށް ބޮޑަށް ލާމެހިފައިވާ ކަމެކެވެ. ބްރައުން ޔުނިވަރސިޓީގެ "ކޮސްޓްސް އޮފް ވޯ" ޕްރޮޖެކްޓުން ދައްކާގޮތުގައި، ހަމައެކަނި ސެޕްޓެމްބަރު 11 ގެ ފަހުން ކުރެވުނު ހަނގުރާމަތަކުގެ ޚަރަދު 6.4 ޓްރިލިއަން ޑޮލަރަށް އަރައެވެ.
(6.4 ޓްރިލިއަން ޑޮލަރު ދުނިޔޭގެ މިހާރުގެ އާބާދީ ކަމަށްވާ ގާތްގަނޑަކަށް 8.3 ބިލިއަން މީހުންނަށް ހަމަހަމައަށް ބަހައިފި ނަމަ، ކޮންމެ މީހަކަށް ޖެހޭނީ ގާތްގަނޑަކަށް 771 ޑޮލަރު އެވެ.)
މީއަދަދުގެ ތެރޭގައި ހަނގުރާމައިގެ ސީދާ ޚަރަދުތަކުގެ އިތުރުން، މުސްކުޅި ސިފައިންނަށް ދޭންޖެހޭ ސިއްހީ އެހީތެރިކަމާއި ދައުލަތުގެ ދަރަނީގެ އިންޓްރެސްޓް ވެސް ހިމެނެއެވެ.
އިންސާނީ ގޮތުން ބަލާއިރު، މި ހަނގުރާމަތަކުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން އެމެރިކާގެ ވެރިންގެ ސިޔާސަތުގެ ސަބަބުން މަރުވެފައި ވެއެވެ. އަދި އެތައް މިލިއަން މީހުންނެއް ރެފިއުޖީންނަށް ވެފައި ވެއެވެ.



