ޔޫރަޕްގެ ރަސްކަލުން ހުޅަނގުގެ އުދަރެހަށް ލޯ އަޅަން ފެށުމުގެ މާ ކުރިން، މުސްލިމުން އެމެރިކާ ބައްރަށް ދަތުރުކުރިއެވެ. އެފްރިކާގެ އަދި އިސްލާމީ ތާރީޚީ ޢިލްމުވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ހުޅަނގު އެފްރިކާއާއި މެދުއިރުމަތީގެ މުސްލިމް ދަތުރުވެރިން އެޓްލާންޓިކް ކަނޑު ހުރަސްކޮށްފައިވެއެވެ. އެޓްލާންޓިކް ކަނޑު ހުރަސްކުރުމުގެ ޙަޤީޤީ ތާރީޚު ހޯދުމަށްޓަކައި، މެދުޒަމާނުގެ އިސްލާމީ ޖިއޮގްރަފީއަށާއި މާލީ ރަސްކަމުގެ މުއްސަނދި ހަޟާރާއަށް ބަލަންޖެހެއެވެ.
ކޮލަމްބަސްގެ ދަތުރުގެ 500 އަހަރު ކުރިން، 10 ވަނަ ޤަރުނުގައި، މެދުޒަމާނުގެ މަޝްހޫރު މުސްލިމް ތާރީޚީ ޢިލްމުވެރިއެއް އަދި ޖިއޮގްރަފަރެއް ކަމަށްވާ އަލްމަސްޢޫދީ ވަނީ ކަނޑުދަތުރުފަތުރުގެ ކުރިއަރާފައިވާ ހެކިތައް ލިޔެ ތާރީޚަށް ރައްކާކޮށްދީފައެވެ. އޭނާގެ މަޝްހޫރު ފޮތް "މުރޫޖު އްޛަހަބް" ގައި، އިސްލާމީ ސްޕެއިންގެ ޚައްޝާޝް އިބްނު ސަޢީދު އަލްއަސްވަދް ފަދަ ހިތްވަރުގަދަ މުސްލިމް ކަނޑު ދަތުރުވެރިންގެ ވާހަކަތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
ޚައްޝާޝް އޭނާގެ ފަޅުވެރިންނާއެކު، 'ބަޙްރު އްޒުލުމާތު"ގެ ނުރައްކާތެރި ރާޅުތަކުގެ ތެރެއަށް ދަތުރު ފެށިއެވެ. އޭރު އެޓްލާންޓިކް ކަނޑަށް ކިޔައި އުޅުނީ އަނދިރިކަމުގެ ކަނޑުގެ ނަމުންނެވެ. އަދި ޚައްޝާޝް އިބްނު ސަޢީދު އަލްއަސްވަދް އެނބުރި އައީ، ކަނޑުގެ އަނެއް ފަރާތުގައި އޮތް ބޮޑު ބައްރުގެ ނޭނގޭ ބިންތަކުގެ ޗާޓުތަކާއި، ވާހަކަތަކާއި، އަދި އަގުބޮޑު މުދާ ފަދަ ތަކެތި ހިފައިގެންނެވެ. އަލްމަސްޢޫދީ
އިސްލާމީ ކަނޑުދަތުރުފަތުރުގެ ދަތުރުތައް އެންމެ ފުރިހަމައަށް ފެނިގެންދިޔައީ 1311 ވަނަ އަހަރު މާލީ ރަސްކަމުގެ ތެރެއިންނެވެ. އެއީ އޭރު ދުނިޔޭގައި އޮތް އެންމެ މުއްސަނދި ދައުލަތެވެ. މާލީގެ ރަސްގެފާނު މަންސާ އަބޫ ބަކުރު 2ވަނަ، އެޓްލާންޓިކް ކަނޑުގެ އަނެއް ފަރާތް ހޯއްދެވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެވަޑައިގަތެވެ. ކަނޑަކީ ނިމުމެއް ނެތް ތަނެއްކަމަށް ޤަބޫލުފުޅު ނުކުރައްވައި، އަބޫ ބަކުރު 2ވަނަ ވަނީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ނިންމަވައި، އެ މަސައްކަތަށް ފުރުއްވުމުގެ ކުރިން ރަސްކަމުގެ ތަޚުތު އޭނާގެ ކޮއްކޯ މަންސާ މޫސާއަށް ދޫކޮށްލައްވައި ވެރިކަން ޙަވާލުކުރައްވާފައެވެ.
މާލީގެ ރަސްގެފާނު މަންސާ އަބޫ ބަކުރު 2ވަނަ އާދަޔާޚިލާފު ބޮޑު ކަނޑުގެ ލަޝްކަރެއް އެކުލަވާލެއްވިއެވެ. 2ހާސް އުޅަނދުގެ ތެރެއިން އެއްހާސް އުޅަނދު ހާއްސަކުރެއްވީ އޭނާގެ ހުނަރުވެރި މަންޑިންކާ ހަނގުރާމަވެރިންނަށެވެ. އަދި އަނެއް ހާސް އުޅަނދުގައި ފެން ރައްކާކުރާ ތާނގީތަކާއި، ހިކި ކާބޯތަކެއްޗާއި، ގެރިބަކަރިއާއި، ވިޔަފާރިއަށް ބޭނުންވާ ރަން ބަރާކުރެއްވިއެވެ. އަބޫ ބަކުރު ދެވަނަ އަމިއްލަފުޅަށް އެންމެ އިސް އުޅަނދަށް އަރާވަޑައިގެން، ހުޅަނގުގެ އުދަރެހާ ދިމާލަށް ދަތުރުކުރާ ކަނޑުގެ ލަޝްކަރު ލީޑުކުރެއްވިއެވެ.
ހުޅަނގުގެ ތާރީޚީ ޢިލްމުވެރިން މާލީގެ މި ދަތުރަކީ ހަމައެކަނި ވާހަކައެއް ކަމަށް ބެލި ނަމަވެސް، ޒަމާނީ އޯޝަނޯގްރަފީން ވަނީ އެފްރިކާ މީހުންގެ މި ދަތުރުތަކުގެ ތެދުކަން ސާބިތުކޮށްދީފައެވެ. ކަނޑުގެ އޮއިވަރުގެ ސިމިއުލޭޝަންތަކުން ކަށަވަރުވާ ގޮތުގައި، ހުޅަނގު އެފްރިކާގެ އައްސޭރިން ފުރާ ކޮންމެ އުޅަނދެއްވެސް، އިކުއޭޓޯރިއަލް އެޓްލާންޓިކް އޮއިގެ ވަރުގަދަ ބާރުގައި ޖެހި، ކެރީބިއަން ކަނޑާއި މެސޯއެމެރިކާގެ އައްސޭރިއާ ދިމާލަށް ސީދާ ގެންދެއެވެ.
އަބޫ ބަކުރުގެ ކުޅަދާނަ ކަނޑުވެރިންނަށް އެމެރިކާއަށް ފޯރުމަކީ ދަތިކަމެއް ނޫނެވެ؛ އެއީ ޖިއޮގްރަފީގެ ގޮތުން ނުވެ ނުދާނެ ކަމެކެވެ. މިއީ "ޔޫރަޕް މީހުން އެމެރިކާ ހޯދުމުގެ" އެތައް އަހަރެއް ކުރިން، އެތައް މިލިއަން މުސްލިމުން އެތަނުގައި އުޅުނުކަމާއި، ކޮލަމްބަސްގެ ކުރިން އެމެރިކާގެ ކަނޑުގެ ތާރީޚުގައި އެމީހުން އަދާކުރި ޙަޤީޤީ ދައުރު ސާބިތުކޮށްދޭ ހެކިތަކެކެވެ.
މާލީގެ ރަސްގެފާނު އަބޫ ބަކުރު ދެވަނަގެ ދަތުރުފަތުރުތަކަށް ބަލާ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މެދުތެރޭ އެމެރިކާގެ އައްސޭރިފަށާއި ކެރީބިއަންގެ ޖަޒީރާތަކުގައިވާ ތާރީޚީ ބައެއް ޖިއޮގްރަފީ ސަރަހައްދުތަކަށް، ކުރީގެ މާލީގެ ރަށްތަކާ އެއްގޮތް ނަންތައް ދީފައި ވެއެވެ. އެ ނަންތަކަކީ މަންޑިންކާ ގަބީލާ މީހުންގެ އިސްލާމީ ނަންތަކެވެ.
އެމެރިކާއަށް ހިޖުރަ ކުރި ޔޫރަޕްގެ ދަތުރުވެރިންނާއި ބަހަވީ ޢިލްމުވެރިން އެމެރިކާގެ އަޞްލު ވަޒަންވެރިންގެ ޙަޟާރަތުގެ ވާހަކަ ލިޔެ ރައްކާކުރަން ފެށިއިރު، އެމީހުންނަށް ފެނުނު ސަގާފީ ބައެއް ކަންކަމުން، އެމެރިކާ ދުނިޔެއާ އެކަހެރި ވެފައިޥާ ކަމަށް ބުނާ ވާހަކައާ މއެއދު އެހެން ގޮތަކަށް ބަލާލަން ޖެހުނެވެ. ކެރީބިއަންގެ ޤަބީލާތަކުގެ ވެރިން ބޭނުންކުރި ޤާނޫނީ ލަޤަބުތަކުން ފެށިގެން މެކްސިކޯގެ ބިޔަ ޢިމާރާތްތަކާ ހަމައަށް، ޤަދީމީ އިސްލާމީ ދުނިޔޭގެ އަސަރާއި ހެކި މިބައްރަށް ފޯރާފައިވާކަން ހޯދުނެވެ.
ކޮލަމްބަސް އައު ދުނިޔެ ހޯދުމުގެ ކުރިން އެމެރިކާއާއި އިސްލާމީ ދުނިޔެއާ ދެމެދު އޮތް ގުޅުމުގެ އެންމެ ސާފު ހެއްކަކީ މެދުތެރޭ އެމެރިކާއާއި ކެރީބިއަންގެ އަޞްލު ވަޒަންވެރިންގެ ބަހެވެ.
ހާވަޑް ޔުނިވަރސިޓީގެ ފިލޮލޮޖިސްޓް ލިއޯ ވީނާ، 1920 ގައި ލިޔުއްވި "އެފްރިކާ އެންޑް ދަ ޑިސްކަވަރީ އޮފް އެމެރިކާ" ގައި، އެމެރިކާ ބައްރުގެ އަޞްލު ވަޒަންވެރިންގެ ބަސްތަކާއި ޢަރަބި އަޞްލާއި އަދި ހުޅަނގު އެފްރިކާގެ މުސްލިމުން ބޭނުން ކުރާ ބަސްތަކާ ދެމެދު ހުރި ގުޅުންތައް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ވިޔަފާރި މުއާމަލާތުގެ ނަންތަކާއި، މައުދަނުތަކަށް ކިޔާ ނަންތަކާއި، އަދި ވެރިކަމުގެ ދާއިރާގެ ނަންތަކަށް ބޭނުން ކުރާ ބަސްތައް ފާހަގަ ވެއެވެ.
-
ވެރިކަމުގެ ލަޤަބު: ހުޅަނގު އެފްރިކާގެ އިސްލާމީ މުޖުތަމަޢުތަކުގައި، ސިޔާސީ އަދި ދީނީ ވެރިޔާއަށް ކިޔަނީ ޢަރަބި ބަހުން އައިސްފައިވާ "އަލްއިމާމް" (އަލްމާމީ) އެވެ. ޔޫރަޕްގެ ދަތުރުވެރިންނަށް ފެނުނު ގޮތުގައި، ކެރީބިއަންގެ ޤަބީލާތަކުގެ ވެރިން އެމީހުންގެ ވެރިންނަށް އަލްމާމީ ކިޔާ ކަމަށާއި މާލީގައި މުސްލިމުން ވިޔަފާރިއަށް ބޭނުންކުރާ ފައިސާ ފޮއްޗަށް "ގުއަނިނީ" އަދި "އަނާމީ" ކިޔައި އުޅުނު ކަމަށް ބުނެއެވެ.
-
ކަނޑުދަތުރުފަތުރުގެ ބަސްކޮށާރު: ކެރީބިއަންގެ 'ޓައިނޯ' މީހުން އުޅަނދަކަށް ކިޔަނީ "ކަނޯއާ" (މިއީ މިއަދުގެ ކެނޯގެ އަޞްލެވެ). މިއީ ކުދި އަދި ހަލުވި އުޅަނދުތަކަށް ހުޅަނގު އެފްރިކާގެ މާލީ ރަސްކަމުގައާއި ޢަރަބި ބަހުން ކިޔާ "ކަނޫ" އަދި "ޤަނަވާ" އާ ދިމާވާ ބަހެކެވެ.
މި ގުޅުމަކީ ހަމައެކަނި ބަހުގެ ގުޅުމެއް ނޫނެވެ. ކްރިސްޓޮފަރ ކޮލަމްބަސް އޭނާގެ ދުވަހުގެ ލިޔުންތަކުގައި ބުނެފައިވާ ގޮތުން، އަޞްލު ވަޒަންވެރިންގެ އަތުގައި "ގުއަނީން" ކިޔާ ރަނުގެ ޚާއްޞަ ބާވަތެއް ހުއްޓެވެ. ސްޕެއިން މީހުން މި ރަން ޔޫރަޕަށް ފޮނުވައިގެން ޓެސްޓުކުރިއިރު، އެ ރަނުގައި ހުރި ރަން، ރިހި، އަދި ކޮޕަރގެ ނިސްބަތަކީ ހަމަ އެ ދުވަސްވަރު ހުޅަނގު އެފްރިކާގެ ރަސްކަމުން ހަދަމުން ދިޔަ ރަނުގެ ލޯގަނޑުތަކާ އެއްގޮތް ނިސްބަތެކެވެ.



